ޓްރީޓޮޕް ހޮސްޕިޓަލުން މިއަހަރުގެ ދެވަނަ ހިތާނީ ކޭމްޕްގައި ރަޖިސްޓަރީކުރުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އެ ކޭމްޕުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިއްޔެއިން ފެށިގެން އަންނަ މަހުގެ 27 ގެ ނިޔަލަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ ކޭމްޕުގައި ހިދުމަތްދިނުމަށް ހަމަޖެހިފައިވަނީ އޮޕަރޭޝަން ފަރުވާއަށް ހާއްސަވެފައިވާ ޑޮކްޓަރުންނާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުން ހިމެނޭ ގޮތަށް ތަޖުރިބާކާރު މެޑިކަލް ޓީމަކުންނެވެ. އެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ ޑރ. ހުސައިން ހަދީވް، ޑރ. އުކްތަމް އަބްދުއްލާޔެވް، ޑރ. މައުމޫން އާސިމް، ޑރ. އިބްރާހީމް މުއުމިން، ޑރ. މުހައްމަދު ޝަރީފް، ޑރ. އަބްދުﷲ އުބައިދު އަދި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު ޑރ. މެހްމެތު އޮޑަރެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ޗީފް އެކްޒެކެޓިވް އޮފިސަރު ޑރ. ސްރިވަސްތަން ސްރީދާރް ވިދާޅުވީ، މިއަހަރުގެ ކުރީކޮޅު ހިތާނީ ކޭމްޕުތަކަށް ލިބުނު ތަރުހީބު މިއަހަރުގެ ޑިސެމްބަރު މަހުވެސް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި އެ ކޭމްޕު ކުރިއަށްގެންދާ އިރު، ކުދީންނަށާއި މައިންބަފައިންނަށް ހިތްހަމަޖެހޭ މާހައުލެއް ގާއިމުކުރުމަށް އިސްކަންދެއްވާނެ ކަމަށެވެ. އަދި އެންމެ ފުރިހަމައަށް ހިދުމަތްތައް ދިނުމަށް ޑޮކްޓަރުންގެ ޓީމެއް އެކުލަވާލާފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ ހިތާނީ ޕެކޭޖުގެ އަގަކީ 5,000 ރުފިޔާ ކަމަށާއި އޭގެ އިތުރުން، ކޮޓަރި އަޕްގްރޭޑް ކުރުމަށާއި ޕްރައިވެޓް ކޮޓަރިތަކަށް ހާއްސަ އަގުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.
ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް އަދި އިތުރު މައުލޫމާތު ހޯދުމަށް 3351610 އަށް ގުޅުމަށް އެ ހޮސްޕިޓަލުން އެދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު