އޮފް-ޝޯ ޓްރެވެލް އޭޖެންޓުންނާއި ބުކިން ޕްލެޓްފޯމްތަކުން ފޯރުކޮށްދޭ ފަތުރުވެރިކަމުގެ ހިދުމަތްތަކުން ޓީޖީއެސްޓީ ނެގޭނެ އިންތިޒާމު އަންނަ އަހަރު ހަމަޖައްސާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވީ، ޓެކްސް ބޭސް ފުޅާކުރުމުގެ ގޮތުން، ރާއްޖޭގައި ބޭނުންކުރާ އެންމެހައި މުދަލާއި ހިދުމަތުން ރާއްޖޭގައި ޖީއެސްޓީ ނެގޭނެ ގޮތަށް ގާނޫނީ އޮނިގަނޑަށް ބަދަލުގެނެސް، އަންނަ އަހަރުގެ މެދުތެރޭގައި "ޑެސްޓިނޭޝަން ޕްރިންސިޕަލް" ފުރިހަމައަށް ތަންފީޒުކުރަން ފެށޭނެ ކަމަށެވެ.

އެއާއެކު އޮފް-ޝޯ ޓްރެވެލް އޭޖެންޓުންނާއި ބުކިން ޕްލެޓްފޯމްތަކުން ފޯރުކޮށްދޭ ފަތުރުވެރިކަމުގެ ހިދުމަތްތަކުން ޓީޖީއެސްޓީ ނެގޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"މި ބަދަލުން ލިބޭ އެންމެ ބޮޑު ފައިދާއަކަށް ވެގެންދާނީ ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި ރާއްޖެއިން ބޭރުގެ ބޮޑެތި އޮންލައިން ވިޔަފާރިތަކުގެ މެދުގައި ޖީއެސްޓީއާ ގުޅިގެން އުފެދޭ ޑިސްޓޯޝަންތައް ކުޑަކުރެވި، ރާއްޖޭގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުގެ ބޮޑެތި ވިޔަފާރިތަކާ އެއްހަމައެއްގައި ވާދަކުރުމުގެ މަގު ފަހިވެގެންދިއުން،" ޒަމީރު ވިދާޅުވިއެވެ.

އާމްދަނީ އިތުރުކުރުމުގެ ގޮތުން މި ސަރުކާރުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ބައެއް ޓެކުހާއި ފީގެ ރޭޓުތައް މި އަހަރުގެ ފަހުކޮޅާއި އަންނަ އަހަރު މަތިކުރަންވެސް ނިންމައިފައެވެ. އޭގެތެރޭގައި ޑިޕާޗާ ޓެކްސް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޓީޖީއެސްޓީގެ ރޭޓު ބޮޑުކުރަން ވަނީ ނިންމައިފައެވެ.