ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމު އުޅުއްވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެ މަނިކުފާނުގެ އާއިލާ އާއި އެމަނިކުފާނުގެ ސަރުކާރާ ޖައްސާލައިގެން ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން، ކުރީގައި ރައީސް ޔާމީނާ ވަރަށް އަރިސް ބޭފުޅެއް ކަަމަށްވާ ޝާހިދު މިއަދު ވިދާޅުވީ، ޑރ. މުއިއްޒުގެ އާއިލާ އާއި އެ މަނިކުފާނުގެ މުޅި ސަރުކާރާ ބެހޭގޮތުން ރައީސް ޔާމީން ދައްކަން ނުޖެހޭ ވާހަކަ ދައްކަވައި، ފިތުނަ ފަސާދަ އުފައްދަވަމުން ގެންދަވާ ކަމަށެވެ.
"ރައީސް ޔާމީން ގެންދަވަނީ ގައުމު ފަސާދަކޮށް މި ގައުމުގައި އޮތް އަހުލާގީ މިންގަނޑު ނައްތާލުމަށްޓަކައި މަސައްކަތް ކުރައްވަމުން މިއީ ހިތާމަހުރި ކަމެއް،"
ކުރީގެ ރައީސެއްގެ ގޮތުން ދައުލަތުން ރައީސް ޔާމީނަށް ރައްކާތެރިކަމާއި ހިމާޔަތް ދެއްވައި އިނާޔަތް ދެއްވަމުން ގެންދަވާކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ، އެމަނިކުފާނު ޖެހިވަޑައިގަންނަވާނީ، ސަރުކާރަށް އެއްބާރުލުން ދެއްވައި ސަރުކާރު ޖެހެއްޓުމަށް މަސައްކަތް ކުރެއްވުމަށް ކަމަށެވެ. އަދި ފަހަތަށް ޖެހި ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ވަގުތުތަކުގައި ފަހަތަށް ޖެހިވަޑައިގެން ވެރިކަމަށް ވަޑައިގަތުމަށް އެހެން ބޭފުޅުންނަށް ފުރުސަތު ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، މިހާތަނަށް ސިޔާސީ ހަޔާތުގައި ވަޑައިނުގަންނަވާހާ ދަށު ދަރަޖައަކަށް ރައީސް ޔާމީން ވެއްޓި ވަޑައިގެންފައިވާ ކަމަށެވެ. އެއީ ބައެއްގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ޑރ. ޖަމީލުވިޔަސް ޑރ. މަލީހު ވިޔަސް ރައީސް ޔާމީން ވިޔަސް އެއިން ކޮންމެ ބޭފުޅަކު ވިޔަސް މިއަދު އެދައްކާ ވާހަކަ އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ، ވަރަށް ހިތާމައާއެއްކޮށް މިދަންނަވަނީ، ރައީސް ޔާމީނަކީ އެފަދަ ބޭފުޅެއްނޫން، އެއަށްވުރެ މާ ހަރުދަނާގޮތެއްގައި ދެކުނީ، ނަމަވެސް މިހާރު އެބޭފުޅާ އެހެން ގޮތަކަށް ބަދަލުވެފައެވަނީ، ސަބަބެއްކަމަށް ދެކެނީ އެބޭފުޅާގެ އަރިހުގައި ތިއްބެވި ބޭފުޅުން،" ޝާހިދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު