ކުރިއަށް އޮތް ހަތަރު އަހަރު ތެރޭ 4000 ސިފައިންނާއި 1000 ފުލުހުން އިތުރުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބޭނުންވާ ހިސާބަށް ސިފައިންގެ ހިދުމަތް ފުޅާކުރުމަށް އިތުރު 1000 ކުދީން ރެކްރޫޓުކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ވެސް ކުރިއަށްއޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި 1000 ފުލުހުން އިތުރުކުރަން ޖެހޭ ކަމަށެވެ.

"ކުރިއަށްއޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ސިފައިންގެއަށް 4000 ކުދިން، އަދި ފުލުހުންނަށް 1000 ކުދިން އިތުރުވެގެންދާނެ. 2025 އަށް ހުށަހަޅާފައި އޮތް ބަޖެޓުގައި ނިއު ޕޮލިސީ އިނީޝިއޭޓިވްސް، އެންޕީއައިގެ ތެރެއިން 400 މިލިއަން ރުފިޔާ މިކަމަށް ހާއްސަކުރެވިގެންދާނެ. އަދި ކޮންމެ އަހަރަކު އިތުރު 400 މިލިއަން އިތުރުކުރެވިގެންދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު، ނެޝަނަލް ސާވިސްގެ ގޮތުގައި އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހިންގޭ ގައުމީ ޕްރޮގްރާމެއް ފެށިގެންދާނެ ކަމަށާއި އެ ޕްރޮގްރާމު ކުރިއަށްގެންދާނީ ގާނޫނެއް ހެދި، ގާނޫނީ ބާރުވެރިކަން ލިބިގެން ކަމަށެވެ. އަދި އެއީ އޯ ލެވެލް ނިންމުމަށްފަހު، އިތުރަށް ކުރިއަށްދިއުމަށް ފުރުސަތެއް ނެތް، ވަޒީފާ ނުލިބި ތިބި ކުދިންނަށް ހާއްސަ ޕްރޮގްރާމެއް ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"އުމުރުން 16 އަހަރުވުމަށްފަހު އެ 16 އަހަރުވެގެން އޯ ލެވެލް ނިންމާފައި، ނޫނީ ތައުލީމު ހާސިލުކުރެވުނު ހިސާބަކުން ދެން މައްޗަށް ދިއުމުގެ ފުރުސަތު ނުލިބޭ ކުދީންނާއި އަދި ވަޒީފާއެއް ވެސް ނުލިބޭ ކުއްޖަކު ވެއްޖެއްޔާ މި ޕްރޮގްރާމުގައި ބައިވެރިވާން ޖެހޭނެ. ބައިވެރިވެގެން މިލިޓަރީ ތަމްރީނު ހޯދަން ޖެހޭނެ. ހޯދައިގެން ރެކްރޫޓްމަންޓް ޕްރޮގްރާމު ނިންމައި، ފުލް އޮފިސަރަކަށް ސިފައިންގެ މީހަކަށް ބަދަލުވާނެ. އަދި ފުލުހުންގެ ހިދުމަތަށް ދާ ކަމަށްވަންޏާ، ފުލުހުންގެ މީހަކަށް ބަދަލުވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުރިއަށްއޮތް ތަނަށް ގައުމު ސަލާމަތާއެކު، މިނިވަންކަމާއެކު ފޯރުކޮށްދޭ ކަމުގައިވާނަމަ ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އަދިވެސް އެބަހުރި ކަމަށާއި އެގޮތުން ވަސީލަތްތައް ހޯދުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.