ހައްޖު ކޯޕަރޭޝަނުން "ހަލާލް ޓުއަރިޒަމް" ތައާރަފުކުރުމަށް މާފުށީގައި ސިޓީ ހޮޓެލެއް ތަރައްގީކުރުމަށް އެ ކޯޕަރޭޝަނުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ ހައްޖުގެ ކަންކަމަށް ކުރަންޖެހޭ ހޭދައަކީ ބޭރު ފަރާތްތަކާ ކުރަންޖެހޭ މުއާމަލާތްތަކަކަށްވާތީ، މުޅިން ވެސް މުއާމަލާތްކުރަން ޖެހެނީ ބޭރު ފައިސާ އިން ކަމަށާއި މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ބޭރު ފައިސާ ހޯދުމުގެ ދަތިކަން ކަމަށެވެ.

"މިކަން ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެއްކޮށް ދިވެހިރާއްޖެއަށް ހަލާލް ޓުއަރިޒަމް ތައާރަފުކޮށް، މާފުށީގައި ސިޓީ ހޮޓަލެއް ތަރައްގީކޮށް ހިންގުމުގެ މަސައްކަތްކުރުމަށްޓަކައި އަޅުގަނޑުމެން މިހާރު ވާނީ މާފުށީ ކައުންސިލް ކުންފުންޏާއި ހައްޖު ކޯޕަރޭޝަނާ ގުޅިގެން ސަބްސިޑަރީ ކުންފުންޏެއް މިއަދުގެ ވަގުތެއްގައި އިރާދަކުރެއްވިއްޔާ ރަޖިސްޓަރީވެގެންދާނެ. އެއީ ބޯޑުން އެކަން ނިންމައި، މިހާރު ޑޮކިއުމެންޓުތައް ވަނީ އިކޮނޮމިކް މިނިސްޓްރީއަށް ވެސް ސަބްމިޓްކުރެވިފައި،" އޭނާ ވިދާޅުވިއެވެ.

ޝަކީލް ވިދާޅުވީ މާފުށީގައި ސިޓީ ހޮޓަލެއް ތަރައްގީކޮށް ހިންގުމަށް މާފުށިން އެކަށީގެންވާ ބޮޑު ބިމެއް ހަމަޖެހިފައިވާ ކަމަށާއި އެކަމަށް އިންވެސްޓުކުރާނެ ފަރާތްތަކެއް ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި އެ ސިޓީ ހޮޓަލުން ބޭރު ފައިސާއިން ރަނގަޅު އާމްދަނީއެއް ހޯދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ހެދުމުގެ މަސައްކަތްތަކުގެ ދަށުން އާމްދަނީއެއް ލިބޭނެ އެއް ދާއިރާއެއް ކަމަށް ފެނުނީ ރިއަލް އެސްޓޭޓް ދާއިރާ ކަމަށާއި އެގޮތުން ހުޅުމާލޭގައި ލަގްޒަރީ އެޕާޓްމަންޓް ބިލްޑިންއެއް އަޅައި، އެތަން ވިއްކުމަށްޓަކައި ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްއޮތް ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ބަޔަކަށް އެވޯޑުކޮށް، އިމާރާތްކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.