ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ ހަމައަށް ވާސިލުވެވޭތީ، އިދިކޮޅު އެމްޑީޕީން މަޝްރޫއުތައް ހުއްޓުވަން ބޭނުންވާނެ ކަމަށާއި ސިޔާސީގޮތުން ބިރުގަންނަން ޖެހޭ ކަމެއް ނެތް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުން ސިޔާސީގޮތުން ގާނޫނީ އެއްވެސް ދިމާލަކަށް ހާޒިރުކޮށް، ސުވާލުކޮށް އެއްވެސް މަސައްކަތެއް ކޮށްފައި ނޯންނާނެ ކަމަށާއި ރައީސް އެ ދެއްވާ ޔަގީންކަމަކީ އެއީ ކަމަށެވެ.
"ސިޔާސީގޮތުން އެމްޑީޕީން ބިރުގަންނަން ޖެހޭ ފަދަ ކަމެއް އޮވެގެން ނުވާނެ. ވަރަށް ހަމަޖެހޭ، ވަރަށް ފަސޭހަ ދިރިއުޅުމެއް އުޅެވެން އެބައޮތް މި ތަނުގައި. އެހެންނަމަވެސް މި ހަމަޖެހުމާއެކު ކުރިއަށްދާ ނަމަ، އަޅުގަނޑުމެންގެ ރައީސް ބޭނުންވާ ތަސައްވުރާއި ރައްޔިތުން ބޭނުންވާ ތަސައްވުރާ ހަމައަށް ވާސިލުވެވިދާނެ ކަމުގެ ބިރުވެރިކަން އެމްޑީޕީގެ ހިތުގައި އަބަދުވެސް އޮވޭ. އެހެންވީމާ އެއީ އެ ބޭފުޅުންގެ މަގުސަދަކަށްވާނީ މި މަޝްރޫއުތައް ހުއްޓުވާލުން،" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ އެމްޑީޕީން މި ސަރުކާރަށް ހެޔޮ ބަހެއް ބުނާނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށާއި މީގެ ކުރީ ވެރިކަންތަކުގައި ހިންގަން އުޅުނު ރައްޔިތުންނަށް ފައިދާ ހުރި ބޮޑެތި ބިޔަ މަޝްރޫއުތަކެއް އެމްޑީޕީން ނުކުމެ ހުއްޓުވާފައިވާ ކަމަށެވެ. އެހެންކަމުން އެމްޑީޕީން ސިޔާސީގޮތުން ކޮންމެ ކަމެއް ވެސް ކޮށްފާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
"ކިތަންމެ ރަނގަޅު ކަމެއް އަޅުގަނޑުމެން ކުރަން އުޅުނަސް އޭގެ ކޮންމެވެސް ދިމާލަކުން ރައްޔިތުންނަށް ވިސްނުވައިދޭން މަސައްކަތްކުރާނެ ގޯސްތަކެއް އެބަހުއްޓޭ. އެހެންނަމަވެސް އޭރު ހިންގަން ހުރި ބޮޑެތި ޕްރޮޖެކްޓުތައް ރާއްޖޭގައި ހިންގުނު ނަމަ، ރާއްޖެ މިހާރު އޮންނާނީ މި ސްޓޭޖަކު ނޫން. ދިވެހިންނަށް ވަޒީފާ ނުލިބިގެން އުޅޭކަށް ނުޖެހޭނެ. އެހެންމަވެސް އެ ބޭފުޅުންނާ ހުރެ މިއަދު މި ހިސާބުގައި މިއޮތީ،" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ ކޮވިޑުގެ ތެރޭގައި ކުރީ ސަރުކާރަށް ބޭރުގެ ގައުމުތަކުންނާއި އެހެނިހެން ގޮތްގޮތުން ލިބުނު ފައިސާގެ އެހީތެރިކަމާއެކު އެތައް ބައިވަރު އެހީއެއް ލިބިފައި އޮތް އިރު، މިދިޔަ ފަސް އަހަރުގެ ތެރޭ ކުރީގެ އަހަރުތަކާ ނުބައްދަލު ވަރަށް ދަރަނި އުފައްދާފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަންތަކަށްފަހު ކޮންމެ ފަހަރަކު ވެސް މަސައްކަތް ފަށަން ޖެހެނީ ސުމަކުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު