ހިޔާ ފުލެޓެއްގެ ތެރެއިގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މީހަކު ރަހީނުކޮށް ބޯބާލައި، އިނގިލި ބުރިކޮށްލަން އުޅުނު މައްސަލައާ ގުޅިގެން އެ ފުލެޓުގެ ވެރި މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހަމަ އެ ރޭ 12 މީހަކު ހައްޔަރުކޮށްފައެވެ.
- ގދ. ވާދޫ، ވެހި، އަލްމާން އަލީ ހާލިދު (22އ)
- މާލެ، މ. ހަތިކަނޑު، މުހައްމަދު އިޒްކާން (18އ)
- ކ. ގުރައިދޫ، ޒުނައިޓްވިލާ، އިޒާން އަހުމަދު (18އ)
- ށ. ފޯކައިދޫ، ދަންމަރު، އަހްމަދު ޒާހިދު (36އ)
- ލ. މާވަށް، ޖަމީލާމަންޒިލް، އާދަމް ހުސައިން (48އ)
- ލ. އިސްދޫ، ހިޔަލީގުލްޝަން، އިބްރާހިމް ނަޝީދު (34އ)
- މ. ކޮޅުފުށި، އާރެސް، ހަސަން އާލިބް (38އ)
- ގދ. ވާދޫ، ޖަނަވަރީގެ، މުޝްތާގު ޝާކިރު (37އ)
- ހުޅުމާލެ، ހިޔާ 03-17-14 މާލެ، ވިސާން މުހައްމަދު (30އ)
- ގދ. ވާދޫ، ޗިޗަންޑާގެ، ވިޝާމް މުހައްމަދު (23އ)
- މާލެ، ވ. ގާމާ، އިސްމާއިލް ވިސާމް މުހައްމަދު (29އ)
- ބ. ގޮއިދޫ، ނައިޓްސްޓާ، އަހުމަދު ސަމީހު (22އ)
އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ސާމީ ވިދާޅުވީ ރަހީނުކުރުމުގެ އެ ހާދިސާ ހިނގައިފައިވަނީ ހިޔާގެ ނުވަވަނަ ޓަވަރުގެ 20 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމެންޓުގައި ކަމަށެވެ. އެ އެޕާޓްމެންޓުގެ ވެރިފަރާތަކީ ލ. މާވަށް، ޖަމީލާމަންޒިލް، އާދަމް ހުސައިން (48އ) ކަމަށް އޭނާ ވިދާޅުވިއެވެ.
ސާމިހު ވިދާޅުވީ ފުލުހުން އެ އެޕާޓްމެންޓަށް ވަންއިރު ރަހީނުކޮށްފައިވާ މީހާ ހުރީ ބެލްކަނީގައި ކަމަށެވެ. އޭރު އެތަނުގައި އިސްތަށި ހުރި ކަމަށާއި ތުހުމަތުކުރެވޭ މީހުން ވަނީ ރަހީނުކޮށްފައިވާ މީހާގެ ބޯ ބާލައިފައި ކަމަށެވެ.
"އެޗް9ގެ ސީސީޓީވީ ފޫޓޭޖްތައް ބަލަމުން ދަނިކޮށް، އަޅުގަނޑުމެންނަށް ސީދާ އެ މީހާ ރަހީނުކޮށްގެން އުޅޭ އެޕާޓްމެންޓްވެސް އަޅުގަނޑުމެންނަށް ލޮކެޓް ކުރެވިގެން ދިޔަ، އަޅުގަނޑުމެން ވަގުތުން މި ސިޓުއޭޝަން އެނަލައިސްކޮށްފައި އިތުރު ވަގުތު ހޭދަނުކޮށް، އަޅުގަނޑުމެން ބްރީޗިން ކިޓް ބޭނުންކޮށްގެން ދޮރުގެ ތަޅު ހަލާކުކޮށްގެން އެތެރެއަށް ވަނީ،" ސާމީ ވިދާޅުވިއެވެ.
"19:50 ގައި މައްސަލަ ހުށަހެޅި، އަޅުގަނޑުމެންނަށް އެތަނަށް ވަދެވުނީ 21:25 ހާއިރު، އެހެންވީމަ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންނަށް އެތަނަށް އެޓެންޑް ކުރެވުނުކަމުން، ރަހީނު ކުރި މީހާއަށް އިތުރު ގެއްލުންތަކެއް ނުލިބި މީހާ ސަލާމަތް ކުރެވުނުކަން އެއީ އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން،" އޭނާ ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފުލުހުންގެ ސީރިއަސް އެންޑް ހައި އިމްޕެކްޓް ކްރައިމްގެ ސީނިއާ އޮފިސަރެއް ކަމަށްވާ އަލީ އިސްމާއިލް ވިދާޅުވީ ރަހީނުކުރުމުގެ އެ މައްސަލައަކީ ފައިސާގެ މައްސަލައަކާ ގުޅިގެން ހިނގި ކަމެއް ކަމަށެވެ.
"ފުލުހުންނަށް އެ އެޕާޓްމެންޓަށް އެ ގަޑީގައި އާދެވުނީ އޭނާގެ އިނގިލިތައް ބުރިކުރާނެ ކަމަށްބުނެ އިންޒާރެއް ދީފައި ވަނިކޮށް ކަމަށް ވިކްޓިމް ބުނެފައިވަނީ،" އަލީ އިސްމާއިލް ވިދާޅުވިއެވެ.
އެ ހާދިސާ ހިނގި އެޕާޓްމެންޓަކީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ ބޭނުންކޮށް ވިޔަފާރި ކުރަމުންދާ ތަނެއް ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުމުން ބަލައިފާސްކޮށްފައިވާ އެޕާޓްމެންޓެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެފަހަރު އެ އެޕާޓްމެންޓުން މަސްތުވާތަކެތި ކަމަށް ލަފާކުރެވޭ ތަކެތި އަޅައިފައިވާ ޕެކެޓުތަކާއި ބިޔަރު ދަޅުތައް ފެނުނު ކަމަށެވެ.
އަލީ އިސްމާއިލް ވިދާޅުވީ ރަހީނުކުރުމުގެ ހާދިސާ ހިނގި ރޭ ވެސް ފުލުހުން އެ އެޕާޓްމެންޓް ބަލައިފާސްކުރުމުން އެތަނުން ވަނީ މަސްތުވާތަކެތި ފެނިފައި ކަމަށެވެ. ރަހީނުކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރި އެންމެން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ޝައްކުކުރެވިގެން ޔޫރިން ދިނުމަށް ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ފިޔަވައި، އެންމެން ޔޫރިން ދިނުމަށް ދެކޮޅު ހަދައިފައިވާ ކަމަށް އަލީ އިސްމާއިލް ވިދާޅުވިއެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އެޕާޓްމެންޓުގެ ވެރިފަރާތް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް އަލީ އިސްމާއިލް ވިދާޅުވިއެވެ.
ސާމީ ވިދާޅުވީ، މި ހާދިސާގައި ރަހީނުކޮށްފައިވާ ފަރާތަށް ނަފުސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފައިވާތީ ފުލުހުންގެ ވިކްޓިމް ސަޕޯޓް ޔުނިޓާ ގުޅިގެން އެމީހާ ރައްކާތެރި ހިސާބަކަށް ގެންގޮސް، ކައުންސިލިން ދެމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު