އއ. ރަސްދޫގެ ބޭރުގައި ސްނޯކަލިންއަށް ގޮސް އުޅުނު ޗައިނާ ފަތުރުވެރިޔަ މަރުވި ހާދިސާ ހިނގި އިރު، އޭނާ ސްނޯކެލިންއަށް ގެންދިޔަ ކުންފުނީގެ ރަޖިސްޓްރީ އޮތީ ހަމަވެފައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވާލަންޖެހޭ ގަވާއިދުތަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ޓޫރިޒަމް މިނިސްޓްރީގެ ބޭފުޅުން މިއަދު ވަނީ ހާޒިރުކޮށްފައެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ސްނޯކަލިންއަށް ގޮސް އުޅުނު މީހާ މަރުވި ގޮތާ ބެހޭގޮތުން އެމްޑީޕީގެ ގަލޮޅު އުުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވީ ރަސްދޫގައި އެ ހިދުމަތްދިން ތަނަކީ ރަޖިސްޓްރީކޮށްގެން ހިންގި ތަނެއް ނަމަވެސް، ހާދިސާ ހިނގީ ލައިސަންސް އާނުކޮށް އޮއްވައި ކަމަށެވެ.
"އާނުކޮށް އޮއްވައި އެ ހާދިސާ ހިނގާފަ އޮތީ. އެ ހާދިސާ ހިނގިއިރުގައި އެތަނުގެ ރެޖިސްޓްރޭޝަނެއް ނެތް،" އޭނާ ވިދާޅުވިއެވެ.
އއ. ގަންގެހި ރިސޯޓު ބޭރަށް ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިޔާ މަރުވީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
މި ބައްދަލުވުމުގައި މާފުއްޓާއި ރަސްދޫގައި ހިނގައިދިޔަ ހާދިސާތަކާ ގުޅިގެން އެޅީ ކޮން ފިޔަވަޅެއްތޯ އާއި އެ ކުންފުނިތަކުގެ ލައިސަންސް އޮތްތޯ ކުރި ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ އެ ހާދިސާގެ ފަހުން އަލުން ރަޖިސްޓްރީކުރަން ހުށަހަޅާފައި އޮތް ކަމަށެވެ.
ނަމަވެސް އެކަމާ ގުޅިގެން ގަވައިދުން އެޅެން އޮތް އެންމެ ބޮޑު ފިޔަވަޅެއް އަޅަން އަންގާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މާފުއްޓާއި ރަސްދޫގައި ހިނގައިދިޔަ ހާދިސާއާ ގުޅިގެން ފުލުހުންނާ ގުޅިގެން ކޮމިޓީއެއް އެކުލަވާލައި ތަހުގީގު ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.
އެންމެ ބޮޑު ކަމެއްގެ ގޮތުން، އިސްނަގައިގެން ކުރިއަށްގެންދަން ނިންމާފައިވާ ކަމަކީ ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ހިންގާ ރަށްރަށުގައި ލައިސަންސް ނެތި ހިދުމަތްދޭ ފަރާތްތައް ދެނެގަތުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޓޫރިޒަމްގެ ޑޭޓާބޭސް އޮންނަ ގޮތުން އެނގެނީ ލައިސަންސް އޮތް ފަރާތްތައް އެކަނި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު