ދުންފަތުގެ ގާނޫނު އިސްލާހުކުރަންވީ، މީގެ 14 އަހަރު ފަހުން ގާނޫނަށް ބަދަލު ގެންނަން ބަލާ އިރު، "ސްމޯކް ފްރީ" ޖެނެރޭޝަން އުފެދޭގޮތަށް ކަމަށް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހެލްތު މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ފުލުހުންގެ އިސްވެރިން ހާޒިރުކުރިއެވެ.
މި ބައްދަލުވުމުގައި އަފްއާލް ބައިވެރިވެވަޑައިގެންނެވީ، އެޗްޕީއޭގެ ދަށުން ހިންގާ ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުންނެވެ.
އަފްއާލް ވިދާޅުވީ، ދުނިޔޭގައި ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި، ވަކި ތާރީހަކުން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކޮށްފައިވާ ކަމަށެވެ.
"މިހާރު ގާނޫނުގައި ހުރި ކަންކަމުގެ އިތުރުން 14 އަހަރު ފަހުން މި ގާނޫނަށް ބަދަލު ގެންނަން ބަލާއިރު ސްމޯކް ފްރީ ޖެނެރޭޝަން ވެސް މި ގާނޫނުގެ ތެރެއަށް ވަދެގެން ދިއުން،" އޭނާ ވިދާޅުވިއެވެ.
ބައެއް ގައުމުތަކުގެ ގާނޫނުތަކަށް އެ ބަދަލު ގެނަސްފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ނިއުޒިލެންޑުގައި އެކަން ކޮށްފައިވާ ކަމަށާއި އިނގިރޭސިވިލާތުގައި އެކަމަށް މަސައްކަތްކުރާ ކަމަށެވެ. އަދި ސިންގަޕޫރުގައި ވެސް މަސައްކަތްކުރާ ކަމަށާއި، އޮސްޓްރޭލިއާގައި ވެސް ވަރަށް އަވަހަށް އެގޮތަށް ގާނޫނު ފާސްކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަފްއާލް ވިދާޅުވީ، ސިއްހީ ނިޒާމަށް އަހަރަކު ދެ ބިލިއަނެއްހާ ރުފިޔާ ހަރަދުކުރާ އިރު، ދުންފަތުގެ މާކެޓު ވެލިއުއަކީ ވެސް 1.8 ބިލިއަން ރުފިޔާ ކަމަށެވެ.
މި ސަރަހައްދުގެ 11 ގައުމުގެ ތެރެއިން ރާއްޖެއަކީ، ދުންފަތުގެ ބާވަތްތަކުން އެންމެ މަދުން ޓެކްސް ނަގާ ގައުމުކަން ފާހަގަކުރައްވައި، ޓެކްސް އިތުރުކޮށްގެން ދުންފަތުގެ ބާވަތްތައް ބޭނުންކުރާ މީހުން މަދުކުރުމުގެ މަސައްކަތް ކާމިޔާބުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބޭރުގެ ދިރާސާތަކުގެ ނަތީޖާތަކަށް އަލިއަޅުއްވާލައި އަފްއާލް ވިދާޅުވީ އިލެކްޓްރޯނިކް ޑިވައިސް އާންމުވެގެން އުޅުނު އިރު، ފުރާވަރު އުމުރުގެ ކުދިން ވިހަވެގެން ޕޮއިޒަން ސެންޓަރުތަކަށް ކޮންމެ ތިން ގަޑިއިރުން އެއް ގަޑިއިރު ފަރުވާދެމުންގެންދިޔަ ކަމަށެވެ.
އަފްއާލް ވިދާޅުވީ އެ ތަޖުރިބާތަކާ ހެދި، އީ ސިނގިރޭޓް މަނާކުރަންޖެހޭ ކަަމަށެވެ.
ރާއްޖޭގައި ޒުވާނުން ކުއްލިއަކަށް މަރުވާ ތަނާއި ކުދިން ބަސްތަކަށް ވެއްޓޭ ތަން ފެންނަ ކަމަށް އަފްއާލް ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު