ބޭރު ފައިސާއާ ބެހޭ އާ ގަވާއިދާ ގުޅިގެން، ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ޗަމްޕާގެ ވިޔަފާރިތަކާއި ގިނަ ރިސޯޓުތަކެއް ހިންގާ މުހައްމަދު އުމަރު މޫސާ (އެމްޔޫ މަނިކު)ގެ ޔުނިވާސަލް ރިސޯޓްސް އަދި އިތުރު ރިސޯޓު ވިޔަފާރިތަކަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

"ވަން"އަށް އެނގިފައިވާ ޗަމްޕާގެ ވިޔަފާރިތަކުންނާއި ޔުނިވާސަލް ރިސޯޓްސް އިން އެކަމާ ދެކޮޅު ކަމަށްބުނެ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވަނީ ސިޓީ ފޮނުވައިފައެވެ.

އެ ދެ ކުންފުނިން ވަކިވަކިން ފޮނުވި ސިޓީތަކުގައި އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވަނީ ކޮންމެ ފަތުރުވެރިއެއްގެ އަތުން 500 ޑޮލަރުގެ މަހުން ޑޮލަރު މާރުކުރުމަށް މަޖުބޫރުވުމެވެ. އެގޮތަށް އެކަން ކުރުމުގެ ސަބަބުން ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއްވެ، ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެދާނެ ކަމަށްބުނެ، އެކަމުގެ ސަބަބުން މުވައްޒަފުންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އެ ކުންފުނިތަކުން ވަނީ އެމްއެމްއޭއަށް އަންގައިފައެވެ.

އެ ސިޓީތަކުގައި ގަވާއިދު އެކުލަވާލުމުގެ ކުރިން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހިޔާލު ހޯދާފައިނުވާކަން ފާހަގަކޮށްފައިވާ އިރު، އެ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން އެކަމަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ވެސް ދީފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.

ޗަމްޕާ އިން ފޮނުވި ސިޓީގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެތައް ބަޔަކަށް އެކަމުގެ ގެއްލުން ކުރިމަތިވާނެތީ، ގަވާއިދު އުވާލުމަށް ވަނީ ގޮވާލައިފައެވެ.

އެނގިފައިވާ ގޮތުގައި ޗަމްޕާ އާއި ޔުނިވާސަލް ރިސޯޓްސްގެ އިތުރުން ވެސް 40 އަށްވުރެ ގިނަ ރިސޯޓުން ވަނީ އެމްއެމްއޭއަށް ސިޓީތައް ފޮނުވައިފައެވެ. އެ ރިސޯޓުތަކުން ވެސް ކަންބޮޑުވުން ފާޅުކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ އިތުރަށް މަޝްވަރާކުރުމަށް ވަނީ އެދިފައެވެ.

ފަތުރުވެރިކަމުގެ ދާއިރާ އިން ރާއްޖެއަށް ވަންނަ ޑޮލަރު ބޭންކިން ސިސްޓަމަށް ވެއްދުމުގެ މަގުސަދުގައި އެމްއެމްއޭގެ ބޯޑުން ފާސްކުރި އާ ގަވާއިދުގައި، ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކަށް ވަކި ވަރަކަށް ޑޮލަރު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހެއެވެ. އެކަމަށް ދެ ކެޓަގަރީއެއް ވަނީ ކަނޑައަޅައިފައެވެ.

ކެޓަގަރީ އޭގައި ހިމެނެނީ ޓޫރިސްޓް ރިސޯޓްތަކާއި އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓުތަކާއި ރިޒޯޓް ހޮޓާތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތައް އަދި އެނޫންވެސް އެފަދަ ތަންތަނެވެ. އެ ކެޓަގަރީގެ ތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހެއެވެ.

ކެޓަގަރީ ބީގައި ހިމެނެނީ ޓޫރިސްޓް ގެސްޓްހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނެވެ. އެ ކެޓަގަރީގެ ތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހެއެވެ.

އެ ފައިސާ މާރުކުރަން ޖެހެނީ މީލާދީ މަސް ނިމި، އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިންނެވެ. މާނައަކީ މި ގަވާއިދަށް މިއަދު އަމަލުކުރަން ފެށި ނަމަވެސް ޓޫރިސްޓް ފެސިލިޓީއަކުން ބޭންކަކަށް ޑޮލަރު މާރުކުރަން ޖެހޭނީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިންނެވެ.