މިމަހުގެ ތެރޭ ދަރުމަވަންތަ ހޮސްޕިޓަލު އަދި ހުޅުމާލެ ހޮސްޕިޓަލު ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް ހުޅުވިގެންދާނެ ކަމަށާއި ކެންސަރު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލު އަލުން ހުޅުވިގެންދާނީ ޓާޝަރީ ފެންވަރަށް ހުރިހާ ހިދުމަތެއް ގާއިމުކުރުމަށްފަހު ކަމަށެވެ.

"ނޮވެމްބަރު މަހުގެ 16 ގައި އަޅުގަނޑުމެން ދަރުމަވަންތަ ހޮސްޕިޓަލު އެބަ ޓާޝަރީ ހޮސްޕިޓަލަކަށް ހަދަން. އެތަނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ގާއިމުކޮށް. ކުރިން ބައެއް މީހުން ހޮހޮޅައެއް ގޮތަށް ސިފަކުރި ތަނެއް، ދަރުމަވަންތަ ހޮސްޕިޓަލު ހަގީގީ ހޮސްޕިޓަލަކަށް ހަދައި ޓާޝަރީ ހޮސްޕިޓަލެއް ގޮތަށް ހުރިހާ ފެސިލިޓީއެއް ގާއިމުކޮށްފައި ނޮވެމްބަރު 16 ގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހުޅުވާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުޅުމާލެއަކީ ވަރަށް ގިނަ ރައްޔިތުން އުޅޭ ތަނެއް ނަމަވެސް، ޓާޝަރީ ފެންވަރަށް އެތަނުން ހިދުމަތް ދެވިފައިނުވާ ކަމަށެވެ. އަދި އެ ފެންވަރަށް ގެނައުމަށް ބަދަލުތަކެއް ގެންނަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ 15 ނޫނީ 16، މި ދެ ދުވަހުންކުރެ އެއް ދުވަހެއްގައި، އެންމެ ލަސްވެގެން 16 ގައި ހުޅުމާލޭގެ ހޮސްޕިޓަލު ވެސް މި ދެންނެވި ގޮތަށް ހުރިހާ ހިދުމަތެއް ޓާޝަރީ ފެންވަރަށް ގެނެސް، ހުޅުމާލޭ ހޮސްޕިޓަލު ވެސް ޓާޝަރީ ހޮސްޕިޓަލަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކެންސަރު ހޮސްޕިޓަލު އެޅުމުގެ ވާހަކައާއެކު ބައެއް މީހުން ޖޯކު ޖެހިޔަސް، ރާއްޖޭގައި ކެންސަރުގެ މައްސަލަ ބޮޑުކަމުން އެއީ ހޮސްޕިޓަލެއްގެ ޑިޕާޓްމަންޓެއްގެ އަރިމަތީގައި ހުންނަން ޖެހޭ ވަރުގެ ތަންކޮޅެއްގެ ބަދަލުގައި އެކަމަށް ހާއްސަ ހޮސްޕިޓަލެއް ހުންނަން ޖެހޭ ކަމަށެވެ. އަދި ކެންސަރު ބަލިން ރައްކާތެރިވުމަށް ހަދާ ޓެސްޓުތައް ހެދުމާއެކު، އެ ހުރިހާ ހިދުމަތެއް ހިމެނޭގޮތަށް ފުލްފްލެޖު ކެންސަރު ހޮސްޕިޓަލެއް ރާއްޖޭގައި ގާއިމުކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެކަމަށްޓަކައި އެކުވެރި ދައުލަތްތަކުގެ ކިބައިން އެހީއަށް އެދިފައި އޮންނާނީ. ޕްރޮޕޯސަލް ފޮނުވި، ފީސިބިލިޓީ ސްޓޭޖުން ގޮސް، ސްޓެޕް ބައި ސްޓެޕް އެބަދޭ ކުރިއަށް. އަދި ޔަގީންކަން ވެސް އެބޭފުޅުން ދެއްވާފައި އެބައޮތް. އެ ސްޓޭޖުތައް ފަހަނައަޅައި ފުރިހަމަވެގެން ދިޔައީމާ، ވަރަށް ޔަގީންކަން އެބައޮތް އިރާދަކުރެއްވިއްޔާ މި އަންނަ އަހަރަކީ އަމަލީ މަސައްކަތް ފެށޭނެ އަހަރު،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކެންސަރު ހޮސްޕިޓަލު އެޅުމުގެ މަސައްކަތާއި މެންޓަލް ހެލްތު ހޮސްޕިޓަލާއި ލ. ގަމުގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލާއި އަދި ހުޅުމާލޭގައި ކުޑަކުދިންނާއި އަންހެނުންނަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަށް ވެސް ސަރުކާރުން ނިންމާފައިވާނެ ކަމަށެވެ.