އިއްޔެ ފަތިހު މަޖީދީ މަގުގައި ހުންނަ ޒިއޯން މޯބައިލްސް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ، އެ ފިހާރާއިން ވައްކަން ކުރި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް 20 ދުވަސް ޖަހައިފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. މާރަންދޫ، ފިނިރޯޅި، އަހުމަދު ނިޔާޒް (47އ) އެވެ.
ފުލުހުން އިއްޔެ ބުނި ގޮތުގައި އޭނާ ގެންގުޅުނު ދަބަހެއް ބަލައި ފާސްކުރުމުން ޒިއޯން ފިހާރައިން ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ ނުވަ ފޯނެއް ފެނުނު ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެއެވެ.
އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.
އެ ވީޑިއޯއިން ފެންނަނީ ފިހާރަ ކައިރިން ހިނގައިފައި ދާ މީހަކު އަތުގައި އޮތް އެއްޗަކުން ޖަހައި ބިއްލޫރިގަނޑު ތަޅާލާ މަންޒަރެވެ. އެ މީހާ ހުރީ ބޮލުގައި ތޮތްޕެއް އަޅައިގެން އަދި ރޮނގު ދެމި ޓީޝާޓެއް ލައިގެންނެވެ. ބިއްލޫރިގަނޑު ތަޅާލުމަށްފަހު އެ މީހާ އެތަނަކަށް ނުވަދެއެވެ.
ނަމަވެސް ވަގުތުކޮޅެއް ފަހުން އެ މީހާ ވަނީ ފިހާރައަށް ވަދެ ކަބަޑުތައް ހާވައި ބެލުމަށް ފަހު އަގުބޮޑު ފޯނުތައް ކޮތަޅުތަކަށް އަޅައިގެން ގޮސްފައެވެ. އެއިރު އެ ސަރަހައްދުގައި މީހުން ވެސް އުޅޭ މަންޒަރު ވީޑިއޯއިން ފެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު