މީޑިއާތައް ކޮންޓްރޯލު ކުރުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ނަމުގައި ކޮމިޝަނެއް އުފައްދަން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން ސަރުކާރަށް އަމާޒުވަމުންދިޔަ ފާޑުކިޔުންތަކާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން ހުށަހެޅުއްވި އެ ބިލުގެ މަގުސަދެއް ކަމަށް ބުނެފައިވަނީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް، ގާނޫނުއަސާސީން ނޫސްވެރިންނަށް ލިބިދޭ ހައްގުތައް، ޒިންމާދާރު ކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީޑީއާތަކާއި މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން އަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމެވެ.

ބިލުގައިވަނީ އެ ކޮމިޝަންގައި ހަތް މެންބަރުން ހިމެނޭނެ ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ތިން މެންބަރުންނެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފު ނުވާހާ ހިނދަކު، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދުގައި ކޮންމެ ދިވެއްސަކަށް ވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާ އެކު ބޭނުން ކަމެއް ކުރުމުގެ ހައްގު އޮންނާނެ ކަމަށެވެ.

"ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން،" ރައީސް ވިދާޅުވިއެވެ.

މިއަދު މަޖިލީހަށް ހުށަހެޅި ބިލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނަށް އައްޔަންކުރަން ފެންނަ ފަރާތްތަކުގެ ނަންތައް މަޖިލީހަށް ފޮނުވައިގެން ރުހުން ހޯދަން ޖެހޭނެ ކަމަށެވެ. ބިލުގައިވާގޮތުން މީޑިއާތަކުން ކޮމިޝަންގައި ހިމެނޭ މެންބަރުން އިންތިހާބު ކުރާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތީން އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިހާބަކުންނެވެ.

މި އިންތިހާބުގައި ވޯޓު ލެވޭނީ ބްރޯޑްކާސްޓް މީޑިއާ ހިމެނޭހެން، ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަސް އަހަރު ވެފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި އެތަންތަނުގައި މަސައްކަތްކުރާ ނޫސްވެރީންނަށެވެ.

މި ބިލުގައި ވަނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސަކާއި ނައިބު ރައީސެއް އައްޔަން ކުރާނީ މަޖިލީސްގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. މި ކޮމިޝަންގެ މެންބަރުކަމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. ނަމަވެސް ވިދިވިދިގެން ދެ ދައުރަށްވުރެ ގިނަ ދުވަހު މެންބަރުކަމެއް ނުކުރެވޭނެއެވެ.

ބިލުގައިވާ ގޮތުން، ކަނޑައަޅާފައިވާ ގޮތުގެމަތީން ނޫހުގައި ޝާއިއު ނުރާތާ 12 މަސްދުވަސްވެފައިވާ ނޫސްތަކާއި، ރަޖިސްޓްރީ ކުރުމުގައި ކަމެއް އޮޅުވާލައިފައިވާ ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެއެވެ. ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސް އޮތް ފަރާތަކުން މި ގާނޫނާއި ސުލޫކީ މިންގަނޑާ ހިލާފު ވެއްޖެ ނަމަ، ވޭތުވެދިޔަ އަހަރު އެ ފަރާތަށް ލިބުނު އާމްދަނީގެ 10 ޕަސެންޓަށްވުރެ ބޮޑު ނޫން އަދަދަކުން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.

ކޮމިޝަނުން އަންގާ ގޮތަށް، ކުރި ކުށް ރަނގަޅު ނުކޮށްފިނަމަ އެ ފަރާތެއްގެ ޕްރޮގްރާމް ޝެޑިއުލްގެ ބައެއް ވަގުތީ ގޮތުން މެދުކަނޑާލުމަށް އެންގުމާއި އެ ތަނަކުން ފޮނުވާ ކޮންޓެންޓަކީ އިސްލާމްދީނާއި ގައުމީ ސަލާމަތާއި އާންމު ނިޒާމު ނުވަތަ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ބެލެވިދާނެ ހާލަތުގައި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތައް މެދުވެރިކޮށް އެ ކޮންޓެއްޓެއް ބްރޯޑްކާސްޓްކުރުން ހުއްޓުވޭނެ ކަަމަށްވެސް ބިލުގައިވެއެވެ. މީގެ އިތުރުން މަސައްކަތް ކުރުމަށް ބޭނުންކުރާ އާލާތްތައް ހިފެހެއްޓުމާއި، ކޯޓަށް ހުށަޅައިގެން ލައިސަންސް ބާތިލު ކުރުމާ ހަމައަށް ފިޔަވަޅު އެޅުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.

ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވާ ނަމަ އެ ނޫހެއް ނުވަތަ މަޖައްލާއެއް، 5000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމާއި، މީޑީއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރީން 5،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށްވެސް ބިލުގައި ހިމަނާފައިވެއެވެ.