މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމުގެ ބިލު މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ އެޖެންޑާކޮށްފައެވެ.

މި ބިލު މަޖިލީހަށް ހުށަހަޅުއްވާނީ، އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރެވެ.

އެ ބިލުގައިވާ ގޮތުން ކޮމިޝަން އެކުލެވިގެންވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މެންބަރުންނާއި މީޑިއާ އިން އިންތިހާބުކުރާ ތިން މެންބަރުންނެވެ. ކޮމިޝަނުގެ މެންބަރުންނަށް ފަސް އަހަރުގެ ދައުރެއް ލިބެއެވެ. ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް ބިލުގައި ބުނެފައިވެއެވެ.

އެމްއެމްސީ އަކީ އޮންލައިން ނޫސްތަކުގެ ބެލެނިވެރި ފަރާތެވެ. ބްރޯޑްކޮމް އަކީ ބްރޯޑްކާސްޓަރުންގެ ބެލެނިވެރި ފަރާތެވެ. އޭގެ ތެެރެއިން ކޮންމެ މުއައްސަސާއެއް އުފައްދާފައިވަނީވެސް އެކަމަށް ހާއްސަ ގާނޫނަކުންނެވެ.

މިހާރު އެމްއެމްސީގެ ގާނޫނު އޮންނަ ގޮތުން އެ ކައުންސިލަށް 15 މެންބަރުން އައްޔަންކުރަން ޖެހެނީ އިންތިހާބަކަށް ގޮސްގެންނެވެ. ދެ އަހަރުގެ ދައުރެއް އޮންނަ އިރު، އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ ރަޖިސްޓަރީކޮށްފައިވާ މީޑިއާތަކަށެވެ. ނަމަވެސް ބްރޯޑްކޮމްގެ ގާނޫނުގެ ދަށުން މެންބަރުން އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުވައިގެންނެވެ.

މި ދެ މުއައްސަސާއަކީ އެއްކަހަލަ މަސައްކަތްތަކެއް ކުރާ ތަނަކަށްވެފައި ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން މީގެކުރިންވެސް މި ދެ މުއައްސަސާ އެއްކޮށްލުމުގެ މަސައްކަތް ފެށުމަށް މަޝްވާކޮށްފައިވެއެވެ. ސަރުކާރުތަކުން އެ ވާހަކަތައް ދައްކަމުންދާތާ މިހާރު ގިނަ އަހަރުތަކެއް ވަނީ ވެފައެވެ.