ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް ރަށްތައް ރާއްޖެއަށް ލިބުން މާ ހައްގު ކަމަށް ވިދާޅުވެ، އިނގިރޭސި ވިލާތުގެ ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
އެތައް އަހަރެއް ވަންދެން ކުރި މަޝްވަރާތަކަށް ފަހު އިނގިރޭސި ވިލާތުން މިދިޔަ އޮކްޓޯބަރު މަހު ވަނީ ޗާގޯސް ރަށްތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ޗާގޯސްއަކީ ރާއްޖޭގެ ތާރީހާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް ކަމަށާއި އެހެންވެ އެހެން ގައުމަކަށް އެތަން ލިބުމަށްވުރެ ރާއްޖެއަށް އެ ރަށްތައް ލިބުން މާ އައުލާކަން ބޮޑު ކަމަށެވެ.
"އަދި ދާދި މިދާކަށް ދުވަހު އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ޗާގޯސް ހަވާލުކުރުމާ ގުޅޭ ވާހަކަތަކެއް އިވުނީމައި އަޅުގަނޑުމެން ތާރީހީ ގުޅުމެއް އޮތް ތަނަކަށް އެތަންވާތީ، ރަސްމީކޮށް ލިޔެކިޔުމުން، ސިޓީން، ދިވެހި ސަރުކާރުން ވާނީ މިހާރު އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުވާފައި އެތަނަކީ އަޅުގަނޑުމެންގެ ރަސްރަސްކަލުންގެ ލިޔެކިޔުންތަކާއެކުގައި، ފެންނާންހުރި ލިޔެކިޔުންތަކާއެކުގައި، އެހެން ގައުމަކަށްވުރެ ދިވެހިރާއްޖެއަށް މާ އައުލާކަން ބޮޑު، ދިވެހިރާއްޖޭގެ ތަނެއްގެ ގޮތުގައިވެސް ބެލިދާނެ ތަނެއް ކަމަށް ތާރީހީ ގޮތުން ހުރުމާއެކު ވާނީ ސިޓީ ފޮނުވާފައި،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މިދިޔަ އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް 'ވިއްކާލީ' ގާނޫނުއަސާސީއާ ހިލާފަށް އަދި އެކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ލަފައެއްވެސް ހޯދުމަކާ ނުލާ ކަމަށެވެ.
ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް އެ ކަނޑުގެ ސަރަހައްދު ހޯދުމަށް ކެނޑިނޭޅި ކުރައްވަމުން ގެންދަވާ ކަމަށާއި މި ސަރުކާރު ފެށުނީއްސުރެ މިކަމަށް ހާއްސަކޮށް އެޓާނީ ޖެނެރަލް އޮފީހުގެ މުވައްޒަފަކު އދ. ގައި ހުންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޗާގޯސް ރަށްތައް މޮރިޝަސްއަށް ދޭން އިނގިރޭސި ވިލާތުން ނިންމާފައިވާއިރު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވެސް މީގެ ކުރިން ވަނީ ޗާގޯސްގެ މިލްކުވެރިކަން އޮންނަން ވާނީ މޮރިޝަސް އަށް ކަމަށް އިސްތިޝާރީ ލަފައެއް ނެރެފައެވެ. އަދި އެ ލަފަޔާ އެއްގޮތަށް އަމަލު ކުރުމަށް އދ.ގެ އާންމު މަޖިލީހުންވެސް ފާސްކޮށްފައިވެއެވެ. ރާއްޖެއާ ޗާގޯސް ޖަޒީރާއާ އާ ދެމެދުން ފުށޫއަރާ ކަނޑުގެ ސަރަހައްދު އައިސީޖޭ އިން ބައިކުރީވެސް އެ ކޯޓުގެ ނިންމުމަށް ރިއާޔަތްކުރުމަށްފަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު