މިނިވަން މީޑިއާ މި ހިސާބުން މި ނިމުނީ ކަމަށާއި 30 އަހަރުން ހޯދި މިނިވަންކަން ސަރުކާރުން ނިގުޅައިގަންނަމުންދާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ހަރުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ފައްޔާޒް އެހެން ވިދާޅުވެފައި މިވަނީ، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު މުސްތަފާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ވަޒީފާއިން ވަކިކުރުމާ ގުޅިގެންނެވެ. މުސްތަފާ ވަޒީފާއިން ވަކިކޮށްފައިވަނީ ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާ ހިލާފު އަދި އާންމު މިންގަނޑުތަކާ ހިލާފު ވީޑިއޯއެއް އިނާމުދިނުމުގެ ހަފުލާގައި ދައްކާފައިވާ ކަމަށް ބުނެއެވެ.

އެވޯޑު ހަފުލާގައި ތަހުގީގީ ދާއިރާއަށް ނޮމިނޭޓުވި އުފެއްދުންތަކުގެ ތެރެއިން، އަދަދު ނޫހުން ގެނެސްދިން "ޖީ ސްކީލާން" ޑޮކިއުމެންޓަރީގެ ވީޑިއޯއެއް ވަނީ ދައްކައިފައެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒާތީ ދިރިއުޅުއްވުމާ ގުޅުވައިގެން ގެނެސްދިން ޑޮކިއުމެންޓަރީއެކެވެ. އެ ދާއިރާގެ އެވޯޑު ލިބުނީ ވެސް އެ އުފެއްދުމަށެވެ.

އެކަމާ ގުޅިގެން ފައްޔާޒް ވިދާޅުވީ ފެނިގެން މިދިޔައީ ވާހަކަދެއްކުމުގެ މިނިވަންކަމަށް ބޮޑުކޮށް ހުރަސް އެޅިގެންދިޔަ ތަން ކަމަށާއި އެމްއެމްސީގެ ރައީސް، ޕީއެސްއެމްގެ ވަޒީފާއިން ވަކިކުރުމުގެ އިތުރުން ސުވާލުކުރުމަށް އެ ކައުންސިލު ރައްޔިތުންގެ މަޖިލީހަށް ވެސް ހާޒިރުކުރަން ނިންމާފައިވާ ކަމަށެވެ.

"އެހެންވީމާ މިނިވަން މީޑިއާ މި ހިސާބުން މި ނިމުނީ. ބަޖެޓުގައި 27 މިލިއަނެއްހާ ރުފިޔާ މީޑިއާއަށް ދޭން އެބައޮތް. އެއީ ސިޔާސީ ޕާޓީތަކަށް ކުރިން ލިބުނު ބައި ނަގާފަ، ސިޔާސީ ޕާޓީތަކުގެ ބާރު ދެރަކޮށްފަ. ހަގީގަތަކީ މިއަދު ދެތިން ހަތަރު މީޑިއާއެއް ވެސް ނެތް މިނިވަންކަމާއެކު އެއްޗެއް ބުނެލަން ކެރޭ،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ފައިސާގެ ގޮތުންނާއި އަދި ބިރުވެރިކަން ފަތުރައިގެން އިތުރަށް މީޑިއާތައް އަޅުވެތިވެގެންދާ ތަން ފެންނަ ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމޭ ކިޔަމުން، ވަޒީފާއިން އެ ވަކިކުރީ މީޑިއާ ކައުންސިލުގެ ރައީސް ކަމަށެވެ. އަދި އެފަދަ ހުރިހާ ކަމެއް ވެސް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދަންނަވަން މިއުޅޭ ވާހަކައަކީ ދިވެހި ރައްޔިތުން ވޭތުވެދިޔަ 30 ވަރަކަށް އަހަރުގެ ތެރޭގައި ހޯދާފައިވާ މިނިވަންކަން، ބާރުވެރިކަން މަޑުމަޑުން، މަޑުމަޑުން، މަޑުމަޑުން ނިގުޅައިގަންނަމުންދާ ތަން އަޅުގަނޑުމެންނަށް މި ފެންނަނީ. 20 އަހަރު ދުވަސްތެރޭ އެތައް މަސައްކަތަކުން އަޅުގަނޑުމެން މި ހިސާބަށް މި އާދެވުނީ،" އޭނާ ވިދާޅުވިއެވެ.

އެމްއެމްސީން ނޫސްވެރިކަމުގެ އިނާމުދިނުމުގެ ހަފުލާގައި އާންމު މިންގަނޑުތަކާ ހިލާފު ވީޑިއޯއެއް ދައްކާފައިވާ ކަމަށްބުނެ، ޕީއެސްއެމްގެ ފަރާތުން ވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިފައެވެ.