ދެކުނު އެފްރިކާގެ މައިނެއްގައި ތާށިވެފައިވާ 4000 މީހުން ސަލާމަތްކުރަން ސަރުކާރުން ދެކޮޅު ހަދައިފިއެވެ.

ދެކުނު އެފްރިކާގެ ސަރުކާރުން ވަނީ މިހާރު އަމަލު ކުރަން ފަށާފައިވާ ގަވާއިދާ ހިލާފަށް މައިން ކުރާ ފަރާތްތަކާއ މެދު އަމަލުކުރާނެ ގޮތާއި ބެހޭ ޕޮލިސީއާ އެއްގޮތައް އަމަލު ކުރަން ނިންމާފައިވާކަމަށް ބުނެފައެވެ.

އެ ގައުމުގެ ސްޓިލްފޮންޓެއިންގައި ގަވާއިދާ ހިލާފަށް އޮޕަރޭޓު ކުރަމުން ދިޔަ މައިން ތެރޭގައި 4000 މީހުން ތާށިވެފައިވާ ކަމަށާއި އެ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ އެހީތެރިކަމުން މަހުރޫމު ވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ސަރުކާރުން ވަނީ ގަވާއިދާ ހިލާފަށް އޮޕަރޭޓުކުރަމުން އަންނަ އެ މައިން ބަންދުކޮށް އެތަނުގެ ބޭރުގައި ފުލުހުން ބައިތިއްބާފައެވެ. އަދި އެ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ ހިދުމަތްތަށް ފޯރުކޮށްދިނުން ހުއްޓުވާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ފުލުހުން ވަނީ މައިނުގައި ތިބި މީހުންނަށް އެއްވެސް އެހީތެރިކަމެއް ނުދެވޭނެ ކަމަށާއި އެމީހުން އަމިއްލަޔަށް މައްޗަށް އެރުމުން ހައްޔަރު ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ. ފުލުހުން ވަނީ އެ މައިނުން މިހާތަނަށް 20 މީހަކު ނިކުމެފައިވާކަމަށް ބުނެފައެވެ.

މިދިޔަ ހަފުތާގައިވެސް ދެކުނު އެފްރިކާގެ އެކި ސަރަހައްދުގައި ހުރި މައިންތަކުން 1000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަމަށް އެ ގައުމުގެ ފުލުހުން ބުނެއެވެ. އަދި ގަވައިދާ ހިލާފަށް އޮޕަރޭޓުކުރާ ހުރިހާ މައިންތަކެއް ބަންދުކޮށް އެ މަސައްކަތުގައި އުޅޭ މީހުން ހައްޔަރުކުރުމަށް ފުލުހުން ވަނީ ނިންމާފައެވެ.