ރައްޔިތުންގެ ބާރަށް އިހުލާސްތެރި ވާންޖެހޭނެ ކަމަށާއި ކަނޑު ވިއްކާލި މައްސަލަ، ރައްޔިތުންގެ މަޖިލީހުން ބަލަން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ޑިމޮކްރަސީއަކީ ހަމައެކަނި ތިން ބާރު ވަކިވެފައި އޮތުމެއް ނޫން ކަމަށާއި އަބަދުވެސް މަޖިލީހުގެ ތެރޭގައި ސަރުކާރު ހިންގާ ޕާޓީގެ މެންބަރުން ގިނަވުމުން ދެ ބާރު އޮންނާނީ އެއްކޮށް ކަމަށެވެ. އަދި ރައްޔިތުންގެ ބާރަކީ ރައްޔިތުންގެ ތެދުވެރިކަމާއި ރައްޔިތުންގެ އިހުލާސްތެރިކަން ކަމަށް ވިދާޅުވިއެވެ.

"ރައްޔިތުންގެ ބާރު ތިމަންމަމެންގެ އަތުގައި އޮތްކަމަށް އިހުލާސްތެރިވާންވީ. އެހެންވީމާ މި ސަރުކާރުން މި ހަދާ ގޯސްތައް ކަނޑައެޅިގެން ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް އެނގޭނެ. އެމީހުންނަށް އެނގޭނެ އެމީހުން އެ ތިބީ ގާނޫނުއަސާސީއާ ހިލާފުވެގެންކަން. އެމީހުންނަށް އެނގޭނެ އެމީހުން މަޖިލީހުގެ ގޮނޑިތައް ފުރަމުންދާ އިރު، އެ ތިބެނީ ގާނޫނުއަސާސީއާ ހިލާފުވެގެންކަން އެނގެންވާނެ. އަނެއްކާ މަޖިލީހުގެ އަމިއްލަ އިސްނެގުމުން އެބަ ބަލަން ޖެހޭ އިބްރާހިމް މުހައްމަދު ސޯލިހު ވިއްކާލި ކަނޑުގައި އެ ހިންގި ޖަރީމާ މަޖިލީހުން ތަހުގީގުކުރަން ޖެހޭކަން އެބަ އެނގޭ،" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެކަންކަން ކުރަން މަތިވެފައި ތިބި ބަޔަކު ހުވާކޮށްގެން، ރައްޔިތުންގެ މުސާރަ ނަގައިގެން އެބަތިބި ކަމަށެވެ. އަދި ރާއްޖެ މިހާ ހިސާބަށް ދިޔައީ އެބޭފުޅުންގެ އިހުލާސްތެރިކަމެއް ނެތީމުން ކަމަށް ޔާމީން ވިދާޅުވިއެވެ.

"މިކަންކަމެއް ދިވެހިރާއްޖޭގައި އިސްލާހެއް ނުކުރެވޭނެ. އަމިއްލައަށް މި މީހުންގެ ހުރި މައްސަލަތައް ބަލައިލަން މި މީހުންނަށް އެ ބަލަންޖެހޭ ފަރާތަށް އެ ބޭރު ދޭން ނުކުރެންޏާ، ދެން ކޮން ވާހަކައެއްތޯ މަތިން އޮމާންކޮށްފައި ރީތިކުރަން މި ދައްކަނީ. އެހެންވީމާ އެބޭފުޅުން ދައްކަވާ ވާހަކަތައް ވަޒަންކުރާ، އެބޭފުޅުން ދައްކަވާ ވާހަކަ އިވެލުއޭޓްކުރާ ބަޔަކު ދިވެހިރާއްޖޭގައި ތިބިކަން ގަބޫލުކުރަންވާނެ،" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރާއްޖޭގައި ފަށުވި ދިވެހި ބަހެއް ނުހިނގާނެ ކަމަށާއި މިއަދު ރާއްޖޭގައި ހިނގާނީ ތެދުބަހުން ވާހަކަދައްކާ، ރައްޔިތުންގެ ހައްގުތަކަށް އަރައިނުގަނެ، ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރާ މީހުންގެ ވާހަކަ ކަމަށެވެ. އަދި ރިވެތި ބަހުން ވާހަކަދެއްކިޔަސް، އަޑީގައި އޮންނާނީ ހުތުރު ކަންތައްތައް ކަމަށް ޔާމީން ވިދާޅުވިއެވެ.