އަންނަ އަހަރަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު އަމާޒުކުރަނީ ގެދޮރުވެރިކަމަކީ ބިލާހެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް ގެންނަން ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒްގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ސިލްސިލާކޮށް ކުރިއަށް ގެންދާ "ސައްލާ ފޯރަމް"ގެ މިރޭގެ ފޯރަމުގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ، އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ބޯހިޔާވަހިކަމަށް 2.8 ބިލިއަން ރުފިޔާ ހިމަނާފައިވަނީ، ބޯހިޔާވަހިކަމަކީ ދައުރުގެ އެންމެ ފަހު ކަމަކަށް ވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ނުވާތީ، ވެރިކަމުގައި ހުށަހަޅުއްވާ ފުރަތަމަ ބަޖެޓުން އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ފެށުމަށް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެވަޑައިގަންނަވަނީ މި ފަސް އަހަރުގެ ދައުރު ނިމޭއިރު (ބޯހިޔާވަހިކަމުގެ) ހަގީގަތް އޭގެ އަނެއްކޮޅަށް ބަދަލުކުރަން. މިއަދު 80 އިންސައްތައަކީ ކުއްޔަށް ދިރިއުޅޭ މީހުންނަށްވާނަމަ، މި ފަސް އަހަރު ނިމޭއިރު އޭގެ ތެރެއިން ބޮޑު އިންސައްތައަކީ، 60 އިންސައްތަ މީހުންނަކީ 70 އިންސައްތަ މީހުންނަކީ އެ މީހަކު ފަހުރުވެރިކަމާއެކު މިއީ ތިމަންނަގެ އަމިއްލަ ތަނެކޭ ބުނާނެ ތަނެއްގައި ދިރިއުޅޭނެ ހަގީގަތަކަށް ބަދަލުކުރަން،" ފިރުޒުލް ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ގެ ހަދަން ނުވަތަ ގެ މަރާމާތުކުރަން ފަސް ޕަސެންޓުގައި ލޯނު ދިނުމަށް އެއް ބިލިއަން ރުފިޔާ ހިމަނާފައިވާކަން ފާހަގަކުރައްވައި ފިރުޒުލް ވިދާޅުވީ، އެކަމުގެ ސަބަބުން މީގެ 20 ނުވަތަ 25 އަހަރު ކުރީގައި ރަށްތަކުން ދޫކޮށްފައިވާ ގޯތިތަކުގައި ގެ އެޅުމަށް ދިމާވެފައި އޮތް ހުރަސް ނައްތާލުމަށް، ފަސޭހަކަމާއި އަތްފޯރާފަށުގައި ބޭންކުތަކުން ފައިސާ ލިބިގެންދާނެ ކަމަށެވެ. އަދި މިކަމުގައި އެންމެ އިސްކަމެއް ދެވޭނެ ބަޔަކީ ޒުވާނުން ކަމަށްވެސް ވިދާޅުވިއެވެ.
ފިރުޒުލް އިތުރަށް ވިދާޅުވީ، ފަސް ޕަސެންޓުގައި ލޯން ދޫކުރާނީ އިސްލާމީ އުސޫލުތަކުގެ ތެރެއިން ކަމަށާއި އެހެންކަމުން އިސްލާމީ އުސޫލުތަކުގެ ތެރެއިން ލޯނު ހޯދައިގެން ޒުވާން އުމުރުގައި ގެދޮރުވެރި ބަޔަކަށް ވެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު