ނެޝަނަލް ސާވިސް ޕްރޮގްރާމުގެ ވަސީލަތްތައް ވަރުގަދަކުރުމަށް ގިރިފުށީ ފަޅުން 13 ހެކްޓަރު ހިއްކުމަށް ސަރުކާރުން ނިންމައިފިއެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އޯ ލެވެލް ނިންމުމަށްފަހު، އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު އަދި ވަޒީފާގެ ފުރުސަތު ނެތް ކުދީންނަށް ހާއްސަ ނެޝަނަލް ސާވިސް ޕްރޮގްރާމް އަންނަ އަހަރު ފައްޓަވާނެ ކަމަށާއި އެކަމަށް ވަސީލަތްތައް ބޭނުންވާނެ ކަމަށެވެ.
ގިރިފުށި އޮތީ ވަރަށް ބޮޑަށް ހަލާކުވެ، ޖާގަ ވެސް ވަރަށް ކުޑަކޮށް ކަމަށާއި މިހާރު ތަފްސީލު ޑިޒައިނަކާއެކު ޕްލޭނެއްވެސް ހަދާފައިވާނެ ކަމަށެވެ. އަދި ގިރިފުށީގެ ފަޅުތެރެ ހިއްކެން އެބައޮތްކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"ގާތްގަނޑަކަށް 13 ހެކްޓަރު ހިއްކެން އެބައޮތް. 13 ހެކްޓަރު ހިއްކާލީމާ، ވަރަށްބޮޑު ޖާގަ އެބަ އިތުރުވޭ. މި 13 ހެކްޓަރު ހިއްކައި، ޝޯ ޕްރޮޓެކްޝަން ވަށައި ޖަހާފައި، އަދި ބޭނުންވާ ބަނދަރު ހެދުމަކީ، މި އަންނަ އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ކުރާނެ ކަމެއް. މި ދެންނެވި މި އަހަރަށް ހުށަހެޅި، މި އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގެ ތެރެއިން ނިއު ޕޮލިސީ އިނީޝިއޭޓިވްސްގެ ތެރެއިން އެ ކަންތައް އިރާދަކުރެއްވިއްޔާ ކޮށްދޭނަން. ހަމަ އެއާއެކީގައި، ބޭނުންވާ ފެސިލިޓީޒްތައް ގާއިމުކުރުމުގެ މަގުވެސް ފަހިވެގެންދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރަށް ހުށަހަޅާފައި އޮތް ބެޖުޓުގައި ނިއު ޕޮލިސީ އިނީޝިއޭޓިވްސް (އެންޕީއައި)ގެ ތެރެއިން އެ ޕްރޮގްރާމަށް 400 މިލިއަން ރުފިޔާ ހާއްސަކުރެވިގެންދާނެ ކަމަށާއި ކޮންމެ އަހަރަކު އިތުރު 400 މިލިއަން ރުފިޔާ އިތުރުވެގެންދާނެ ކަމަށެވެ. އަދި ބަޖެޓުގައި އެންއައިޕީގެ ތެރޭގައި ޖުމުލަ 3.8 ބިލިއަން ރުފިޔާ ހިމެނޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މި 3.8 ބިލިއަންގެ ތެރެއިން ހަތަރުސަތޭކަ މިލިއަން ރުފިޔާ އިރާދަކުރެއްވިއްޔާ ކަނޑައަޅާނީ، މި ދެންނެވި ނޭޝަނަލް ސަރވިސް ޕްރޮގްރާމް ހިންގަން. އަދި ކޮންމެ އަހަރަކު އިތުރު ހަތަރުސަތޭކަ މިލިއަން އިތުރުކުރެވޭނެ. މިއީ، ހިސާބުޖަހައި، ކަމާބެހޭ ވުޒާރާތަކުގެ ހިސާބުތައް އަޅުގަނޑު ހޯދައި، ހުރިހާ ކަމެއް ކަލްކިއުލޭޓްކޮށް، ފައިނަލް ކުރެވިފައި ހުރި އަދަދުތަކެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ޕްރޮގްރާމުގެ ތެރެއިން ސިފައިންގެއަށް ކޮންމެ އަހަރަކު 1000 ކުދިން އަދި ފުލުހަށް އަހަރަކު 250 ކުދިން ވެއްދޭނެ ކަމަށާއި އެހެންކަމުން ކުރިއަށްއޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި 4000 ސިފައިންނާއި 1000 ފުލުހުން އިތުރުވެގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު