މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަހުމަދު މުސްތަފާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ވަޒީފާއިން ވަކިކޮށްފިއެވެ.

"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ޕީއެސްއެމްގެ ވަޒީފާ އިން މުސްތަފާ ވަކިކޮށްފައިވަނީ މިއަދުއެވެ. ނަމަވެސް ވަކިކުރި ސަބަބެއް ކަށަވަރެއް ނުވެއެވެ. އެކަމާ ގުޅޭގޮތުން ރަސްމީކޮށް ޕީއެސްއެމުން ވެސް ބަހެއް ބުނެފައެއް ނުވެއެވެ.

"ވަން"އަށް މައުލޫމާތުދެއްވަމުން މުސްތަފާ، މިރޭ ވިދާޅުވީ އެކަމާ ގުޅޭގޮތުން ރަސްމީގޮތުން އަދި އޭނާއަށް އެއްވެސް އެންގުމެއް އަންގާފައި ނުވާ ކަމަށާއި މިއަދު ވެސް ވަޒީފާއަށް ނުުކުންނަވާފައިވާނެ ކަމަށެވެ.

ޕީއެސްއެމްގެ ވަޒީފާ އިން މުސްތަފާ ވަކިކޮށްފައި މިވަނީ، އެމްއެމްސީން ރޭ ބޭއްވި ނޫސްވެރިކަމުގެ އެވޯޑުގެ މައްސަލަތައް ބޮޑުވެފައިވަނިކޮށެވެ. އެގޮތުން އެވޯޑުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފައްދައި، ސީރިއަސް މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވައި އެމްއެމްސީގެ މެންބަރު އަލީ ނިޝާން ވަނީ ބަޔާނެއް ވެސް ނެރުއްވައިފައެވެ.

އެމްއެމްސީގެ ރައީސްކަމުގެ މަގާމަށް މުސްތަފާ އިންތިހާބުވެވަޑައިގެންނެވީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ޕީއެސްއެމް ތަމްސީލުކުރެއްވުމަށް އެމްއެމްސީއަށް އިންތިހާބުވެވަޑައިގެންނެވި މުސްތަފާގެ ދައުރު އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ހަމަވާނެއެވެ.

މުސްތަފާ ވަނީ ޕީއެސްއެމްގައި 30 އަހަރުގެ މުއްދަތަކަށް ހިދުމަތްކުރައްވައިފައެވެ. އެގޮތުން އޭނާ ވަނީ ނޫސްވެރިކަމުގެ ދާއިރާ އިން މީހުން ތަމްރީނުކުރުމަށް ޕީއެސްއެމްގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގައި އިސް ދައުރެއް އަދާކުރައްވައިފައެވެ.