އެމެރިކާ އާއި އިސްރާއީލަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް އިރާނުން ބުނެފިއެވެ.

އިރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ހާމަނާއީ ވަނީ އެގައުމަށް އިސްރާއީލުން މީގެ ހަފުތާއެއްހާ ދުވަސްކުރިން ދިން ހަމަލާގެ ރައްދު ހިތިވާނެ ކަމަށާއި ފުނޑުފުނޑު ކޮށްލާނެ ވަރުގެ ރައްދެއް ދޭނެކަމަށް ބުނެފައެވެ.

ހާމަނާއީ ވިދާޅުވީ އިރާނުގެ އަދުއްވުން ކަމަށްވާ އެމެރިކާއާއި އިސްރާއީލަށް ރައްދު ދޭނީ އިރާނާއި އެގައުމުގެ އާންމުންނަށް ޓަކައި ކަމަށާއި އެރައްދުގައި ލުއިކަމެއް ނޯންނާނެ ކަމަށެވެ.

އިސްރާއީލުން މީގެ ހަފުތާއެެއް ކުރީން އިރާނަށް ދިން ހަމަލާގައި އިރާނުން ހަތަރު މީހަކު ވަނީ މަރުވެފައެވެ. އިރާނާއި އިސްރާއީލު ހަމަލާ ބަދަލުކުރުން ފަށާފައިވާއިރު އެކަމުގެ ސަބަބުން މެދުއިރުމަތީގެ މައްސަލައަށް ވަނީ އިތުރު ލޮޅުމެއް އަރާފައެވެ.

އިސްރާއީލުން ވަނީ އިރާނަށް ދިން ހަމަލާގައި އެ ގައުމުނެ ވައިގެ ޑިފެންސް ސިސްޓަމަށް ބޮޑެތި ގެއްލުންތަކެއް ދެވިފައިވާކަމަށް ބުނެފައެވެ. ނަމަވެސް އިރާނުން ވަނީ އެކަން ދޮގުކޮށްފައެވެ.