ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން ދެމުން އަންނަ އިނާޔަތް ކަނޑާލަން ޖެހޭކަމަށް ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް މެންބަރުން ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެކަމަށް ގޮވާލައްވައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ، ކުރީގެ ރައީސުންނަށް އިނާޔަތް ދެނީ ރައްޔިތުންގެ ފައިސާއިން ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނިސްބަތް ކުރައްވައި ފަލާހު ވިދާޅުވީ، ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ހޯއްދަވައިގެން ގައުމު ފަސާދަ ކުރައްވަމުން ގެންދަވާ ކަމަށެވެ.
"އެެވަރުންވެސް ވައްކަން ކޮށްގެން ކުދިކުދި ޕާޓީ ހަދައިގެން އަމިއްލަ ގޭގަ ހަތަރު މީހުން ފަސްމީހުން ލައިގެން ގައުމު ފަސާދަކޮށްލަން ޖާގަ ދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން، މިހާރުވެސް ދައުލަތުން ރައީސް ޔާމީނަށް ކުރާ ހަރަދު، ތިންލައްކަ އެތައްހާސް ރުފިޔާއަކަށް އަރާ، އަހަރަކު އެތައް މިލިޔަން ރުފިޔާއެއް އެއީ، އެކަމަކު ކޮންކަމެއްތޯ ގައުމުގެ ލާބައާއި މަންފާއަށް ކުރީ ފަސާދަ ކުރުން ނޫން،" ފަލާހު ވިދާޅުވިއެވެ.
ކުރީގެ ރައީސުންނަށް ދައުލަތުން ދޭ އިނާޔަތް ކުޑަކުރަން ޖެހޭ ކަމަށް، ވެސް ޕީއެންސީގެ ބައެއް މެންބަރުން ވަނީ ގޮވާލައްވައިފައެވެ. ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އެކަމަށް ގޮވާލެއްވީވެސް ރައީސް ޔާމީނަށް ފާޑުވިދާޅުވަމުންނެވެ.
"ދައުލަތުން ދޭ ހަތަރުފަސްލައްކަ ރުފިޔާ ނަގައިގެން ގޮސް އިނގިރޭސިވިލާތުގައި އެކަކު، ޖަރުމަނުގައި އަނެކަކު، ގޭގައި ބޮޑު ގޮޅިއެއް ހަދައިގެން ހަމަ ކޮންމެ ރެޔަކު ފުރޮންޓޭ، މުރޮންޓޭ އުރޮންޓޭ ކިޔައިގެން ޖަލްސާ ބާއްވަނީ،" މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.
އޭނާގެ ވާހަކައިގައި ރައީސް ޔާމީނަށް ނިސްބަތް ކުރައްވައި ވިދާޅުވީ، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު