މިއަދަކީ ހަގީގަތްތަކުގެ މައްޗަށް ފިކުރު ހިންގައި، ދިވެހި މިނިވަންކަން ދިފާއުކުރުމަށް ތައްޔާރަށް އޮތް ލަޝްކަރެއް އޮތްކަން މުޅި ދުނިޔެއަށް ދައްކަންވީ ދުވަސް ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ގައްސާން ވިދާޅުވީ، 3 ނޮވެމްބަރު 1988 ގައި ޝަހީދު ހުސެއިން އާދަމް ވެގެންދިޔައީ އިސްލާމް ދީނާއި ދިވެހި ގައުމުގެ ހިމާޔަތުގައި ދިއްކޮށްލެވުނު ބޮޑު ފަރުބަދައެއް ފަދަ އައްޑަނައަކަށް ކަމަށެވެ. އަދި އަމިއްލަ ފުރާނަފުޅާއި ހަށިގަނޑަށް ބެއްލެވުމެއް ނެތި ދުޝްމަނުންނަށް ދެއްވި ހަމަލާ ވެގެންދިޔައީ ދިވެހި ސިފައިން ރައްދު ހަމަލާ ތަރުތީބު ކުރަން ލިބުނު މުހިންމު ފުރުސަތަކަށް ކަމަށް ވިދާޅުވިއެވެ.

"އެ ދުވަހު ދުޝްމަނުންގެ މައްޗަށް ނަސްރާއި ފަތަހަ ހޯދީ ﷲ ތައާލާގެ ވާގިފުޅާއެއްކޮށް ފަހުރުވެރި ދިވެހި ސިފައިން،" ގައްސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ދުވަހުގެ ހާދިސާ ވެގެންދިޔައީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރަން ޖެހިއްޖެކަމުގެ ރަނގަބީލަށް ކަމަށާއި އެ މަސައްކަތް އޭރު ފެށި ނަމަވެސް އެ މަސައްކަތް ހުއްޓިފައި އޮންނަތާ 20 އަހަރުވެފައިވާ ކަމަށެވެ.

"އެ މަސައްކަތް އޭރު ފެށިގެން އައިސް 20 އަހަރު ހުއްޓިފައި އޮތުމަށްފަހު އާ ބާރަކާއި އާ ރޫހަކާއި އާ ޖޯޝަކާއެއްކޮށް އަލުން ފެށިގެން ދިޔައީ އޭގެ 15 އަހަރު ފަހުން މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ގައުމުގެ ހިމާޔަތުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލުގެ ހިމާޔަތުގައި ދަންމަވާލެއްވި ފަލަ ރަތް ރޮނގާއެކީ،" ގައްސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދިވެހި އަސްކަރިއްޔާ ދެމި އޮތްހާ ހިނދަކު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ސިފައިންގެ ހުވާގައިވާ ގޮތުގެ މަތިން، ލެޔާއި ފުރާނައިން ގުރުބާންވެގެން ހިމާޔަތް ކުރާނެ ކަމަށާއި އެއީ ޔަގީންކުރައްވާ ކަމެއް ކަމަށެވެ.

"މިއަދަކީ މި ހަގީގަތްތަކުގެ މައްޗަށް އިތުރަށް ފިކުރުކުރަންވީ ދުވަސް. މިއަދަކީ ރައީސް އެ ގެނެސްދެއްވާ ވަސީލަތްތައް ގައުމުގެ ދިފާއުއަށް އަތުރާލަން ވިލަރެސް ކުރަންވީ ދުވަސް. މިއަދަކީ ގައުމަށް ވަފާތެރި، ރައްޔިތުންނަށް އިހުލާސްތެރި، އަމުރަށް ކިޔަމަންތެރި، ހަރަކާތްތެރިވުމުގައި ހުށިޔާރު، ކެރޭ، ހީވާގި، ގާބިލު، ދިވެހި މިނިވަންކަން ދިފާއުކުރުމަށް ތައްޔާރަށް އޮތް ލަޝްކަރެއް އޮތްކަން މުޅި ދުނިޔެއަށް ދައްކަންވީ ދުވަސް،" ގައްސާން ވިދާޅުވިއެވެ.