ސިޔާސީ ޕާޓީތަކުން ލިބެނީ ފައިދާތޯ ވިސްނާލަން އެބަ ޖެހޭ ކަމަށް، ތިނަދޫ އުުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ސައުދު މިއަދު ވިދާޅުވީ، ރާއްޖޭގައި ސިޔާސީ ޕާޓީތައް ވުޖޫދުވެ ހިނގައިދިޔަ 19 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، އެކަމުގެ ސަބަބުން ލިބުނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ވިސްނާލަން ޖެހެނީ، އެކަމަށްޓަކައި ސޮއިކުރި ބައެއް ބޭފުޅުން އެކަން ކުރެވުނީތީ މިހާރު ދެރަވާތީ ކަމަށެވެ.

"ބަންޑާރަ ނާއިބަށް ދެ ފޮޅުވަތް ދޭތެރެއިން ފެނުނު ގާނޫނީ ލަފައެއްގެ ތެެރެއިން އަޅުގަނޑުމެންނަށް ސިޔާސީ ޕާޓީ ވުޖޫދުވީ، އެހެން ނަމަވެސް 2013 ވަނަ އަހަރު އައި ސިޔާސީ ޕާޓީގެ ގާނޫނާއެކީގައި މިހާރު މިއޮތީ، އެކަން ފުރިހަމަވެފަ،" އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް ސިޔާސީ ޕާޓީތައް ތައާރަފުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައެވެ.

"އޭރު ރައީސް މައުމޫނު އެ ނެންގެވި ޑިޒިޝަނަކީ ހަގީގތުގައިވެސް ގައުމަށް ފައިދާހުރި ޑިޒިޝަނެއްތޯ ބައެއް ފަރާތްތަކުން ސުވާލު ކުރޭ،" ސައުދު ވިދާޅުވިއެވެ.

ރާއްޖެއަށް ސިޔާސީ ޕާޓީ ނިޒާމު ތައާރަފުކުރި އިރު، އިތުރަށް ރައްޔިތުންގެ ހިޔާލު އޮތްގޮތެއް ވިސްނާލުން ރަނގަޅުވީސް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ފެންނަނީ، ތަހުޒީބުވެފައިވާ ގައުމުތަކާއި ފެންނަ ކަންތައްތަކެއް ނޫން ކަަމށެވެ.

އެގޮތުން ސަރުކާރުން ކިތަންމެ ރަނގަޅުކަމެއް ކުރިއަސް އެކަަމަށް ޕާޓީތަކުން ދެކޮޅު ހަދައި، ގައުމަށް ލިބެންހުރި އިންވެސްޓްމަންޓްތަކާ ދެކޮޅު ހަދައި އެކަންތައްތައް ހުއްޓުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ބޭނުންކުރަނީ އެންމެ ރަނގަޅު ގޮތުގައިތޯ އިލެކްޝަންސް ކޮމިޝަނުން ބަލަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އޭގެ ބަދަލުުގައި އިލެކްޝަންސް ކޮމިޝަނުން ބަލަނީ ޕާޓީތަކުގެ އޮޑިޓް ރިޕޯޓު ހުށަހަޅާތޯ ކަމަށާއި އެއަށްވުރެ ބޮޑަށް އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކުން ހަރަދުކުރާ ގޮތް ބަލަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގާނޫނަށް ގެންނަން ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހާއެކީ ސިޔާސީ ޕާޓީތަކަށް ރަނގަޅު ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.