މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް އަހުމަދު މުސްތަފާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގައި އަދާކުރައްވަމުން ގެންދިޔަ ވަޒީފާއިން ރޭ ވަކިކުރުމަށް ފަހު، މިއަދު އަލުން އޭނާގެ ވަޒީފާ އިއާދަކޮށްފިއެވެ.
ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވީ "ވަން" އަށް މުސްތަފާގެ ވަޒީފާ އިޔާދަކޮށްދީފައިވާ ކަމަށެވެ.
"އާދެ ވަޒީފާ އިޔާދަކޮށްދީފައިވާނެ،" ޔާމީން ވިދާޅުވިއެވެ.
މޫސްތަފާއަކީ ޕީއެސްއެމްގެ ނިއުސް އޮޕަރޭޝަން ހެޑްއެވެ.
ޔާމީން ވިދާޅުވީ، މުސްތަފާ ވަޒީފާ އަލުން އިޔާދަކޮށްދީފައިވަނީ ވަޒީފާ އިން ވަކިކުރި މައްސަލަ މުރާޖައާ ކޮށްދިނުމަށް އެދި މުސްތަފާ ފަރާތުން ޕީއެސްއެމްގެ ބޯޑަށް ހުށަހެޅުމުން، އެ ހުށަހެޅުން މުރާޖާ ކުރުމަށްފަހު ކަމަށެވެ.
ޕީއެސްއެމްގެ ވަޒީފާއިން މުސްތަފާ ވަކިކުރި ވަކި ސަބަބެއް ޕީއެސްއެމުން ހާމައެއް ނުކުރެއެވެ.
ނަމަވެސް ޕީއެސްއެމްގެ ވަޒީފާ އިން މުސްތަފާ ވަކިކޮށްފައިވަނީ، އެމްއެމްސީން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިކަމުގެ އެވޯޑުގެ މައްސަލަތައް ބޮޑުވެފައިވަނިކޮށެވެ. އެގޮތުން އެވޯޑުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފައްދައި، ސީރިއަސް މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވައި އެމްއެމްސީގެ މެންބަރު އަލީ ނިޝާން ވަނީ ބަޔާނެއް ވެސް ނެރުއްވައިފައެވެ.
އެމްއެމްސީގެ ރައީސްކަމުގެ މަގާމަށް މުސްތަފާ އިންތިހާބުވެވަޑައިގެންނެވީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ޕީއެސްއެމް ތަމްސީލުކުރެއްވުމަށް އެމްއެމްސީއަށް އިންތިހާބުވެވަޑައިގެންނެވި މުސްތަފާގެ ދައުރު އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ހަމަވާނެއެވެ.
މުސްތަފާ ވަނީ ޕީއެސްއެމްގައި 30 އަހަރުގެ މުއްދަތަކަށް ހިދުމަތްކުރައްވައިފައެވެ. އެގޮތުން އޭނާ ވަނީ ނޫސްވެރިކަމުގެ ދާއިރާ އިން މީހުން ތަމްރީނުކުރުމަށް ޕީއެސްއެމްގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގައި އިސް ދައުރެއް އަދާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު