ރިޔާސީ ދައުރެއް ނިންމާލާފައި ވަޑައިގެން 18 ބުރީގެ ގެއެއް އަޅާލިއިރު، ރައްޔިތުންގެ ދެލޯ ކަނު ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ކުރީގެ ރައީސް، އަބްދުﷲ ޔާމީނަށް ބަހުގެ ހޫނު ހަމަލާއެއް ދެއްވައިފި އެވެ.
އެމްޑީއޭގެ ނައިބު ރައީސްކަންވެސް ކުރައްވާ، އައްބާސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިޔަށް ދިޔަ ދައުލަތުގެ މަގާމުތަކުގައި ތިބެގެން، ނުހައްގު މުއްސަނދިކަން ހޯދާ ފަރާތްތަކަށް ދައުވާ ކުރުން ފަސޭހަ ކުރެވޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސްކުރުމުގެ މަރުހަލާގައި ދެއްކެވި ވާހަކައިގައެވެ.
އައްބާސް ވިދާޅުވީ، ކޮރަޕްޝަން ނުހުއްޓުވެނީ ގާނޫނީ ހުސްކަމެއް އޮވެގެން ނޫން ކަމަށާއި މިހާރުވެސް އެކަށީގެންވާ މިންވަރަށް ގާނޫނާއި ގަވައިދުތައްވެސް ހެދިފައި އެބަހުރި ކަމަށެވެ. އެހެން ނަމަވެސް އެކަންކަން ނުހުއްޓުވެނީ ގިނަ ބަޔަކު ގުޅިގެން ހިންގާ ބޮޑު ޖަރީމާއަކަށް ވާތީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ދައުރު ނިންމާލާފަ ގޮސް 18 ބުރީގެ ގެއެއް އަޅާލިއިރު ރައްޔިތުންގެ ދެލޯ ކަނެއް ނޫން. ގުޅުން ހުރި މުއައްސަސާތަކަށް ރަނގަޅަށް ފާރަވެރިވެވިގެން ނޫނީ މިކަންކަން ރަނގަޅެއް ނުކުރެވޭނެ. މިއީ މުޅި ސިސްޓަމް ގުޅިލާމެހިގެން ހިންގާ ވައްކަމެއް. ފަސް ފުޅި ރިހާކުރު ނެގީމަ ބަރާބަރަށް ހެކި ހުރޭ، އެއް އަހަރަށް ޖަލަށްވެސް ލެވޭ. އެކަމަކު ގައުމު ދަވާލައިގެން ދާ މީހުންގެ ހެއްކެއް ނުހުރޭ." އައްބާސް ވިދާޅުވި އެވެ.
އައްބާސް އިތުރަށް ވިދާޅުވީ ސިޔާސީ ބައެއް މީހުން ފަސް އަހަރުގެ ދައުރެއް ނިންމާލާފައި ދާއިރު އެމީހުންގެ ފުލެޓާއި ގޯއްޗާއި ރިސޯޓުވެސް ހުންނަ ކަމަށެވެ. ހަމަ އެގޮތަށް އެއްވެސް ވިޔަފާރިއެއް ނުކޮށް، ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ނިންމާލި ބައެއް މެންބަރުންގެވެސް ގެދޮރާއި ރިސޯޓުތަކަށް ދާންދެން އެބަހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މަޖިލީހަށް ވަދެ ދައުރެއް ނިންމާލާފަ ނުކުމެ ރިސޯޓު ހިންގާ މީހުން އެބަތިބި. އޭގެ ތެރޭގައި އެއްވެސް ވިޔަފާރިއެއް ނުކޮށް، ކުރީން ފިލްމު ކުޅުނު މީހުންވެސް އެބަތިބި،" އައްބާސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެފަދަ ބައެއް މީހުން މިލިއަނަރުންނަށް ވަނީ ސަރުކާރުން ނާޖާއިޒު ފައިދާ ހޯދައިގެން ކަމަށެވެ. މިއަދުވެސް ދައުލަތުގެ ބައެއް ކުންފުނިތަކުގެ ތެރެއިން ވައްކަން ކުރާ ވާހަކަ އެބައިވޭ ކަމަށާއި އެކަންކަން ބެލެން ޖެހޭ ކަމަށް އައްބާސް ފާހަގަކުރެއްވިއެވެ.
"މަޖިލީހުގައި ބޫމްބޫމް އެޅުވި ބޭފުޅާގެ ވެސް ބިން އެބަހުރި، ބިން ހުރީ އެކަންޏެއް ނޫން، ހަބުރިއަށް ހަތްބުރިޔަށް ވެސް ނަގަނީ، މައްސަލައެއް ބަލަން ބުނާއިރަށް ތަނެއް ނެތޭ، ބިލްޑިންގެއް ނެތޭ ކިޔާފަ ހިމާޔަތާ ރައްކާތެރިކަން ދީފަ އެ ތިބެނީ" އައްބާސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު