ރައްޔިތުންގެ މަޖިލީހުގެ އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން މަޖިލީހަށް ހުށަހަޅުއްވާފައިވާ "މީޑިއާ ކޮންޓްރޯލް ބިލު" ބަލައިގަންނަން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ވޯޓެއް ނުދޭނެ ކަމަށާއި އެ ބިލު މަޖިލީހުން ބޭރުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ ސަރުކާރަށް އެއް އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާއަށްފަހު ސަޕޯޓަރުންނާ ސަލާން ކުރައްވަނިކޮށް އެ ސަރަހައްދަށް ދިޔަ ބައެއް ނޫސްވެރިން އެ ބިލާ ގުޅޭގޮތުން ސުވާލުކުރުމުންނެވެ.

" އެ ބިލް (މީޑިއާ ކޮންޓްރޯލް ކުރާ ބިލް) މަޖިލީހުން ބޭރު ކުރާނަން. އޮފްކޯޒް (ބަލައެއް ނުގަންނާނަން). ދެކޮޅޭ ބުނެފައި އެއަށް ތާއިދުކުރީމަ ކިހިނެތްވާނީ؟،" ރައީސް ވިދާޅުވިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ނަމުގައި ކޮމިޝަނެއް އުފައްދަން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން ގިނަ ނޫސްވެރިންނާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އަދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހަންނާން ހުށަހެޅުއްވި އެ ބިލުގެ މަގުސަދެއް ކަމަށް ބުނެފައިވަނީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް، ގާނޫނުއަސާސީން ނޫސްވެރީންނަށް ލިބިދޭ ހައްގުތައް، ޒިންމާދާރު ކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީޑީއާތަކާއި މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރީންނާއި އެހެނިހެން ފަރާތްތަކުން އަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމެވެ.

ބިލުގައި ވަނީ އެ ކޮމިޝަންގައި ހަތް މެންބަރުން ހިމެނޭނެ ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ތިން މެންބަރުންނެވެ.

އެ ބިލުގެ މައްސަލައިގައި އެމްޖޭއޭއިން ވަނީ ޝަކުވާ ހުށަހެޅުމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމާވެސް ބައްދަލުކޮށްފައެވެ. އަދި ނޫސްވެރިން އަންނަނީ ރައީސަށް ޕެޓިޝަނެއް ހުށަހެޅުމަށްވެސް ތައްޔާރު ވަމުންނެވެ.