ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އާއި ގްރީން ޓެކްސް އަދި ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޑިޕާޗާ ޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުކުރުމަށް ކަމާގުޅޭ ގާނޫނުތަކަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށާއި އެއާޕޯޓުން ޓެކްސް އާއި ފީ ނެގުމުގެ ގާނޫނަށް އަދި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ހުސްވި އޮގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ.
ރައީސް ތަސްދީގު ކުރެއްވި އިސްލާހުތަކާ އެކު އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުވާނެއެވެ. އެ އިސްލާހާއެކު އާމްދަނީގެ ގޮތުގައި ދައުލަތަށް އިތުރަށް 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
ގްރީން ޓެކްސް ބޮޑުކުރުމަށް ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރެއްވުމުން އަންނަ އަހަރުން ފެށިގެން ގްރީން ޓެކްސް 100 ޕަސެންޓަށް ބޮޑުވާނެއެވެ.
އެގޮތުން 50 ކޮޓަރިއަށްވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތްދޭ ތަންތަން ނުވަތަ ގެސްޓްހައުސްތަކުން ތިން ޑޮލަރުގެ ބަދަލުގައި ނަގާނީ ހަ ޑޮލަރެވެ. ރިސޯޓުތަކުން ނަގާނީ ޓޫރިސްޓެއްގެ ބޮލަކަށް ހަ ޑޮލަރުގެ ބަދަލުގައި 12 ޑޮލަރެވެ. ނަމަވެސް ޓޫރިސްޓުންގެ ތެރެއިން ދެ އަހަރުން ދަށުގެ ކުދިންގެ އަތުން ގްރީން ޓެކްސް ނުނަގާނެއެވެ. ސަރުކާރުން ބުނާ ގޮތުން މި ބަދަލާއެކު ދައުލަތަށް އާމްދަނީގެ ގޮތުގައި އިތުރު 964 މިލިއަން ރުފިޔާ ލިބޭނެއެވެ.
ޑިޕާޗާ ޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުކުރަން ނިންމާފައިވަނީ އަންނަ މަހުން ފެށިގެންނެވެ. އެ ބަދަލާއެކު އިކޮނޮމިކް ކްލާހުން ދަތުރުކުރާ ދިވެހިންގެ މިހާރުވެސް ނަގަމުން އަންނަ 12 ޑޮލަރަށް ބަދަލެއް ނާންނާނެއެވެ. ނަމަވެސް:
- ބިދޭސީންގެ އަތުން ނަގާ އަދަދު 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުވާނެ
- ބިޒްނަސް ކްލާހުން ދަތުރުކުރާ މީހުންގެ އަތުން ނަގާ އަދަދު 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުވާނެ
- ފަސްޓް ކްލާސްއިން ދަތުރުކުރާ މީހުންގެ އަތުން ނަގާ އަދަދު 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުވާނެ
- ޕްރައިވެޓް ޖެޓުތަކުން ފުރާ މީހުންގެ އަތުން 480 ޑޮލަރު ނަގާނެ
ޚަބަރު
ޚަބަރު
ޚަބަރު