ބ. ތުޅާދޫއަށް އުފަން އިސްމާއީލް ތޯރިގު (އިއްސެ)ގެ ނަން ކުޅިވަރު އާއިލާގެ އެންމެންވެސް ދަނެއެވެ. އެތައް ކުޅުންތެރީންނެއްގެ، އެތައް އެތުލީޓުންނެއްގެ އުފާވެރި އަދި ހިތާމަވެރި ވަގުތުތައް އިއްސެގެ ލެންސުން އާއްމުންނާ ހަމައަށް ގެނެސްދީފައިވެއެވެ. ރާއްޖޭގެ ކުޅިވަރުގެ ތާރިހުގައިވެސް ހާއްސަ އެތައް ހިނދުކޮޅުތަކެއް އޭނާގެ ފޮޓޯތަކުން ކުލަ ކޮށްދީފިއެވެ. އަސަރުގަދަ، ޖަޒުބާތީ، ދިރުންހުރި އެތައް ފޮޓޯއެއް އިއްސެގެ ޕޯޓްފޯލިއޯގައި އެބަހުއްޓެވެ. ހުންނަ ޝައުގެއްގެ ބޮޑުކަމުން ސްޕޯޓްސް ފޮޓޯގްރަފީއަށް ވަދެ، މި ދާއިރާއިން ރާއްޖޭގެ އެންމެ އުހަށް ދަތުރުކުރުމަށް އިއްސެ ކުރީ ނަމޫނާ އަދި ބުރަ ދަތުރެކެވެ. އެއީ ނުގުޑާ އަޒުމެއްގައި ހޯދި އިތުބާރާއި ޔަގީންކަމެކެވެ.

ރަށު ސްކޫލުން ގްރޭޑް ހަތަކާ ހަމައަށް ތައުލީމު ހާސިލުކޮށް، ތައުލީމީ ހަޔާތުގެ ބާކީ ބައި ފުރިހަމަކުރީ މާލޭގެ މަޖީދިއްޔާ ސްކޫލުގައެވެ. ތައުލީމީ ހަޔާތް ނިންމައި، ކުޅިވަރު ފޮޓޯގްރަފީގެ މަސައްކަތަށް ނުކުތުމަށް ކެމެރާގައި އެންމެ ފުރަތަމަ ހިފީ 2015 ވަނަ އަހަރުއެވެ.

"އެންމެ ފުރަތަމަ ނެގީ 2015 ވަނަ އަހަރު އަމިއްލަ ރަށުގައި އޮތް ކައުންސިލް ފުޓްސަލް މުބާރާތެއް. އެއީ ނޫހަކުން ދިން ފުރުސަތެއްގައި ރައްޓެއްސެއްގެ ކެމެރާއަކުން ނެގި މުބާރާތެއް. އެ ފޮޓޯތައް ސްޕޯޓްސް ފޮޓޯގްރަފީގައި އުޅޭ މީހުންނަށް ކަމުދިޔަ. ދެން އެހެން ގޮސް، ފަހުން އަނެއްކާވެސް 2017 ވަނަ އަހަރު އެމްވީ.ފޯރި ކިޔާ ކުޅިވަރަށް ހާއްސަ ވެބްސައިޓަކަށް ފޮޓޯ ނަގަން ފެށިން،" އިއްސެ އޭނާގެ ސްޕޯޓްސް ފޮޓޯގްރަފީ ހަޔާތް، އޭނާ ކާމިޔާބީއާ ހަމައަށް ކުރި ދަތުރު ފެށިގެން އައި ގޮތް "ވަން ސްޕޯޓްސް"އަށް ހިއްސާ ކުރަމުން ބުންޏެވެ.

ފުރަތަމަ ފެށުމުގައި އިއްސެ ބޭނުންކުރީ އަމިއްލަ ވަސީލަތްތަކެއް ނޫނެވެ. ގަލޮޅު ދަނޑަށް މެޗުތައް ނަގަން ވަނީވެސް އެކުވެރީންގެ ކެމެރާ ހިފައިގެން، އެކުވެރީން ހަމަޖައްސަދިން ފުރުސަތުތަކުގެ އެހީގައެވެ.

"އޭރު އަބްދުﷲ އަބީދު ބުނާނެ ހަމައެކަނި ކާޑެއް ހިފައިގެން އަންނާށޭ. ތިމަންނަ ދެން ހުރި ބައިތައް ފުރިހަމަ ކޮށްލަދޭނަމޭ. ދެން އެހެން ގޮސް ޝައްމާން ގެންގުޅުނު ކެމެރާއަކާއި އަފްރާހް ގެންގުޅުނު ކެމެރާއަކުންވެސް އޭރު ނެގިން. ފުރަތަމަ ފަހަރަށް ފާހެއް ހެދިގެން ގައުމީ ދަނޑަށް ވަން ދުވަސް އަބަދުވެސް ވަރަށް ބޮޑަށް ހަނދާންވޭ،" އިއްސެ ކިޔައިދިނެވެ.

ހަމައެކަނި ފުޓުބޯޅައެއް ނޫނެވެ. އެހިސާބުން އިއްސެ ކޮންމެ ކުޅިވަރަކަށްވެސް ޝައުގުވެރިކަމާއެކު ވަންނަން ފެށިއެވެ. އެ ކުޅިވަރެއް ދަސްކުރަން އަމިއްލަ ވަގުތު ހޭދަކޮށް، އިންޓަނެޓުންވެސް މައުލޫމާތު ހޯދައި، ދާއިރާއަށް ފުރިހަމައަށް ވަންނަން އަމިއްލަ ވަގުތު ހުސްކުރިއެވެ.

އެމްވީ.ފޯރިން ލިބުނު ފުރުސަތުގެ އިތުރުން ވީނިއުސްގައި މަސައްކަތް ކުރަމުންދިޔަ ތަޖުރިބާކާރު ނޫސްވެރިޔާ އަދި ބޭބެ އަހުމަދު ރިފާއުގެ އެދުމަށްވެސް ފޮޓޯ ނަގައިދެމުން ގޮސް، މަޑުމަޑުން އާއްމުންނާ ހަމައަށް ވާސިލުވިއެވެ. ސްޕޯޓްސް ފޮޓޯގްރަފީގެ ދަތުރު މަޑުމަޑުން ކުރިއަރަމުން ގޮސް، ދުވެލި ބާރުވީ 2017 ވަނަ އަހަރު އިމޭޖަސް އެމްވީއާ ގުޅުނު ހިސާބުންނެވެ.

"އިމޭޖަސްއިން ފުރުސަތު ލިބުނީ 2017 ވަނަ އަހަރު ސެޕްޓެމްބަރު މަހު ތެރޭގައި. އެއީ ދެން މި މަސައްކަތް ރަސްމީކޮށް ފެށުނު ހިސާބަކީ. އެފަހަރު ފުރުސަތު ލިބުނީ އިމޭޖަސްގެ ފައުންޑަރު، ޑރ. ސިނާން ބޭރަށް ކިޔަވަން ދާން ވެގެން. އެކުވެރި އަބީދު މަގުފަހިކޮށްދިން ފުރުސަތެއް އެއީ. ދެން އަބީދަކީ މެންޓާ. އަބަދުވެސް އެންމެ ގާތުން އެހީތެރިކަން ދޭ މީހަކީ އެއީ،" އިއްސެ އިތުރަށް ބުންޏެވެ.

އިއްސެ ކުޅިވަރު ފޮޓޯގްރަފީއަށް ނުކުތް އިރު، ކުޅިވަރަށް ހާއްސަ ފޮޓޯގްރަފަރުން އެހާ އާއްމެއް ނޫނެވެ. 2000 ގެ ކުރީކޮޅުން ފެށިގެން ކުޅިވަރު ފޮޓޯގްރަފީ ރާއްޖޭގައިވެސް ފެށިގެން އައި ނަމަވެސް، އޭރު އެހެން ދާއިރާތަކުގައިވެސް އެ ފޮޓޯގްރަފުން މަޑުމަޑުން ފެންނަމުން ދިޔައެވެ. ހާއްސަކޮށް ކުޅިވަރު ފޮޓޯގްރަފީގެ ކެރިއަރަށް ގިނަ ބަޔަކު ބަރޯސާވެފައެއް ނެތެވެ. އެހެން އެކަން އޮތް ނަމަވެސް، އިއްސެ ކުޅިވަރު ފޮޓޯގްރަފީއަށް ނުކުތީ ނުގުޑާފަދަ އަޒުމެއް އޮވެގެންނެވެ.

"އަބަދުވެސް ކުރިޔަށް ދިޔައީ ޔަގީންކަން އޮވެގެން. އެއްވެސް ގޮތަކަށް، އެއްވެސް އިރަކު ހުއްޓާލަންވީއޭ ހިތަކަށް ނާރާ. ލިބޭ ކޮންމެ ފުރުސަތެއްގެވެސް ބޭނުންކުރަމުން ދިޔައީ. އެކަމަކު މިއީ ކުރިއަށް ނުދެވޭނެ ފީލްޑެއް ކަމަކަށް އެއްވެސް ހިސާބަކުން ހިތަކަށް ނާރާ. އިމޭޖަސްއާ ގުޅުނު ހިސާބުން މި ދާއިރާއިން ކުރިއަށް ދާން އަމިއްލަ ނަފުސަށް ވަރަށް ބޮޑަށް އިތުބާރު ލިބިގެންދިޔަ،" އިއްސެ ބުންޏެވެ.

އިއްސެގެ ކެރިއަރު ބިނާކުރުމަށް އެންމެ މުހިއްމު މަގެއް ކޮށައިދިނީ އިމޭޖަސް އެމްވީންނެވެ. އިމޭޖަސް އެމްވީން އިއްސެއަށް ފަހިކޮށްދިން ކޮންމެ ފުރުސަތެއްގެ ބޭނުން އޭނާ ދިޔައީ ހިފަމުންނެވެ. އެ ފުރުސަތުތަކުގެ ތެރެއިން ބައިނަލްއަގުވާމީ މައިދާނުގައިވެސް އޭނާ ވަނީ މުހިއްމު ހަރުފަތްތަކެއް ގިރާކޮށްފައެވެ.

އަށެއްކަ އަހަރުވީ ސްޕޯޓްސް ފޮޓޯގްރަފީ ކެރިއަރު ޖަރީވެފައި ވަނީ ހާއްސަ އެތައް ވަގުތަކެއް އެކުވެގެންނެވެ. އެތައް ގައުމެއްގައި ހޯދި ތަޖުރިބާތަކުންނެވެ. 2018 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި މުބާރާތް ކަވަރުކުރަން ގޮސް އޭނާ ބަންގްލަދޭޝްގައި ހުރީ އިމޭޖަސް އެމްވީއާއެކު އެ މުބާރާތުގެ އޮފިޝަލް ފޮޓޯގްރަފަރެއްގެ ގޮތުގައެވެ. އޭގެފަހުން 2019 ވަނަ އަހަރު މޮރިޝަސްގައި އޮތް އައިއޯއައިޖީއާއި 2023 ވަނަ އަހަރު މަޑަގަސްކަރައިގައި އޮތް އައިއޯއައިޖީގެ އިތުރުން 2022 ވަނަ އަހަރު ތުރުކީގެ ކޮންޔާގައި އޮތް އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އިތުރުން މިދިޔަ އަހަރު ޗައިނާގައި އޮތް އޭޝިއަން ގޭމްސްގައިވެސް އިއްސެ ވަނީ ދިވެހި އެތުލީޓުންގެ ކާމިޔާބީއާއި ހިތްވަރު، ފޮޓޯތަކުން ދިވެހީންނަށް ކުލަ ކޮށްދީފައެވެ.

"ވަރަށް ބޮޑަށް ހާއްސަ އަދި ނޯޓިސް ކުރެވޭ ދެ ވަގުތެއް އެބައޮތް. އެއީ 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ފޮޓޯތައް ނެގުނު ވަގުތާއި 2019 ވަނަ އަހަރު އައިއޯއައިޖީން 14 މެޑެއްޔަށް ޓާގެޓް ކޮށްގެން އެ ހަމަވެގެން އުފާފާޅުކުރި ވަގުތު. ދެން 2019 ވަނަ އަހަރު އައިއޯއައިޖީގައި ޓީޓީ ޓީމުން އެ ހޯދީ ތާރީހީ ކާމިޔާބީގެ ހުރިހާ މަންޒަރެއް ނަގަން ލިބުންވެސް ހަމަ ފާހަގަކޮށްލެވުނު. އޭގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަވީ 2018 ގެ ސާފް ޗެމްޕިއަންޝިޕް. އޮފިޝަލް ފޮޓޯގްރަފަރު ވީމަ އެފަހަރު ފައިނަލުގައި ރާއްޖޭގެ ސަޕޯޓަރަކަށް ހުރެ، އިންޑިއާ މޮޅުވިޔަސް، ރާއްޖެ މޮޅުވިޔަސް ހަމަ ބެސްޓް އެފޮޓް ދޭން ޖެހޭނެކަން އެނގިހުރެ ރާއްޖެ މޮޅުވިތަން ނެގީ،" އިއްސެ އޭނާގެ ހާއްސަ ވަގުތުތައް ސިފަކޮށްދެމުން ބުންޏެވެ.

އެ މަސައްކަތްތަކަށް ދެވަނައެއް ނެތްކަން މިއަދު ރާއްޖޭގެ އެންމެ މަގުބޫލު ފޮޓޯގްރަފުންވެސް ގަބޫލުކުރެއެވެ. ހާއްސަކޮށް ތަޖުރިބާކާރު ސްޕޯޓްސް ފޮޓޯގްރަފަރު، އަދި އިއްސެގެ މެންޓާ އަބީދުގެ ނަޒަރުގައިވެސް އިއްސެއަށް މިހާރު ދެވަނައެއް ނެތެވެ.

"އިއްސެއަކީ މިހާރުގެ ފޮޓޯގްރަފުންނަށް ނަމޫނާއެއް. މިހާރު ކުޅިވަރު ފޮޓޯގްރަފީގައި ރާއްޖޭގައި އެންމެ އުހުގައި އެހުރީ، އެންމެ މޮޅު ކުޅިވަރު ފޮޓޯގްރަފަރަކީ އިއްސެ. އިއްސެގެ މަސައްކަތް ސުމަކުން ފެށުމާ ހިސާބުން މިއަދާއި ހަމައަށް، ސުމަކުން 100 އަށް އޭނާ ކުރި ހިތްވަރު، އޭނާ ކުރި މަސައްކަތް ފެނުނު. އިއްސެގެ ފޮޓޯގްރަފީ ދަތުރަށް އެހީތެރިވެދެވުމަކީ ލިބުނު ފަހުރެއް. އަބަދުވެސް އަހަމުން ދަސްކުރަމުން ދިޔަ ފޮޓޯގްރަފަރެއް އެއީ. މިހާރު އޭނާ ހުރި ހިސާބުން ވަރަށް އުފާވޭ،" އަބީދު ބުންޏެވެ.

އިއްސެގެ ކޮންމެ އިވެންޓެއްގައިވެސް އޭނާ ދައްކުވައިދެނީ އަބީދު އެ ބުނި ބުނުމެވެ. އިއްސެގެ މަސައްކަތުން އޭނާ ހޯދި އިތުބާރު މުޅި ރާއްޖޭގައި މިވަގުތު އެބައޮތެވެ. އެންމެ ބޮޑެތި މުބާރާތްތައް ކަވަރު ކުރުމުގައި އެ ނޫން ނަމެއް ބޭނުން ނުވާ އެތައް ބަޔަކު ތިބޭނެކަން ޔަގީނެވެ.

"ފޮޓޯ ނެގުމުގައި އިއްސެއަކީ ދެވަނައެއް ނެތް މީހެއް. އިއްސެގެ ފޮޓޯއަކަށް ފާޑު ކިޔާނެ ޖާގައެއްވެސް ނޯންނާނެ. ގޯލްޑަން ފުޓްސަލްގެ ފަރާތުންވެސް އަދި އަމިއްލަ ގޮތުންވެސް ވަރަށް ހިތްހަމަ ޖެހޭ އިއްސެގެ ފޮޓޯތަކަށް. އޭނާގެ އަލްޓަނޭޓިވްއެއް މިވަގުތު ނެތް. އިއްސެއަށް އިތުބާރު ކުރެވެނީ ކޮމިޓްމެންޓް ރަނގަޅުކަމުން. އެންމެ ފުރަތަމަ ދިމާވިއިރުން ފެށިގެންވެސް، ނުދަންނަ މީހެއްގެ ގޮތުގަ ދިމާވިއިރުން ފެށިގެން މިއަދާ ހަމައަށްވެސް އިއްސެއާއެކު ކުރި މަސައްކަތުގަ އެއްވެސް ފާޑެއް ކިޔާނެ ޖާގައެއް ނެތް،" ރާއްޖޭގަ ބާއްވާ އެންމެ ޝަރަފުވެރި، އެންމެ ބޮޑު ފުޓްސަލް މުބާރާތް އިންތިޒާމުކުރާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް، ރިލުވާން މޫސާ "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

އިއްސެގެ އެ ވާހަކައިން އެކަނިވެސް އޭނާގެ މިސްރާބު ސާފެވެ. ފަސޭހަ ކަމެއް ނޫން ނަމަވެސް، ސްޕޯޓްސް ފޮޓޯގްރަފީއަކީ ލޯތްބާއެކު އޭނާ ކުރާ މަސައްކަތަކަށް ވުން އެއީ ކޮލިޓީ ހިފެހެއްޓުމުގައި ބޭނުންކުރާ އެންމެ ބޮޑު ހަތިޔާރެވެ. އެ ކޮލިޓީ ހިފަހައްޓަމުން ދާކަން، ކުޅިވަރު އާއިލާއިން ވަޒަން ކުރުމަކީ އިއްސެގެ އެންމެ ބޮޑު ހިތްވަރެވެ. ތަކުރާރުކޮށް އެތައް މުބާރާތެއް ނަގަން ލިބުމަކީ އެކަމުގެ ހެއްކެކެވެ.

"މިއީ ވަރަށް ފަސޭހަ ކަމެކޭ ގިނަ ބަޔަކަށް ހީވެދާނެ. ޝޮޓް ނަގާފަ ހުންނަތަން ފެނުނީމަ އެއީ ވަރަށް ނަސީބު ގަދަ ޝޮޓެކޭވެސް ހިތަށް އަރާނެ. އެއީ އެއްވެސް ހާލެއްގަ އެހެން އޮންނަ ކަމެއް ނޫން. ރަނގަޅު ފޮޓޯއެއް ހޯދަން އެ ކުޅިވަރެއް ދަސްކުރަން ޖެހޭ. އެ ކުޅިވަރެއް ކުރިއަށްދާތަން ކުރީބައިގައި ބަލާން ޖެހޭ. އެންމެ ބޮޑަށް ކުޅިވަރު ދަސްކުރަންވެސް ޖެހޭ. ސެލެބްރޭޝަން، އަދި އެހެން އެމޯޝަންތައްވެސް އަންނާނީ ކޮން ހިސާބަކުންކަން އެނގެން ޖެހޭނެ. ސެލެބްރޭޝަން، އެކްޝަން، އެމޯޝަން މި ނަގަނީ. އެ ޓައިމިންތައް ދިމާކޮށް، އެ ހޯދަން ޖެހޭނެ،" އިއްސެ ކުޅިވަރު ފޮޓޯގެ އަސާސްތައް ބިނާކުރާ ކަންކަން ކިޔައިދެމުން ބުންޏެވެ.

އިއްސެގެ އެ ފިލޯސަފީ މިއަދާ ހަމައަށްވެސް ވަރަށް ކާމިޔާބެވެ. މިއަހަރު މޯލްޑިވްސް ސްޕޯޓްސް އެވޯޑުގައި ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ވިޝުއަލް އާޓިސްޓަކީ އޭނާއެވެ. އެއީ ލިބުނު ހާއްސަ ޝަރަފެކެވެ. އަދި މިދިޔަ އަހަރު ކުރި މަސައްކަތުގެ ސާބިތު ހެއްކެކެވެ.

"ސްޕޯޓްސް އެވޯޑު ލިބުމަކީ ވަރަށް މުހިއްމު ވަގުތު ކޮޅެއް. މިދިޔަ އަހަރުވެސް އުންމީދުކޮށް، މިއަހަރު ލިބުނީމަ ވަރަށް އުފާވޭ އަސްލު. މިދިޔަ އަހަރު ކުރެވުނު މަސައްކަތާ ބަލާފަ ވަރަށް ބޮޑު ޔަގީންކަމެއްވެސް އޮތް. އެއީ އެ މަސައްކަތް މީހުން ބަލައިގެންފަ ވާތީ،" އިއްސެ ބުންޏެވެ.

އިއްސެގެ ނަޒަރުގައި އެވޯޑުގެ ޝަރަފާއެކު، އެތައް ބައެއްގެ އިތުބާރު ލިބި، ފުރުސަތުތައް ފަހިވުމަކީވެސް ބޮޑު ކާމިޔާބީއެކެވެ. ހާއްސަކޮށް އެންމެން އިތުބާރުކުރާ ނަމަކަށްވެ، ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރުގެ އާއިލާއާ އޮންނަ ގުޅުން އޭނާއަށް ހާއްސައެވެ.

ރާއްޖޭގެ ވަރުގަދަ އަމިއްލަ ކުންފުންޏެއްގައި ޒިންމާދާރު މަގާމެއްގައި ވަޒީފާއެއް އަދާކުރަމުން ފޮޓޯ ނެގުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އިއްސެ ވަގުތު ދެނީ ހަރުދަނާ ސިފަތަކެއްގެ މައްޗަށް މީހާގެ ދިރިއުޅުން ބައްޓަން ކޮށްގެންނެވެ.

"ޑިސިޕްލިންނާއި ވަގުތު މެނޭޖުކުރުން އަދި ކޮލިޓީ ހިފެހެއްޓުން އެއީ ވަރަށް މުހިއްމު ކަމެއް. ހާއްސަކޮށް ޑިސިޕްލިން އެއީ ކުރިއަށްދާން އެންމެ މުހިއްމު އެއް ކަންތައް. އަދި މިހާތަނަށް ގަޑި ޖެހުނު އިވެންޓެއް ނޯންނާނެ. އަދި އިވެންޓެއް ދަށްވެގެން ފީޑްބެކެއްވެސް ނާދޭ،" އިއްސެ އިތުރަށް ބުންޏެވެ.

މިއަދުގެ އަރަމުން އަންނަ ފޮޓޯގްރަފަރުންނަށް ސްޕޯޓްސް ފޮޓޯގްރަފީގެ ފީލްޑަކީ ޝައުގުވެރި ފީލްޑެއް ކަމަށްވެސް އިއްސެ ޔަގީންކަން ދެއެވެ. އެއީ ބުރަ ނަމަވެސް، އެތައް ތަޖުރިބާއެއް ކުރެވޭ، އެތައް ޝައުގުވެރި ވަގުތަތަކަކާ ބައްދަލުވާނެ ފީލްޑެއް ކަމަށްވެސް އިއްސެ ފާހަގަކުރިއެވެ. އޭނާގަ ނަޒަރުގައި ކުރާ ހިތުން ކޮށްފިނަމަ، ސްޕޯޓްސް ފޮޓޯގްރަފީއަކީ ހިތްހަމަޖެހުން ބޮޑު މަސައްކަތެކެވެ.

"މިއީ ކުރަން ވަރަށް ރަނގަޅު ކަމެއް. އެކަމަކު ވަރަށް ހިތްވަރު ބޭނުންވާނެ ކަމެއް، ބުރަވެސް ކަމެއް. އަދި ހާއްސަކޮށް ގޭމްސްތަކަށް ގޮސް އުޅޭއިރު ވަރަށް ގިނަ ޗެލެންޖްތައްވެސް އަންނާނެ. ކިތަންމެ ކަންކަން ރަނގަޅަށް އެރޭންޖްކޮށްގެން ދިޔަސް، އަމިއްލައަށް އެޖަސްޓް ވާން ޖެހޭ ކަންތައް ހުންނާނެ. ބުރަޔަކަސް، ގޭމްސްއަކަށް ގޮސްފަ، މުބާރާތަކަށް ގޮސްފަ ނިންމާލާފަ އަންނަ އިރު، ނެގޭ ފޮޓޯތަކާއި ލިބޭ ތަޖުރިބާތަކުން އެ ލިބޭ ހިތްހަމަޖެހުން ހަގީގަތުގަ ވަރަށް ބޮޑު. ކުޅިވަރަށް ލޯބިކުރާ މީހަކަށް ހުސް ވަގުތުގައިވެސް ކުރަން ވަރަށް ރަނގަޅު، އެމީހާގެ ޝައުގުވެރިކަން ހުންނާނެ މަސައްކަތެއް މިއީ،" އިއްސެ އަރަމުން އަންނަ ޖީލަށް ދިން ހާއްސަ މެސެޖެއްގެ ގޮތުގައި ބުންޏެވެ.

އެތައް ވަގުތެއް ހޭދަކޮށް، ބުރަ މަސައްކަތްތަކަކާއެކު ފޮޓޯއަކަށްފަހު ފޮޓޯއެއް ނަގަމުން އައިސް، މިއަދު އިއްސެ ހުރީ ޔަގީނުންވެސް ރާއްޖޭގެ އެންމެ އުހުގައެވެ. އެތައް ބައެއްގެ ކިބައިން އެތައް ކަމެއް ދަސްކޮށް، އެތައް ގޮތަކުން ދަސްކޮށްގެންނެވެ. އާއިލާއާއި ގާތް އެތައް ބައެއްގެ އެހީތެރިކަމާއެކުގައެވެ. އެ ލިސްޓްގެ އެންމެ ކުރީގައި އޭނާ ގެންނަނީވެސް ލޯބިވާ އަންހެނުންނާއި އާއިލާގެ ނަމެވެ. އެއަށްފަހު ކުޅިވަރު އާއިލާ އެވެ.

"މި މަސައްކަތުގައި އެންމެ ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވަނީ އާއިލާ އާއި އަންހެނުންނަށް. އަންހެނުން ވަރަށް ބޮޑު ރޯލެއް މިހާރުވެސް ކެރިއަރުގެ ފަހަތުގައި އަދާކުރޭ. ހާއްސަކޮށް ކާމިޔާބީއާ ހަމައަށް ވާސިލުވާން ވަރަށް މުހިއްމު ދައުރެއް އާއިލާ އާއި އަންހެނުން އަދާކުރި. އޭގެ ފަހުން އިމޭޖަސްއާއި އަބީދަށް ވަރަށް ހާއްސަ ޝުކުރެއް ރައްދުކުރަން ޖެހޭ. ހަމައެއާއެކު ކުޅިވަރު އެސޯސިއޭޝަންތަކަށާއި، ހާއްސަކޮށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރަން ބޭނުންވޭ، އެއީ ފަހިކޮށްދޭ ފުރުސަތުތަކަށް. އަދި އިސްވެރީން ބަހައްޓަވާ ގާތްކަމަށް،" އިއްސެ ބުންޏެވެ.

އިއްސެގެ ކެރިއަރުން ފެންނަނީ ނަމޫނާ ޑިސިޕްލިނަކާއި އަޒުމުގައި ހުރެ ހާސިލްކުރި ކާމިޔާބީތަކެވެ. އިތުބާރާއި ޔަގީންކަން އުފައްދަން ކުރަމުން އަންނަ މަސައްކަތް އަބަދުވެސް ކުރަމުންދިޔުން އެއީ އޭނާގެ ވިސްނުމެވެ. "އެންމެ މުހިއްމު ކަމަކީ ލިބޭ ކޮންމެ ފުރުސަތެއް ބޭނުންކޮށް، ވީހާވެސް ގިނަ ފޮޓޯ ނެގުން،" ކަމަށް އިއްސެ ތަކުރާރުކޮށް ބުނަނީ، އޭނާގެ ތަޖުރިބާއިންނެވެ. އެއީ އިއްސެ ރާއްޖޭގެ އެއްވަނައަށް ކުރި ދަތުރުގައި ބޭނުންކުރި ފިލޯސަފީއެވެ.