ތިމާމެންނަކީ ޖުމްހޫރިއްޔަތާއި، ދީމިޤުރާޠިއްޔަތާއި، ޤާނޫނުގެ ޙުކުމާއި، ޢަދުލުއިންޞާފާއި، އިންސާނީ ޙައްޤުތަކާއި، އަޚްލާޤާއި ސުލޫކުގެ ރިވެތި ނަމޫނާގެ އަހުލުވެރީން ކަމަށް ވާ، އަދި ޙަޟާރަތްތެރިކަމުގެ އަހުލުވެރީން ކަމަށް ދަޢުވާ ކުރާ ހުޅަނގުގެ ޙަޤީޤަތް، މިއިން ޒަމާނަކު ނުވާ ވަރަށް މިހާރު މިއޮތީ ބޭޒާރު ވެ ފަޟީޙަތް ވެފައެވެ.
ފަލަސްޠީނުގެ ބިމުގައި – ޚާއްޞަކޮށް އޮކްޓޯބަރު 2023 އިން ފެށިގެން ޣައްޒާގައި – ހުޅަނގުން އެމީހުންގެ ޖައްލާދު ސަހުޔޫނީ އިސްރާއީލު ލައްވައި ހިންގަމުން ދާ ޤަތުލުޢާއްމާއި ޖެނޮސައިޑުން ސާބިތު ވެ ފެނިގެން ދިޔަ ޙަޤީޤަތަކީ، ހުޅަނގަކީ އަނިޔާވެރިކަމާއި ރަޙުމުކުޑަކަމާއި ލެޔަށް ފެންބޮވައިގަތުމުގައި އެފަދަ ދެވަނައެއް ނެތް ބައެއް ކަމެވެ. ދޮގުވެރިކަމާއި، ޙީލަތްތެރިކަމާއި، މަކަރުވެރިކަމާއި، މުނާފިޤުކަމުގައި އެމީހުން އަރައިތިބި މިންވަރެވެ. ނަސްލީ ތަޢައްޞުބާއި، ދީނީ ޙަސަދައާއި، ދުނިޔޭގެ މާއްދީ މުއްސަނދިކަމުގެ ދަހިވެތިކަމާއި، ބާރާއި ނުފޫޒަށް ނިވައްތައިގެންފައި ތިބުމުގައި އެމީހުން ޙައްދުފަހަނައަޅައި ގޮސްފައި ތިބި މިންވަރެވެ.
ނަމަވެސް، ހުޅަނގުގެ މި ދެންނެވި ހުތުރު ޙަޤީޤަތް ފައުޅު ވެފައި ވަނީ އިއްޔެއަކު މިއަދަކު ޣައްޒާގެ ބިމުގައެއް ނޫނެވެ. ފާއިތު ވި އެތައް ސަތޭކަ އަހަރެއްގެ ތާރީޚުގެ ޞަފުޙާތަކުން ފެންނަނީ ހަމަ އެ މަންޒަރެވެ. ދުނިޔޭގެ މާއްދީ މުއްސަނދިކަމާއި މުދަލުގެ ދަހިވެތިކަމުގައި، ދުނިޔޭގެ އެހެން ޤައުމުތަކާއި ބިންތަކުގައި ހުރި އެހެން މީސްތަކުންގެ ޤުދުރަތީ ވަސީލަތްތައް ކޮންމެ ގޮތަކުން ވެސް ދަމައިގަނެ އަމިއްލަ ފައިދާއަށް ބޭނުން ކުރުމުގައި އުޞޫލެއް ހަމައެއް ނެތުމުގެ އިތުރުން، ޢަޖާއިބު ވާ ފަދަ ރަޙުމުކުޑަކަމާއި އަގަލުކުޑަކަން ހުޅަނގުން ދައްކަމުން ގެންދާ މަންޒަރެވެ. ހުޅަނގުގެ މި އަނިޔާވެރިކަމުގެ ޝިކާރައަކަށް އެންމެ ބޮޑަށް ވެފައި ވާ އެއް ބަޔަކީ އެފްރިކާއެވެ. އެފްރިކާގައި ހުރި ޤުދުރަތީ ވަސީލަތްތައް ކޮންޓްރޯލް ކުރުމާއި، އެ ވަސީލަތްތައް ހިލޭ ނެގުން ފަދަ ހެޔޮ އަގުގައި "ގަނެވޭނެ" މަގުފަހި ކުރުމަށާއި، އެ ވަސީލަތްތަކާ ހަމަޔަށް އެފްރިކާގެ ރައްޔިތުންނަށް ވެސް އަދި ހުޅަނގު ނޫން އެހެން ބަޔަކަށް ވެސް ނުދެވޭނޭ ގޮތް ހެދުމަށް ޓަކައި، ހުޅަނގުން ވަނީ އެފްރިކާގެ ހުރަހަށާއި ދިގަށް ބާދު-އިސްތިއުމާރިއްޔަތުގެ ވަރުގަދަ ދަލެއް ފަތުރައިފައެވެ. މި ދަލުގެ އަޅުވެތިކަމުން ނެއްޓޭން ފާއިތު ވި ފަސްދޮޅަހަކަށް ހަތްދިހަ ވަރަކަށް އަހަރުގެ ތެރޭގައި މަސައްކަތް ކުރެއްވި އެފްރިކާގެ ގިނަ ލީޑަރުންނަށް ހުޅަނގުން ބޯން ދީފައި ވަނީ މަރުގެ ހިތި ތަށްޓެވެ.
1960 އިން މިއަދާ ހަމަޔަށް ހަމައެކަނި އެފްރިކާގެ ޤައުމުތަކުގައި ހުޅަނގުން ވަނީ 68 ބަޣާވާތް ހިންގުވައިފައެވެ. މިއިން ކޮންމެ ބަޣާވާތަކީ އެތައް މިލިއަން ރައްޔިތުންނެއްގެ ހުވަފެންތަކާއި ދިރިއުޅުން ބަރުބާދު ކޮށްލި ފަނާގެ އަލިފާނެކެވެ. އެތައް ހާސް، ބައެއް ފަހަރު އެތައް ލައްކަ، އިންސާނުންނެއްގެ ފުރާނަ ގެއްލި، ގުނައި ޢަދަދު ނުކުރެވޭހައި އަންހެނުންނާއި ކުޑަކުދީން ކަތިލެވި، އެތައް ހާސް އަންހެނުން ރޭޕް ކުރެވި، ޢާއިލާތައް ހަލާކު ވެ، މީސްތަކުންގެ ގެދޮރާއި މުދާ އަންދައިލެވި، ހިތެއް އޮތް ކޮންމެ މީހެއްގެ ލޮލުން ލޭކަރުނަ އަޅާން ޖެހޭ ވަރުގެ ޙާލަތުތަކަކަށް އެތައް މިލިއަން އިންސާނުން ވައްޓައިލި މުޞީބާތެކެވެ. އެފްރިކާގެ 27 ޤައުމެއް، ހުޅަނގުގެ ސިޔާސީ އަދި އިޤްތިޞާދީ މަޞްލަޙަތުތައް ޙިމާޔަތް ކުރުމަށް ޓަކައި ގެނެވުނު މި ބަޣާވާތްތަކުގެ ހިތިކަން ދެކެފައި ވެއެވެ. މިއިން އެއްވެސް ޤައުމަކަށް، އަދިއަދާ ޖެހޭންދެން ވެސް، އެ ބަޣާވާތްތަކުގެ ގެއްލުމުން އަރައެއްނުގަނެވެއެވެ. އެތައް ޤައުމެއް އަދިވެސް ވަނީ އެ ބަޣާވާތްތަކުގެ އަލިފާނުން އަނދައި ހަނާ ވޭވެއެވެ.
ހުޅަނގުގެ މި ދަންނަވާ އަނިޔާވެރިކަން ފެނިގެން ދިޔަ އެންމެ ހިތްދަތި އެއް އެޕިސޯޑަކީ، ކޮންގޯގެ ވަޠަނީ ލީޑަރު ޕެޓްރިސް ލުމުމްބާ އަވަހާރަ ކޮށްލި ހާދިސާއެވެ.
ޕެޓްރިސް ލުމުމްބާ އަކީ ޕޭން-އެފްރިކަން މުޙައްރިކެކެވެ. އެފްރިކާގެ އެންމެ ބޮޑު އެއް ޤައުމު ކަމަށް ވާ ކޮންގޯގެ ޤައުމީ ބަޠަލެކެވެ. އޭނާގެ ޤައުމު ހުޅަނގުގެ މަނަހުގެ ދަށުން މިނިވަން ކުރައްވައި، ޤުދުރަތީ ވަސީލަތްތަކުގެ ގޮތުން އިންތިހާއަށް މުއްސަނދި ކޮންގޯއަށް ޙަޤީޤީ މާނައިގައި ޤައުމީ ސިޔާދަތާއި އިސްތިޤްލާލާއި މިނިވަންކަމާއި ފާގަތިކަން ގެންނެވުމަށް މަސައްކަތް ކުރެއްވި ލީޑަރެކެވެ.
ނަތީޖާ އަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އާއި ޔޫރަޕުގެ ބޮޑެތި ބާރުތަކުގެ ބާރުވެރީންގެ މަޖިލިސްތަކުން އޭނާގެ ނިތްކުރިފުޅުގައި ހަރުކަށި ޑިކްޓޭޓަރެއްގެ ތައްގަނޑު ޖެހުމެވެ. ދޮންމީހުންނާ ދެކޮޅު ބޭފުޅެއްގެ ލޭބަލް ޖެހުމެވެ. ކޮމިޔުނިސްޓެއްގެ ގޮތުގައި ސިފަ ކުރެވުމެވެ. "ޑިމޮކްރަސީ" އާއި "އިންސާނީ ޙައްޤުތަކާ" ދެކޮޅު އަނިޔާވެރިއެއްގެ ލޭބަލް ޖެހުމެވެ. އެޔަށްފަހު، މިނިވަން އަދި އިންޞާފުވެރި އިންތިޚާބެއްގައި – ޑިމޮކްރެޓިކް އުޞޫލުން – ކޮންގޯގެ ފުރަތަމަ ބޮޑުވަޒީރުކަމަށް އިންތިޚާބު ކުރެވިފައި އެއިރު ހުންނެވި ލުމުމްބާ، އެމެރިކާ އާއި ބެލްޖިޔަމާއި އިނގިރޭސީންގެ އިރުޝާދުގެ ދަށުން ގެނެވުނު ބަޣާވާތެއްގައި ވެރިކަމުން ދުރު ކުރެވުނެވެ. އޭނާގެ ބަދަލުގައި މި ޤައުމުތަކުން ކޮންގޯގެ ވެރިކަމުގެ ގޮނޑީގައި ބެއިންދީ އެމީހުންގެ ޕަޕެޓެއް ކަމުގައިވާ ޖޯސެފް މޮބޫޓޯއެވެ.
އެމެރިކާ އާއި ބެލްޖިއަމާއި އިނގިރޭސީންގެ ޖާސޫސީ އިދާރާތަކާއި ޢަސްކަރިއްޔާތަކުން ދެން ރޭވީ، ލުމުމްބާ އަވަހާރަ ކޮށްލުމުގެ ރޭވުންތަކެވެ. މި ރޭވުންތައް ތަންފީޛު ކުރެވުނީ ފުރަތަމަ ލުމުމްބާ ގޭބަންދުގައި ބަހައްޓައި، ދެން މަތިންދާބޯޓެއްގައި އޭނާ ކޮންގޯގެ ކަޓަންގާއަށް ގެންގޮސް، ހަށިކޮޅަށް ބަޑި ޖަހައި އަވަހާރަ ކޮށްލައިގެނެވެ. އަވަހާރަ ކޮށްލުމުގެ ކުރީން، ބެލްޖިއަމް ސިފައިންނާއި، ހުޅަނގުގެ އޯޑަރަށް މަސައްކަތް ކުރަމުން ދިޔަ ކޮންގޯގެ ހަނގުރާމަވެރީން އޭނާއަށް ވަރަށް ބޮޑަށް ވޭންދެނިވި ހާނީއްކައިގެ އަނިޔާ (torture) ކުރިއެވެ. އަވަހާރަ ކޮށްލުމަށް ފަހު، ބެލްޖިއަމް ސިފައިން އެންމެ ފުރަތަމަ ލުމުމްބާގެ ހަށިކޮޅު ވަޅު ލީއެވެ. ނަމަވެސް ދެ ދުވަހެއްގެ ތެރޭގައި ހަށިކޮޅު ކޮނެގެން ނެގުމަށް ފަހު، ކުދިކުދިކޮށް ކޮށައިފައި، ސަލްފިޔުރިކް އެސިޑަށް އަޅައި ވިރުވައިލީއެވެ. އެސިޑުގައި ހަލާކު ނުވި ބައިތައް އަލިފާނުން އަންދައިލީއެވެ. ޢާއިލާއާ ހަމަޔަށް ލުމުމްބާގެ ހަށިކޮޅުން ލިބުނު ހަމައެކަނި އެއްޗަކީ ދަތްޕުޅެކެވެ. އެ ދަތްޕުޅު އެތައް ދުވަހަކަށް ފަހު ޢާއިލާއަށް ލިބި، 2022 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ވަނީ "ވަޅު" ލެވިފައެވެ.
މިއީ ހުޅަނގުން ދުނިޔެ ކޮންޓްރޯލް ކުރުމަށް ހިންގަމުން ދާ ލެއިން ތަތް ތެޅިފައި ވާ ކުޅިގަނޑުގެ އެއް އެޕިސޯޑުގެ ވާހަކައެވެ. މި ވާހަކަތައް މުޅި ދުނިޔެއަށް އެނގެއެވެ. ނަމަވެސް، ހުޅަނގުގެ ޕްރޮޕެގެންޑާ މެޝިނުގެ އަޑު މަޑެއް ނުވެއެވެ. އެމީހުންގެ ފަރާތަކުން ނަދާމަތެއް، ލަދުވެތި ވުމެއް، ތިމާމެންނަށް ކަންތައް މި ކުރެވޭ އަނިޔާވެރި އަދި ބޭއިންޞާފު ގޮތާ މެދު ހިތުގައި އެއްވެސް ކަހަލަ ހިތާމައެއްގެ ޝުޢޫރެއް ހިނގާކަމުގެ އަސަރެއް ވެސް ނުފެނެއެވެ. ފޭރުމާއި، މެރުމާއި، އެންދުމާއި، މަނަސް ފެތުރުމާއި، ތިމާމެންގެ އަނިޔާއާ ދެކޮޅަށް ތެދު ވާ ކޮންމެ މީހެއްގެ ބޮލުގައި ޓެރަރިޒަމް ފަދަ ކުށްތަކުގެ ތުހުމަތު އަޅުވައި އަބުރު ކަތިލުން ފަދަ ހުރިހައި ކަމެއް ދަނީ ފުރިހަމަ ބާރާ އެކު ކުރިޔަށެވެ. އެޔާއެކު، ހަރު އަޑުން އަދިވެސް ގޮވަނީ އިންސާނީ ޙައްޤޭ، ޤާނޫނުގެ ޙުކުމޭ، ޑިމޮކްރަސީއޭ، މިނިވަންކަމޭ، ހަމަހަމަކަމޭ، މި ގޮވެލިތަކެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު