މޫސުމީ ބަދަލުތަކާ ދެކޮޅަށާއި ކާނާގެ ރައްކާތެރިކަމަށް ރާއްޖެއިން ކުރާ މަސައްކަތްތައް 21 މިލިއަން ޑޮލަރުގެ އެހީތެރިކަމެއް ދިނުމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ން ނިންމައި އެކަން އިއުލާންކޮށްފިއެވެ.
އޭޑީބީން މިއަދު ބުނީ ރާއްޖެއަށް ދިނުމަށް ނިންމައިފައިވާ 21 މިލިއަން ޑޮލަރުގެ ތެރެއިން ހަތަރު މިލިއަން ޑޮލަރަކީ ލުއި ލޯނެއް ކަމަށެވެ. 17.95 މިލިއަން ޑޮލަރަކީ އެންމެ ފަގީރު އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް ދޭ ހިލޭ އެހީގެ ދަށުން ދޭ ފައިސާ ކަމަށް އޭޑީބީން ބުންޏެވެ.
އޭޑީބީން ބުނީ އެ ފައިސާގެ އެހީގައި އައްޑޫ ސިޓީ އަދި ހއ. އަތޮޅުގައި ކްލައިމެޓް ސްމާޓް އާބަން ފާމިން ޓެކްނޮލޮޖީ ތައާރަފު ކުރާނެ ކަމަށެވެ. އަދި ހދ. ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި ދިރާސާ ކުރެވޭނެ މަލްޓިޕާޕަސް ފެލިޓީއެއް ވެސް ބިނާކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
އައްޑޫ އާއި މާލޭގެ ހުންނަ މޫސުމީ މައުލޫމާތު ދެނެގަތުމަށް ބޭނުންކުރާ އާލީ ވާނިން ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އޭރުން ވަގުތުން މޫސުމާއި އާލީ ވާނިން ސިސްޓަމްތައް މޮނިޓާ ކުރުމުގެ ގާބިލުކަން ރާއްޖެއަށް ލިބިގެންދާނެ ކަމަށް އޭޑީބީން ބުންޏެވެ.
ކުޅުދުއްފުށި ސިޓީގައި ދިމާވާ ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ ސިޓީގައި ފެން ހިންދާ ނިޒާމަކާއި ފިލްޓަރޭޝަން ނިޒާމެއް ގާއިމުކުރުމުގެ އިތުރުން އެ ސިޓީގެ ކަނޑޫފާ ސަރަހައްދު އަލުން އާލާކޮށް، ގުދުރަތީ ވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އޭޑީބީން ބުންޏެވެ.
އޭޑީބީގެ އިކޮނަމިސްޓް މިޗިކޯ ކަޓަގަމި ވިދާޅުވީ، ރާއްޖެއަށް މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑުވަނީ ރާއްޖޭގެ ގިނަ ރަށްތައް ކަނޑުގެ ލޮނުގަނޑަށްވުރެ އެއް މީޓަރު އުހުގައި ހުންނާތީ ކަމަށެވެ. އަދި ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ނާޒުކު ހާލަތަކަށް ވެއްޓިދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންކަމުގެ ސަބަބުން ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ވަރަށް ނާޒުކު ހަލަތަކަށް ހިނގައިދިޔުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު