1914 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ ފެށުނު އިރު، ޢަރަބި ކަރައިގެ ބޮޑު ބަޔަކާއި، ސީރިޔާ އާއި، އުރްދުނާއި، ފަލަސްޠީނާއި، ލުބުނާނާއި، ޢިރާޤު އޮތީ ޢުޘްމާނީ އިސްލާމީ ޚިލާފަތުގެ ދަށުގައެވެ. އިސްލާމީ ޚިލާފަތުގެ ސަރަޙައްދުތަކެއްގެ ގޮތުގައެވެ. އެ ސަރަޙައްދުތައް އެއިރު ބެހިފައި އޮތީ އަށް ވިލާޔަތެއްގެ މައްޗަށެވެ. އެއީ ޙިޖާޒް، މޫޞަލް، ބަޣްދާދު، ބަޞަރާ، ޙަލަބު، ދައިރުއްޒޫރް، ބައިރޫތު، އަދި ސީރިޔާއެވެ. ޢަރަބި ކަރައިގެ ސަރަޙައްދުތަކުގެ ތެރެއިން ޢުޘްމާނީންގެ ބާރުން ބޭރުގައި އޮތީ ވައްހާބީ ސުޢޫދީންގެ އަތްދަށުގައި އޮތް ނަޖުދާއި، ޔަމަނުގެ ބައެއް ސަރަޙައްދުތަކާއި ޢުމާން ފަދަ ތަންތަނެވެ. މި ތަންތަނުގައި އޮތީ އިނގިރޭސީންގެ އަޅުވެތިކަން ނުވަތަ ޙިމާޔަތުގެ ދަށުގައި ތިބި ޢަރަބި ޤަބީލީ ވެރިކަންތަކެވެ. މުސްލިމުންގެ މުޤައްދަސް ތިން ޙަރަމްފުޅުގެ ތެރެއިން މައްކަތުލް މުކައްރަމާ އާއި މަދީނަތުލް މުނައްވަރާ އޮތީ ޢުޘްމާނީންގެ ޙިޖާޒު ވިލާޔަތުގައެވެ. އަނެއް ޙަރަމްފުޅު ކަމުގައި ވާ ޤުދުސުއް ޝަރީފް ފުރަތަމަ ބޮޑު ހަނގުރާމަ ފެށުނު އިރު އޮތީ ވަކި ވިލާޔަތަކަށް ނުލެވި، ސީދާ އިސްތަންބޫލުން މަރުކަޒީ ސަރުކާރުން ބަލަހައްޓާ ސަރަޙައްދެއްގެ ގޮތުގައެވެ.

ޢުޘްމާނީ ޚިލާފަތުގެ ރަން ދުވަސްވަރު ޚިލާފަތުގެ ސަރަޙައްދު ކަމުގައި ހިމެނުނު ގިނަ ތަންތަން އެއިރު ވަނީ ޔޫރަޕުގެ ބޮޑެތި ބާރުތަކުގެ އިސްތިޢުމާރުގެ ދަށުގައެވެ. ނުވަތަ ޔޫރަޕުގެ ބާރުތަކުގެ އެހީތެރިކަމާ އެކު އަމިއްލަ މިނިވަން ދައުލަތްތަކަކަށް ވެފައެވެ. އެގޮތުން، މިޞްރު އޮތީ އިނގިރޭސީންގެ ދަށުގައެވެ. ޠަރާބުލުސް ޣަރްބު (މިހާރުގެ ލީބިޔާ) ގައި އޮތީ އިޓަލީގެ އިސްތިޢުމާރީ ބާރެވެ. މިހާރު ޓިޔުނީޝިއާ އާއި އަލްޖީރިއާ އާއި މޮރޮކޯއަށް ވާ ސަރަޙައްދުގެ ހުރިހައި ހިސާބުތަކެއްގައި ކަހަލަ ގޮތަކަށް ވެރިކަން ކުރަމުން ދިޔައީ ފަރަންސޭސީންނެވެ. އިރުމަތީ ޔޫރަޕާއި ބަލްކަންގައި ޚިލާފަތުގެ ބިންތަކުގެ ގޮތުގައި އޮތް ސަރަޙައްދުތައް ވަނީ މިނިވަން ދައުލަތްތަކަކަށް ވެފައެވެ. ކަޅުކަނޑުގެ އުތުރަށް އޮތް ޢުޘްމާނީ ބިންތަކަށް ވެރިވެގަނެގެން ތިބީ ރޫސީންނެވެ. އެއިރު ޚިލާފަތު އޮތީ އިޤްތިޞާދީ، ޢަސްކަރީ، އަދި އެހެނިހެން ގޮތްގޮތުން ވަރަށް ބޮޑަށް ނިކަމެތި ވެފައެވެ. ޔޫރަޕުގެ އިސްތިޢުމާރީ ޢުދުވާންތަކުގެ ގަދަފަދަ އޮއެވަރު އަނބުރައިލުމުގެ އާރެއް ބާރެއް ހަކަތައެއް އަދި ވަސީލަތެއް ވެސް ޚިލާފަތަކު ނެތެވެ. މި ކަންކަމުގެ އިތުރުން، މީލާދީން 1860 ގެ އަހަރުތަކުން ފެށިގެން ޚިލާފަތުގެ މައި މަރުކަޒު ކަމުގައި ވާ އިސްތަންބޫލާއި އެހެނިހެން ބައެއް މުހިއްމު ޝަހަރުތައް އޮތީ ލާދީނީ ތަޙްރީކެއްގެ ނުބައި ވިހަތަކާއި ފިތުނަފަސާދައިން ކިލަނބު ވެފައެވެ. އެ ތަޙްރީކަކީ ޔޫރަޕުގެ ލިބަރާލީ ފިކުރުތަކާއި ލާދީނީ ފަލްސަފާތަކާއި ތަޢައްޞުބީ ޤައުމިއްޔަތުގެ ދިދަތައް އުފަލަމުން ގެންދިޔަ ޜައުން ތުރްކްލަރް (Young Turks) އެވެ. އެމީހުންގެ ބާރު ގަދަ ވަމުން އައިސް، 1909 ވަނަ އަހަރު އެމީހުން ގެނައި ބަޣާވާތަކުން ޚަލީފާ ޢަބްދުލް ޙަމީދު ޘާނީ ރަޙިމަހުﷲ ގެ ވެރިކަން ވެސް އޮތީ ނިމުމަކަށް ގެނެސްފައެވެ. މި ބަޣާވާތަށް ފަހު، ޚިލާފަތުގެ ޙުކޫމަތު އޮތީ ޜައުން ތުރްކްލަރްގެ ލީޑަރުންގެ އަތްމަތީގައެވެ.

މި ޙާލަތުގައި އިސްލާމީ ޚިލާފަތު އޮއްވައި، 1914 ވަނަ އަހަރު ފުރަތަމަ ބޮޑު ހަނގުރާމަ ފެށުމުން، ޜައުން ތުރްކްލަރްގެ ލާދީނީ އަދި ނާޤާބިލު ސަރުކާރުން ފުރަތަމަ ބޮޑު ހަނގުރާމައިގައި ޢުޘްމާނީ ޚިލާފަތު ބައިވެރި ކުރިއެވެ. ޖަރުމަނުންނާ އެއްކޮޅަށް، އިނގިރޭސީންނާއި ފަރަންސޭސީންނާއި ރޫސީންނާއި އެމީހުންގެ ބައިވެރީންނާ ދެކޮޅަށެވެ. މުސްލިމުންނާ އެއްވެސް ބެހުމެއް ނެތް މި ހަނގުރާމައިގައި ލާދީނީ ލީޑަރުން ޢުޘްމާނީ ޚިލާފަތު ބައިވެރި ކުޅައީ ޚިލާފަތާއި އިސްލާމީ އުއްމަތުގެ މަޞްލަޙަތުތަކާ މުޅީން ޚިލާފަށެވެ. ކަމުގެ އެކޮޅުމިކޮޅު ބެލުމެއް، އެއްވެސް ކަހަލަ ޙިކުމަތްތެރިކަމެއް ޙިކުމަތުޢަމަލީއެއް ނެތިއެވެ. މި ބޮޑު ގޯހަކީ އިސްލާމީ ޚިލާފަތު އުވިދިޔުމަށް މެދުވެރި ވި އެންމެ މައިގަނޑު އެއް ސަބަބެވެ. ބޮޑު ހަނގުރާމަ ނިމިގެން ދިޔައީ، ޢުޘްމާނީން ހިމެނުނު ޖަރުމަނު ފަޅި ބަލި ވެގެންނެވެ. ޢުޘްމާނީ ލަޝްކަރުތަކުން ތިން ލައްކައަށް ވުރެ ގިނަ ސިފައިން މަރު ވެ، ހަތަރު ލައްކަ އާއި އަށްލައްކައާ ދެމެދުގެ ޢަދަދަކަށް ސިފައިން ޒަޚަމު ވެ، އިތުރު އެތައް ލައްކަ ޢާއްމު މުސްލިމް ރައްޔިތުން ވެސް މަރު ވެގެންނެވެ. ޚިލާފަތުގެ މައިބަދަ ފުނޑުފުނޑު ވެގެންނެވެ.

ލާދީނީ "ޜައުން ތުރްކްލަރް" ގެ ބަޣާވާތާއި ޣަދަރުވެރިކަން އަދި އެމީހުން ޢުޘްމާނީ ސަރުކާރުގައި ތިބެގެން ހެދި ބޮޑެތި ގޯސްތަކުގެ އިތުރުން، އިސްލާމީ ޚިލާފަތު އުވިގެން ދިޔުމަށް މެދުވެރި ކުރި މައިގަނޑު އެހެން އެތައް ސަބަބެއް ވެސް ވެއެވެ. މި ލިޔުމުގައި ފޯކަސް ކޮށްލާން ގަސްތު ކުރަނީ އޭގެ ތެރެއިން އެއް ސަބަބަށެވެ. އެ ސަބަބަކީ، ޢުޘްމާނީ ސަރުކާރުގެ ގަވަރުނަރެއްގެ ގޮތުގައި، މައްކަތުލް މުކައްރަމާގެ އަމީރުގެ މަސްއޫލިއްޔަތު އެއިރު އަދާ ކުރައްވަމުން ގެންދެވި ޙުސައިން ބިން ޢަލީ އަލްހާޝިމީ، ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް ކުރެއްވި ބަޣާވާތެވެ. މަޝްހޫރު ޢަރަބި ބަޣާވާތް (Arab Revolt) އެވެ. މި ބަޣާވާތުގެ ހުޅުގަނޑު ރޯކޮށް، އަނދައިގަތް އަލިފާންގަނޑަށް ދަރު އަޅައި، ބަޣާވާތުގެ ހުރިހައި އިންޖީނުތަކެއް ހިންގައިދިނީ އިނގިރޭސީންނެވެ.

ޙުސައިން ބިން ޢަލީ އަލްހާޝިމީ އަކީ ރަސްމީ ލަޤަބުން ކިޔަންޏާ މައްކާގެ ޝަރީފެވެ.

މައްކާގެ ޝަރީފުކަމުގެ މަޤާމަކީ ޢައްބާސީ ޚިލާފަތުގެ ދުވަސްވަރު، ޢީސާއީ ކަލަންޑަރުން 1201 ވަނަ އަހަރު، އުފެއްދުނު މަޤާމެކެވެ. އެ މަޤާމަކީ މައްކާގެ އަމީރުކަން ނުވަތަ ގަވަރުނަރުގެ މަޤާމެވެ. އެ މަޤާމު ވުޖޫދަށް ގެނެވުނީ މައްކާގެ ބޮޑެތި ޢާއިލާތަކުގެ ތެރެއިން "ބަނޫ ޤަތާދާ" އާ މަތި ކުރެވިފައި ވާ އަދި އެ ޢާއިލާގައި ޖީލުން ޖީލަށް ވާރުތަ ވާ މަޤާމެއްގެ ގޮތުގައެވެ. އެންމެ ފުރަތަމަ އެ މަޤާމަށް ޢައްޔަން ކުރެވުނު ބެއިފުޅަކީ ބަނޫ ޤަތާދާ ޢާއިލާގެ ބާނީ އަބޫ ޢަޒީޒް ޤަތާދާ ބިން އިދްރީސެވެ. މިކަން ހިނގައިގެން ދިޔައީ ޢައްބާސީ ޚިލާފަތުގެ ދުވަސްވަރު ކަމުގައި ވިޔަސް، އެކަން ކުރެއްވީ ޢައްބާސީ ޚަލީފާއިންނެއް ނޫނެވެ. މައްކާގެ ބޮޑުން އަޝްރާފުންގެ މަޝްވަރާއާ އެއްގޮތަށް އެކަން ކުރެއްވީ މިޞްރުގެ ރަސްކަމުގައި އެއިރު ހުންނެވި އައްޔޫބީ ސުލްޠާން، އަލްމަލިކުލް ކާމިލް ނާޞިރުއްދީން މުޙައްމަދެވެ. އެއިރު މައްކާ އާއި މަދީނާ އޮތީ އައްޔޫބީ ރަސްކަމުގެ ދަށުގައެވެ.

މައްކާގެ ޝަރީފްކަމުގެ މަޤާމު ޙަވާލު ކުރެވުނު ބަނޫ ޤަތާދާ ޢާއިލާ އަކީ އެދުވަސްވަރު މައްކާގައި އެންމެ ގިނަ ބައެއްގެ އިތުބާރާއި ލޯބި ލިބިފައި ވާ، އެންމެ މުހިއްމު ޢާއިލާއެވެ. އޭގެ މައިގަނޑު ސަބަބަކީ އެ ޢާއިލާގެ މަތިފުށެވެ. ޢާއްމުކޮށް ބަލައިގަނެވިފައި ވާ ގޮތުން އަދި ޢާއިލާގެ ރިކޯޑުތައް ބުނާ ގޮތުން، ބަނޫ ޤަތާދާ ނިސްބަތް ވަނީ ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލޮބުވެތި އަދި ބަރަކާތްތެރި މާފަދަރިކަލުން ޙަސަން ބިން ޢަލީ ރަޟިޔަﷲ ޢަންހަށެވެ. އެހެންކަމުން، އެއީ ހާޝިމް ވަންހައިގެ ޢާއިލާއެކެވެ. މައްކާގެ އަމީރުކަމުގެ މަޤާމާ މެދު އަލްމަލިކުލް ކާމިލް ޝަހަރުގެ ބޮޑުންނާ މަޝްވަރާ ކުރެއްވުމުން، އެ ބެއިފުޅުންގެ ހުށައެޅުއްވުމަކަށް އަބޫ ޢަޒީޒް ޤަތާދާ ބިން އިދްރީސް ވުމުގެ މައިގަނޑު އެއް ސަބަބަކީ އެއީއެވެ. "ޝަރީފް" މި ލަޤަބުގެ އަޞްލަކީ ވެސް އެ ޢާއިލާ ކީރިތި ނަބިއްޔާގެ ދަރިފަސްކޮޅާ ގުޅިފައި އޮތުމެވެ.

އަބޫ ޢަޒީޒް ޤަތާދާ ބިން އިދްރީސަށް ފަހު، މައްކާގެ ޝަރީފްކަމުގެ ލަޤަބާ އެކު އެ މަޤާމު އަބަދުވެސް އަދާ ކުރައްވައިފައި ވަނީ އޭނާގެ ދަރިކޮޅުގެ ބެއިފުޅުންނެވެ. އިސްލާމީ އުއްމަތުގެ ޚިލާފަތުގައި ކޮންމެ ދަރިކޮޅެއް އޮތް ކަމުގައި ވިޔަސް، މައްކާގެ ޝަރީފުކަން އޮތީ އެ ޢާއިލާއަށެވެ. އެ ޢާއިލާގެ ބެއިފުޅުން ވެސް އެއިރަކު ޚިލާފަތު އޮތް ބަޔަކަށް ބައިޢަތު ހިއްޕަވައި، ކިޔަމަންތެރިކަމާއި ޠާޢަތު އަދާ ކުރައްވަމުން ގެންދެވިއެވެ. އެ ބެއިފުޅުން ޢުޘްމާނީ ޚިލާފަތަށް ބައިޢަތު ހިއްޕެވީ ނަޞާރާ ތާރީޚުން 1517 ވަނަ އަހަރުއެވެ. ޢީސާއީ ކަލަންޑަރުން 1201 އިން ފެށިގެން 1925 އާ ހަމަޔަށް، މެދުކެނޑުމެއް ނެތި 724 އަހަރު ވާންދެން، ބަނޫ ޤަތާދާގެ ބެއިފުޅުން މައްކާގެ އަމީރުކަން ނުވަތަ "ޝަރީފް މައްކާ" ގެ މަޤާމު އަދާ ކުރެއްވިއެވެ.

މީލާދީން ނަވާރަ އަދި ވިހިވަނަ ޤަރުނާ ހަމަޔަށް އައި އިރު، ޤަތާދާ ޢާއިލާ އަކީ ޙިޖާޒު ކަރައިގެ އެންމެ މުހިއްމު އަދި އެންމެ ބާރުގަދަ ޢާއިލާއެވެ. ޙިޖާޒުގެ އިތުރުން، ހުޅަނގު އޭޝިޔާގައި މުސްލިމް ޢަރަބި ބިންތަކުގެ ގޮތުގައި އޮތް އެހެނިހެން ސަރަޙައްދުތަކުގައި ވެސް އެ ޢާއިލާއަށް އޮންނަ ލޯތްބާއި ޤަދަރާއި އިޙުތިރާމު ބޮޑެވެ. ޚާއްޞަކޮށް ޝާމުކަރަޔާއި ޢިރާޤުގައެވެ. ޝާމުކަރައޭ މި ދަންނަވަނީ މިހާރުގެ އުރްދުން، ލުބްނާން، ސީރިޔާ އަދި ފަލަސްޠީނުގެ ސަރަޙައްދުތަކަށެވެ. މައްކާގެ އިތުރުން މަދީނާގެ ކަންކަމުގެ މައްޗަށް ވެސް އެ ޢާއިލާގެ ބާރާއި ނުފޫޒު ވަރަށް ބޮޑަށް އޮތެވެ.

ބަނޫ ޤަތާދާ ޢާއިލާއިން މައްކާގެ ޝަރީފްކަން ކުރުމުގެ ސިލްސިލާ ދެމިގެން އައިސް، ޙުސައިން ބިން ޢަލީ އަލްހާޝިމީ އެ މަޤާމަށް އިސް ވެވަޑައިގަތީ ޢީސާއީ ތާރީޚުން 1908 ވަނަ އަހަރުއެވެ. އެއިރު އޭނާގެ ޢުމުރުފުޅަކީ 54 އަހަރެވެ.

ޙުސައިން އުފަން ވެވަޑައިގަތީ އިސްލާމީ ޚިލާފަތުގެ ވެރިރަށުގެ ގޮތުގައި އެއިރު އޮތް އިސްތަންބޫލުގައެވެ. ޅަޢުމުރުފުޅު ހޭދަ ކުރެއްވީ އަދި ތަޢުލީމު ޙާޞިލު ކުރެއްވީ އިސްތަންބޫލުގައެވެ. ޢުޘްމާނީ ބޮޑުންނާއި ޝާހީ ޢާއިލާގެ ބެއިފުޅުން ކިޔަވައިވިދާޅުވާ މަދަރުސާތަކުންނެވެ. ޢުޘްމާނީ އުސްތާޒުންގެ އަރިޔަހުންނެވެ. ޢަރަބި ބަހަށް ވުރެ އޭނާ ފަރިތައީ ވެސް ތުރުކީ ބަހަށެވެ. އެހެން ނަމަވެސް، ހާޝިމް ވަންހައިން އުފެދިފައި އޮތް ބަނޫ ޤަތާދާ ޢާއިލާއަށް ނިސްބަތް ވެވަޑައިގަންނަވާ ޢަރަބި ބޮޑެއް ކަމުގައި ވާ ޙުސައިންގެ ހިތްޕުޅުގައި އޮތީ ޢަރަބީންގެ ނަސްލީ އަދި ޤައުމީ މަތިވެރިކަމުގެ ޢަޤީދާއެވެ. އިސްލާމީ ޚިލާފަތުގައި ތުރުކީން ތިބިތިބުމާ މެދު ރުހިވަޑައިނުގަތުމުގެ ޝުޢޫރުތަކެވެ. އޭނާ މައްކާގެ ޝަރީފުކަމުގެ މަޤާމަށް އިސް ކުރެވުނު 1908 ވަނަ އަހަރަކީ، ޚަލީފާ ޢަބްދުލްޙަމީދު ޘާނީގެ މަޝްހޫރު "ޙިޖާޒު ރޭލުމަގު" މަޝްރޫޢު ފުރިހަމަ ވި އަހަރެވެ. އެކަން ވެސް ވެގެން ދިޔައީ ޙުސައިން ވަރަށް ބޮޑަށް ހިތްޕުޅު ހަމަނުޖެހުނު ކަމަކަށެވެ. އޭނާ ބެއްލެވީ، އެއީ ތުރުކީންގެ ބާރު ޙިޖާޒާއި ޢަރަބި ކަރައިގެ އެހެނިހެން ސަރަޙައްދުތަކުގެ މައްޗަށް ދާއިމަށް ފޯރުވުމަށް ބޭނުން ކުރެވޭނެ ވަސީލަތެއް ކަމުގައެވެ.

ޝަރީފް މައްކާގެ މަޤާމާ ޙަވާލު ވެވަޑައިގެންނެވި އިރު ވެސް ޙުސައިން ބިން ޢަލީ ގެންދެވީ ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް ޢަރަބި ޤައުމިއްޔަތުގެ ޙަރަކާތެއްގެ ހުވަފެން ދެކެވަޑައިގަންނަވަމުންނެވެ. އެކަން އެނގެނީ އޭނާ ޝަރީފްކަމާ ޙަވާލު ވެވަޑައިގަތުމަށް ފަހު، އޭނާގެ ދެ ބެއިފުޅުން ޢަބްދުﷲ އާއި ފައިޞަލް ފަދަ، އޭނާގެ އަރިސް ބައެއް ބޮޑުންނާއި މިޞްރުގެ އިސްތިޢުމާރީ ސާހިބުންގެ ގޮތުގައި ތިބި އިނގިރޭސީންނާ ދެމެދު ކުރެވިފައި ހުރި ބައެއް މުއާސަލާތުތަކުގެ ތާރީޚި ރިކޯޑުތަކުންނެވެ. ފުރަތަމަ ދެކެވިފައި ވަނީ، ޢުޘްމާނީންގެ ދަށުން ހަމައެކަނި ޙިޖާޒު ވަކި ކޮށް ޙުސައިންގެ ރަސްކަމެއް ޙިޖާޒުގައި ޤާއިމު ކުރުމުގެ ވާހަކައެވެ. މި ވާހަކައެއް ކޮންމެވެސް ވަރަކަށް ދެކެވިފައި ވަނިކޮށް، ޚިލާފަތާ ދެކޮޅަށް ބޮޑު ބަޣާވާތެއް ކުރެއްވުމަށް ޝަރީފް ޙުސައިނަށް ފުރުޞަތާއި ދަނޑިވަޅު ފަހި ވެ ތަނަވަސް ވެގެން އައީ، އިސްވެ ދެންނެވި ފަދައިން، ޢުޘްމާނީ ޚިލާފަތުގެ ބާރުތައް ބަޣާވާތަކުން އަތުލައިގަނެގެން ތިބި ޜައުން ތުރްކްލަރްގެ ލީޑަރުން، އެއްވެސް ވިސްނުމެއް ޙިކުމަތްތެރިކަމެއް ނެތި، ފުރަތަމަ ބޮޑު ހަނގުރާމައިގައި ޖަރުމަނު ފަޅިއަށް އަރައި ބޮޑު ހަނގުރާމައިގެ ތެރެޔަށް ވަނުމުންނެވެ. އެޔާއެކު ޢުޘްމާނީ ޤިޔާދަތާއި ޢަސްކަރިއްޔާގެ ވަސީލަތްތަކުގެ ފޯކަސް ހަނގުރާމަޔަށް ހުއްޓުމުން، ޙުސައިން ދަނޑިވަޅުގެ ބޭނުން ހިއްޕެވީއެވެ. ކަން ދިމާ ކުރި ގޮތުން، 1918 ވަނަ އަހަރު ފުރަތަމަ ބޮޑު ހަނގުރާމަ ނިމިގެން ދިޔައީ ޖަރުމަނާ އެކު ޢުޘްމާނީ ދައުލަތް ވެސް ބޮޑު ބައްޔަކުން ބަލި ވެ އިނދަ ޖެހިގެންނެވެ. ދެންނެވިދިޔަ ފަދައިން، ޢުޘްމާނީންގެ ތިން ލައްކައަށް ވުރެ ގިނަ ސިފައިން މަރު ވެ، ހަތަރު ލައްކަ އާއި އަށްލައްކައާ ދެމެދުގެ ޢަދަދަކަށް ސިފައިން ޒަޚަމު ވެ، އެތައް ޒަމާނަކުން މެނުވީ އަރައިނުގަނެވޭ ވަރުގެ ވަޅުގަނޑަކަށް ޚިލާފަތު ވެއްޓިގެންނެވެ.

ޝަރީފް ޙުސައިންގެ ޢަރަބި ބަޣާވާތް (Arab Revolt) އަކީ އިސްލާމީ ތާރީޚުގެ އެންމެ މަޝްހޫރު، އެންމެ މުހިއްމު އެއް ހާދިސާއެވެ. އެ ބަޣާވާތް ކުރެއްވެވީ، އެކަން ތަބްރީރު ކުރެއްވުމަށް ޓަކައި ތަފާތު އެތައް ޙުއްޖަތްތަކާއި ސަބަބުތައް ދައްކަވަމުންނެވެ. އެ ޙުއްޖަތްތަކާއި ސަބަބުތަކަކީ ކޮބައިތޯ، އަދި އެ ޙުއްޖަތްތަކާއި ސަބަބުތަކުގެ ޞައްޙަކަމާ މެދު މި ލިޔުމުގައި ވާހަކަ ދައްކާކަށެއް އަޅުގަނޑު ގަސްތެއް ނުކުރަމެވެ. އެއީ އެތައް ގޮތަކަށް އެކި ކޮޅުކޮޅަށް ނުކުތާތައް ނަގައިގެން ކުރާން ޖެހޭ ބަޙުޘަކަށް ވުމާ ވެސް އެކުގައެވެ. ﷲ ރުއްސެވިއްޔާ، މި ކޮލަމުގައި ލިޔާ އެހެން ލިޔުމެއްގައި، ބާޣީން ދިފާޢު ކުރާ މީހުން އެއިރާއި މިހާރު ވެސް ދައްކާ ބަހަނާތަކުގެ މައްޗަށް ޚުލާޞާ ގޮތެއްގައި ބަލައިލެވޭނެއެވެ. ކޮންމެއަކަސް، ތާރީޚުގެ ޞަފުޙާތަކުން އެނގޭ ގޮތުގައި، ޝަރީފް ޙުސައިން އިނގިރޭސީންގެ އެހީތެރިކަމާ އެކު އިސްލާމީ ޚިލާފަތާ ދެކޮޅަށް ކުރެއްވި ބަޣާވާތުގެ މައިގަނޑު އަދި އެންމެ މުހިއްމު މަޤްޞަދަކީ އިސްލާމީ ޚިލާފަތުގެ ބާރުގެ ދަށުގައި އޮތް ޢަރަބީންގެ ސަރަޙައްދުތައް އޭނާގެ ޢާއިލާގެ ރަސްކަމެއްގެ ދަށަށް ގެންނެވުމެވެ. އެ ސަރަޙައްދުތަކަކީ، ޖުމުލަކޮށް ކިޔަންޏާ، ޙިޖާޒާއި ޔަމަނާއި ޝާމުކަރަޔާއި ޢިރާޤެވެ. ޝަރީފް ޙުސައިން ބޭނުންފުޅު ވީ، މި ބިންތައް އޭނާގެ ރަސްކަމުގެ ދަށަށް ގެންނަވައި، ޢަރަބި ޤައުމިއްޔަތުގެ ބިންގަލުގެ މަތީގައި އޭނާގެ ޢާއިލީ ވިރާސީ ރަސްކަމެއް އެ ބިންތަކުގައި އުފެއްދެވުމެވެ. މި މަޤްޞަދު ފޮރުއްވެވުމަށް ޓަކައި، ޙުސައިނާއި އޭނާގެ އެކުވެރީން ޢުޘްމާނީ އިސްލާމީ ޚިލާފަތުގެ ކުށް ދައްކަވައި، ތަފާތު އެތައް ސަބަބުތަކަކާއި ޙުއްޖަތްތަކުގެ ސޫރައިގައި ފާޑުފާޑުގެ ބަހަނާ ދެއްކެވި ކަމުގައި ވިޔަސް، އެ ބެއިފުޅުންގެ ޙަޤީޤީ މަޤްޞަދަކީ މި ދެންނެވީއެވެ.

ޚިލާފަތާ ދެކޮޅަށް ބަޣާވާތް ކުރެއްވުމުގައި، ޙުސައިނަށް ހުތް ދީ، އިރުޝާދު ދީ، އެހީތެރިކަމާއި ވާގިވެރިކަން ދިނީ އިސްލާމީ އުއްމަތުގެ އެންމެ ބޮޑު ދުޝްމަނުންގެ ތެރޭގައި ހިމެނޭ އިނގިރޭސި ދައުލަތެވެ. ބަޣާވާތުގެ ކަންކަމާ މެދު އިނގިރޭސި ދައުލަތާއި ޙުސައިނާ ދެމެދު ކުރެވުނު މަޝްވަރާތައް ތާރީޚުގައި މަޝްހޫރު ވެފައި ވަނީ "މެކްމާހަން-ޙުސައިން މުރާސަލާ" (McMahon-Husayn Correspondence) ގެ ނަމުންނެވެ. މި ލިޔުމުގައި ބަލައިލާން ބޭނުން ވަނީ މި "މެކްމާހަން-ޙުސައިން މުރާސަލާ" ގެ މައްޗަށެވެ. އާދެ، ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚިލާފަތުގެ ދުވަސް ދުއްވައިލުމަށް ޝަރީފް ޙުސައިން ބިން ޢަލީ އަލްހާޝިމީ އަލްޤުރައިޝީ، ޞަލީބީ އިނގިރޭސި ދައުލަތާ އެކު ރޭއްވެވި ރޭއްވެވުމުގެ މައްޗަށެވެ. އިސްލާމީ ޚިލާފަތު ނެއްތައިލުމަށް ޓަކައި ޢަރަބި ބާޣީންނާއި ޞަލީބީންގެ މުޑުދާރު އިއްތިހާދެއް އުފެއްދުނު ގޮތުގެ މައްޗަށެވެ.

މެކްމާހަން-ޙުސައިން މުރާސަލާ އަކީ، އެ ދުވަސްވަރު މިޞްރުގައި ހުރި އިނގިރޭސި ހައި ކޮމިޝަނަރ ސަރ ހެންރީ މެކްމާހަން އާއި، ޝަރީފް ޙުސައިނާ ދެމެދު ބަދަލު ކުރެވުނު ސިޓީތަކެކެވެ. ޤާހިރާގައި ޤާއިމު ވެހުރި ހެންރީ މެކްމާހަނަކީ މިޞްރާއި ސޫދާނާއި ޢަރަބި ކަރައިގެ ދެކުނުގެ ސަރަޙައްދުތަކުގައި އޮތް އިނގިރޭސި އިސްތިޢުމާރީ ބާރުތަކުގެ އެންމެ އިސް ވެރިޔާއެވެ.

1914 ވަނަ އަހަރު ފުރަތަމަ ބޮޑު ހަނގުރާމަ ފެށުމުން، އިނގިރޭސީން އެންމެ ސަމާލުކަމެއް ދިން އެއް ކަމަކީ އިސްލާމީ ޚިލާފަތް ނައްތައިލުމަށް އެމީހުން ދެކެމުން އަންނަތާ އެންމެ މަދު ވެގެން ވެސް ހަތްސަތޭކަ ވަރަކަށް އަހަރު ވެފައިވާ ހުވަފެން ޙަޤީޤަތަކަށް ހެދުމުގެ މަސައްކަތެވެ. ހަމައެކަނި އިނގިރޭސީންނެއް ނޫނެވެ. މިއީ ޔޫރަޕުގެ ނަޞާރާ ބާރުތަކުން އަބަދުވެސް ދެކެމުން އައި ހުވަފެނެކެވެ. މުޙައްމަދިއްޔަ ރިސާލަތާއި މުޙައްމަދިއްޔަ އުއްމަތާއި މުޙައްމަދިއްޔަ ޚިލާފަތަކީ ޔޫރަޕް ދެކޭ ގޮތުގައި އެމީހުންގެ ބޮޑު ދުޝްމަނެވެ. މި ކަމުގައި ޔޫރަޕުގައި "ޗާރޗް އެންޑް ސްޓޭޓް" އަބަދުވެސް ކިޔަނީ އެއް ލަވައެކެވެ.

ޢުޘްމާނީން ފުރަތަމަ ބޮޑު ހަނގުރާމައިގައި އިނގިރޭސީންނާއި ފަރަންސޭސީންނާއި ރޫސީން އަދި އެމީހުންގެ ޙަލީފުންނާ ދެކޮޅަށް މައިދާނަށް ނުކުތުމަކީ، އެމީހުންނަށް ލިބުނު ރަނުގެ ފުރުޞަތެކެވެ. ވަގުތުން ވަގުތަށް ލަންޑަނާއި ޕެރިހާއި މޮސްކޯގެ ބާރުވެރިކަމުގެ މާލަންތަކުގައި ބާރުވެރީންގެ މަޖިލިސްތަކުގައި ރޭވިގެން ދިޔައީ އިސްލާމީ ޚިލާފަތު އަބަދުގެ އަބަދަށް ވުޖޫދުން ފޮހެލުމުގެ ފަހު މަރުޙަލާގެ ކަންކަމެވެ. އެމީހުން ސައްލާތައް ކޮށް ކަނޑައެޅީ، ހުޅަނގު ދެކުނު އޭޝިޔާގެ އިސްލާމީ ބިންތަކުގެ ތެރެއިން ޢުޘްމާނީ ވެރިކަމުގެ ދަށުގައި ދެމިއޮތް ސަރަޙައްދުތައް ވެސް – ޢަރަބި ކަރަ، ޢިރާޤު، ޝާމުކަރަ، އަދި އަނާޠޫލިއްޔާ – ހަނގުރާމައިގެ ތެރޭގައި ކޮންމެ ގޮތަކުން ވެސް އަތުލައިގަތުމަށެވެ. އަދި ބޯކިބަލެއް ފަޅައި ފޮތިތައް ބަހާހެން އެމީހުންގެ މެދުގައި އެ ބިންތައް ބަހައިލުމަށެވެ. އެއްބައި އިނގިރޭސީންނަށް، އަނެއް ބައި ފަރަންސޭސީންނަށް، ބާކީ ބައި ރޫސީންނަށް ލިބޭ ގޮތަށެވެ. މި ރޭވުން އެ ވަސީގާތަކެއްގައި އެކަށައެޅިގެން ދިޔަ ވަސީގާތަކުގެ ތެރެއިން އެންމެ މަޝްހޫރު އަދި އެންމެ މުހިއްމު އެއް ވަސީގާ އަކީ ހަނގުރާމައިގެ ތެރޭގައި 1916 ވަނަ އަހަރު އިނގިރޭސީންނާއި ފަރަންސޭސީންނާއި ރޫސީންގެ މެދުގައި ވެވުނު "ސައިކްސް-ޕީކޯ އެގްރީމަންޓް" (Sykes-Picot Agreement އެވެ ކިޔޭ ސިއްރު އެއްބަސްވުމެވެ.

ޚިލާފަތު އުވައިލައި މުޅީން ނައްތައިލެވޭނީ މުސްލިމުންގެ ސަފުތައް ބައިބައި ކޮށް، ޚިލާފަތާ ދެކޮޅަށް ޢަރަބީންގެ ބޭނުން ހިފައިގެންކަން އިނގިރޭސީންނަށް ވިސްނެއެވެ. ޞަރީޙަ ބަހުން "ޚިލާފަތު އުވައިލަމާ ހިނގާށޭ" ބުނާ ބުނުމަކަށް އެއްވެސް މުސްލިމަކު އެއްބަސް ނުވާނޭކަން ވެސް އެވެރީންނަށް އެނގެއެވެ. އެހެންކަމުން، އެކަން ކުރުމަށް ކަނޑައެޅި ގޮތަކީ، ތުރުކީންގެ އަތުން އިސްލާމީ ޚިލާފަތު އަތުލައި ޢަރަބީންގެ އަތްމައްޗަށް ޚިލާފަތު ފިރައިލެވޭ ފިރައިލުމެއްގެ ގޮތުގައި އެ ރޭވުން ޢަރަބި ލީޑަރުންނަށް ވިއްކުމެވެ. މިގޮތުން ޢަރަބީންގެ ތެރެއިން ޢުޘްމާނީ ޚިލާފަތާ ދެކޮޅު ބަޣާވާތުގެ ދިދަ ދޭނީ ކާކަށްތޯ ބެލުމަށް އިނގިރޭސީން އަނބުރައިލި ސަމުގާގެ ބޮޑުކަށި ގޮސް ހުއްޓުނީ ޝަރީފް ޙުސައިނާ ދިމާޔަށެވެ. އެހެނީ، ޚިލާފަތުގެ ސަރަޙައްދުގައި ޢަރަބި އާބާދީތަކަށް އަކްސަރިއްޔަތު އޮތް ޙިޖާޒާއި، ޢިރާޤާއި، ޝާމުކަރައިގެ ސަރަޙައްދުތަކުގައި ޢަރަބީންގެ މެދުގައި އެންމެ ބޮޑު މަޤުބޫލުކަމަކާއި ނުފޫޒެއް އޮތް ލީޑަރަކީ ޙުސައިނެވެ. މައްކާގެ އަމީރުކަން ހަތް ޤަރުނަށް ވުރެ ދިގު މުއްދަތަކަށް އޭނާގެ ޢާއިލާއިން ކޮށްފައި އޮތުމަކީ، އޭނާއަށް ލިބިވަޑައިގެންފައި އޮތް އަގު ނުކުރެވޭ ވަރުގެ ސިޔާސީ އަދި އިޖުތިމާޢި ރައުސުލްމާލެކެވެ. މިނިވަން އަދި މުސްތަޤިއްލު ޢަރަބި ދައުލަތެއްގެ ހުންގާނުގައި ހިފައިގެން ތުރުކީންނަށް ތަޙައްދީ ކުރެވޭ ވަރުގެ ސިޔާސީ އަދި ޤިޔާދީ ތަޖުރިބާ ވެސް އެންމެ މަތީ ދަރަޖައެއްގައި ހުރީ އޭނާ އާއި އޭނާގެ ޢާއިލާގެ ކިބައިގައެވެ. މި ކަންކަމަށް ވުރެ ވެސް މުހިއްމު ކަމެއްގެ ގޮތުގައި، މުސްލިމުންގެ ޚަލީފާގެ ގޮތުގައި ހުންނެވި ބެއިފުޅަކު ގަދަބާރުން މަޤާމުން ދުރު ކުރުމަށް ފަހު، އިނގިރޭސީން އެ މަޤާމަށް ޢައްޔަން ކުރާ މީހަކާ މެދު މުސްލިމުން – ޚުދު ޢަރަބީން ވެސް – ރުހި ޤަބޫލު ވާނޭކަމުގެ ޔަޤީންކަމެއް ކިރިޔާ ވެސް އޮންނާނީ، އިނގިރޭސީން އިޚްތިޔާރު ކޮށް ތަޚުތުގައި ބައިންދާ މީހަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޢާއިލާއަށް ނިސްބަތް ވުމުގެ "ރަން ކާޑު" ކުޅެވޭނެ މީހަކަށް ވެގެންކަން އިނގިރޭސީންނަށް ފިސާރި ރަނގަޅަށް ވިސްނެއެވެ. ބަޣާވާތުގެ ލީޑަރަކަށް ޙުސައިން ބިން ޢަލީ އިޚްތިޔާރު ކުރުމަށް އިނގިރޭސީން ނިންމީ މި ހުރިހައި ކަމަކާ ހުރެއެވެ. ޝަރީފް ޙުސައިން ފިޔަވައި، އިތުރު ދެ "ކެންޑިޑޭޓުން" ގެ މައްޗަށް އިނގިރޭސީންގެ ތަޙްޤީޤީ ނަޒަރު ހުއްޓިއެވެ. އެއީ ޢަރަބި ކަރައިގެ ނަޖުދު ސަރަޙައްދުގައި، ޢުޘްމާނީންގެ ޚިލާފަތަށް ބައިޢަތު ހިއްޕަވައިގެން ހުންނަވައި، ޤަބީލީ ވެރިކަމެއް ހިންގަވަމުން ގެންދެވި ޢަބްދުލްޢަޒީޒް އިބްނު ސައުދާއި، ޙިޖާޒާއި ޔަމަނާ ގުޅޭ ސަރަޙައްދުގައި ހަމަ އެފަދަ ވެރިކަމެއް ހިންގަވަމުން ގެންދެވި ސައްޔިދު މުޙައްމަދުލް އިދްރީސީ އަލްޢަސީރީއެވެ. ނަމަވެސް މީގެ ތެރެއިން ބެއިފުޅަކަށް، ޙިޖާޒާއި ޢިރާޤާއި ޝާމުކަރައިގެ ޢަރަބީންގެ ޤިޔާދަތުގެ ދައުރު އެއްވެސް ގޮތަކުން އަދާ ކުރެއްވޭނޭ ކަމަށް އިނގިރޭސީންނަކަށް ނުފެނުނެވެ.

އިސް ވެދެންނެވި ފަދައިން، ހަނގުރާމަ ފެށުމުގެ ކުރީން، 1908 ގައި މައްކާގެ ޝަރީފްކަމަށް ވަޑައިގަތް ދުވަހުއްސުރެ ކަހަލަ ގޮތަކަށް، ޙުސައިންގެ ފަރާތުން އިނގިރޭސީންނާ މުއާސަލާތު ކުރައްވައި، ޢުޘްމާނީންނާ ދެކޮޅަށް އިނގިރޭސީންގެ އެހީ ހޯއްދެވުމުގެ ޝައުޤުވެރިކަން ކޮންމެވެސް ސިފައެއްގައި ފައުޅު ކުރައްވައިފައި އޮތް އޮތުމަކީ ވެސް، އިނގިރޭސީން އެމީހުންގެ ރޭވުމުގައި ޙުސައިން ބޭނުން ކުރުމަށް ކަނޑައެޅި އެއް ސަބަބެވެ.

މެކްމާހަން-ޙުސައިން މުރާސަލާގައި ހިމެނެނީ، ދެ ފަރާތުން ބަދަލު ކުރެވުނު މުޅި ޖުމުލަ ދިހަ ސިޓީއެވެ. އެ ސިޓީތައް ބަދަލު ކުރެވިފައި ވަނީ 1915 ވަނަ އަހަރުގެ ޖުލައި މަހާއި 1916 ވަނަ އަހަރުގެ މާރިޗު މަހާ ދެމެދުގައެވެ. ޖުމުލަކޮށް ދަންނަވަންޏާ، މި ސިޓީތަކުގެ ވަސީލަތުން މަޝްވަރާ ކުރެވި އެއްބަސް ވެވުނު ކަމަކީ، ޝާމުކަރަޔާއި ޢިރާޤާއި ޢަރަބި ކަރައިގައި ބަނޫ ޤަތާދާ ވެރިކަން ކުރާ ޢަރަބި ދައުލަތެއް އުފައްދައިދޭން އިނގިރޭސީން ވަޢުދު ވުން، އަދި އެ ދައުލަތް އުފައްދައިދިނުމުގެ މުޤާބިލުގައި ޢަރަބީން ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް ބަޣާވާތް ކުރުމާއި މި ދަންނަވާ ބިންތަކުން ޢުޘްމާނީން ބޭރު ކުރުމަށް ޓަކައި ޢަރަބީންނާއި އިނގިރޭސީންނާ ގުޅިގެން އެއް ބާރެއްގެ ގޮތުގައި ހަނގުރާމަ ކުރުމެވެ.

މަތީގައި ދެންނެވިފައި ވާ ފަދައިން، ފުރަތަމަ ބޮޑު ހަނގުރާމަ ފެށުމުގެ ކުރީން ވެސް، ޢުޘްމާނީ އިސްލާމީ ޚަލީފާއާ ދެކޮޅަށް ޢަރަބީންގެ ބަޣާވާތެއް އިންތިޒާމު ކުރުމާ މެދު ޙުސައިންގެ ޢާއިލާގެ ބެއިފުޅުން އަދި ބޮޑުން ވަނީ އިނގިރޭސީންނާ އެކު މަޝްވަރާ ކުރައްވައިފައެވެ. މި މަޝްވަރާ އިނގިރޭސީންނާ އެކު ޙުސައިންގެ ދަރިކަލުން ޢަބްދުﷲ ބިން ޙުސައިން ވެސް، އަދި އޭނާގެ ދަރިކަލުން ފައިޞަލް ބިން ޙުސައިން ވެސް ކުރެއްވިއެވެ. މިސާލެއްގެ ގޮތުން، 1914 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި، ދަތުރުފުޅެއްގެ މަތީގައި ޤާހިރާގައި މަޑު ކުރައްވައިގެން ހުންނެވި ހުންނެވުމުގައި ފައިޞަލް ވަނީ އެއިރު މިޞްރުގައި ހުރި އިނގިރޭސި ކޯންސަލް ޖެނެރަލް ހޮރޭޝިއޯ ހާރބަރޓް ކިޗެނަރއާ ވެސް އެކަމާ މެދު މަޝްވަރާ ކުރައްވައިފައެވެ.

ކިޗެނަރ އާއި ފައިޞަލާ ދެ ބެއިފުޅުންގެ މަޝްވަރާއަށް އަހަރެއްހައި ދުވަސް ވީ ފަހުން، 1915 ވަނަ އަހަރުގެ ކުރީކޮޅު، އިނގިރޭސީންގެ ފަރާތުން ޝަރީފް ޙުސައިނަށް މެސެޖެއް ލިބިވަޑައިގަތެވެ. އެ މެސެޖާ ގުޅިގެން ޙުސައިން އޭނާގެ ފިރިހެން ބެއިބެއިފުޅުންނާއި ބޮޑުން ކުރެ އެންމެ އަރިސް ބެއިފުޅުންނާ އެކު ދިގު މަޝްވަރާ މަޖިލިހެއް ބޭއްވެވިއެވެ. މަޝްވަރާގެ މައުޟޫޢަކީ އިނގިރޭސީންނާ ގުޅިގެން މުސްލިމުންގެ ޚިލާފަތާ ދެކޮޅަށް ހަނގުރާމަ ކޮށް، ޚިލާފަތުން ވަކި ވެގަނެ ވަކި ދައުލަތެއް އުފެއްދުމުގެ ސުވާލެވެ. މަޝްވަރާގެ ތެރޭގައި ބަޣާވާތާ ދެކޮޅަށް ވާހަކަ ދެއްކެވި ހަމައެކަނި ބެއިފުޅަކީ ޝަރީފް ޙުސައިންގެ ދޮށީ ދަރިކަލުން ޢަލީ ބިން ޙުސައިނެވެ. ނަމަވެސް އެހެން ބެއިބެއިފުޅުންގެ ޚިޔާލުފުޅު ހުރީ އިނގިރޭސީން ދޭން ތިބި ކޮންމެ އެހީތެރިކަމެއް ހޯދައިގެން، ޢުޘްމާނީންނާ ދެކޮޅަށް ތެދު ވެ، "ޢަރަބި އިސްލާމީ ޚިލާފަތެއް" އިޢުލާން ކުރުމުގެ މައްޗަށެވެ. ފަހު ވަގުތު ޢަލީ ބިން ޙުސައިން ވެސް އެހެން ބެއިފުޅުންގެ ރައުޔަށް ދީލައިލައްވައި ހަތިޔާރު ބެހެއްޓެވީއެވެ.

މި ހިސާބުން، މެކްމާހަން އާއި ޝަރީފް ޙުސައިނާ ދެ ބެއިފުޅުންގެ ދެމެދުގައި ބަދަލު ކުރެވުނު ސިޓީތަކަށް ކުރު ގޮތަކަށް ބަލައިލަމާ ހިންގަވާށެވެ!

މުރާސަލާގެ ފުރަތަމަ ސިޓީ ފޮނުއްވެވީ 14 ޖުލައި 1915 ގައި ޝަރީފް ޙުސައިނެވެ. އެ ސިޓީ ލިޔުއްވީ މަތީގައި ނަންގަނެވުނު މަޝްވަރާ މަޖިލިހުގެ ނިންމެވުންތަކާ އެއްގޮތަށެވެ. ސިޓީގައި ވިދާޅުވެފައި ވަނީ، ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް ތެދު ވުމަށް އިނގިރޭސީން ހުށައެޅި ހުށައެޅުމަށް ރުހިވަޑައިގެން އެމީހުންގެ އެހީތެރިކަން ބޭނުންފުޅު ކުރައްވާ ގޮތަށް ހުންނެވި ވާހަކައެވެ. އޭނާގެ ވެރިކަމުގެ ދަށުގައި އިޢުލާން ކުރެވޭ ދައުލަތަކީ "ޢަރަބި އިސްލާމީ ޚިލާފަތެއް" ކަމުގައި ވާނެ ވާހަކަ އާއި، އެ "ޚިލާފަތުގެ" ސަރަޙައްދުގެ ގޮތުގައި މުޅި ޢަރަބި ކަރައާއި، ޝާމުކަރަޔާއި ޢިރާޤުގެ ސަރަޙައްދު ހިމަނުއްވާން ބޭނުންފުޅު ވާހަކައެވެ. އެ ތަންތަނާއި އެ ތަންތަނުގެ ސަރަޙައްދީ ރޮނގުތައް ކުރެހިގެން ދާން ވާނޭ ގޮތާ މެދު ވެސް ބައެއް ކަންކަން ފާހަގަ ކުރައްވައިފައި ހުއްޓެވެ. މި ސިޓީފުޅަށް ސަރ މެކްމާހަން ލިޔުއްވި ޖަވާބުގެ ތާރީޚަކީ 30 އޯގަސްޓް 1915 އެވެ. އޭނާގެ ސިޓީފުޅުގައި، ޢުޘްމާނީންނާ ދެކޮޅަށް ޢަރަބީންނާއި އިނގިރޭސީންނަށް އެއް ގަލަކަށް އެރުނު ކަމަށް ޓަކައި ނިހާޔަތަށް އުފާފުޅު ކުރައްވާ ވާހަކަ ވިދާޅުވިއެވެ. ދެން ވިދާޅުވެފައި އޮތީ، އިޢުލާން ކުރެވޭ ޢަރަބި ވެރިކަމުގެ ސަރަޙައްދުގެ ތަފްޞީލުތަކާ މެދު ހަނގުރާމައިގެ ހޫނުގަނޑުގެ ތެރޭގައި ވާހަކަ ދެއްކުމުގެ ބަދަލުގައި، އެ ވާހަކަ ފަހަށް ބޭއްވުމަށެވެ.

ޙުސައިން ދެން ލޔުއްވި ސިޓީފުޅުގައި، ޢަރަބި ދައުލަތެއް އުފެއްދޭ އިރު އެ ދައުލަތުގެ ސަރަޙައްދު ކަމުގައި ވާ ތަންތަނުގެ ސުވާލަކީ މަޝްވަރާގެ އެންމެ އަސާސީ އެއް ނުކުތާކަން ފާހަގަ ކުރައްވައި، އެ ވާހަކަ ފަސް ކުރެވޭން ނެތް ކަމަށް ވިދާޅުވިއެވެ. ޖަވާބުގައި މެކްމާހަން ލިޔުއްވި ސިޓީފުޅުގައި، ޙުސައިން އެދިވަޑައިގަންނަވާ ބިންތަކުގެ ތެރެއިން ޝާމުކަރައާއި އަނާޠޫލިއްޔާ ގުޅޭ ސަރަޙައްދަށް ނިސްބަތް ވާ އިސްކަންދަރޫނާ އާއި މަރްސީން، ޢިރާޤަށް ނިސްބަތް ވާ ބަޞަރާ އާއި ބަޣްދާދު، އަދި ޝާމުކަރައިގެ ބިންތަކުގެ ތެރެއިން ޙަލަބާއި ހާމާ އާއި ޙިމްޞާއި ދިމިޝްޤުގެ ހުޅަނގަށް އޮންނަ ބިންތައް ޙުސައިން އެދިވަޑައިގަންނަވާ ފަދައިން ޢަރަބި ދައުލަތަށް ލައިދެވޭން ނެތް ކަމަށް ވިދާޅުވިއެވެ.

އިސްކަންދަރޫނާ އާއި މަރްސީނާ މެދު އިނގިރޭސީންގެ ބަހަކީ ކަނޑައެޅިގެން ނޫން ބަހެވެ.

ބަޞަރާ އާއި ބަޣްދާދާ މެދު މެކްމާހަން ވިދާޅުވީ، އިނގިރޭސީންގެ އިޤްތިޞާދީ މަޞްލަޙަތުތައް ޙިމާޔަތް ކުރުން ފަދަ ސަބަބުތަކަށް ޓަކައި މި ބިންތައް އިނގިރޭސީންގެ ނުފޫޒުގެ ދަށުން މުޅީން މިނިވަން ކޮށްދެވޭން ނެތް ވާހަކައެވެ. އެ ސަރަޙައްދުތައް ޢަރަބި ދައުލަތުގައި ހިމަނައިދެވުނަސް އެ ތަންތަނުގެ މައްޗަށް އިނގިރޭސީންގެ ދާއިމީ ބާރެއް އޮންނަ ގޮތަށް މެނުވީ އެކަން ނުކޮށްދެވޭނޭ ކަމުގައެވެ. އިނގިރޭސީން އެ ބުނާ އިޤްތިޞާދީ މަޞްލަޙަތުތަކުގެ ތެރެއިން އެއް ކަމަކީ، 1908 ވަނަ އަހަރު އީރާނުން ތެޔޮ ފެނިފައި ވުމާ އެކު ޢިރާޤުގައި ވެސް ތެޔޮ ހުރެދާނޭ ކަމަށް އެމީހުންނަށް ކުރެވިފައި އޮތް ލަފަޔާ ގުޅިގެން، ކުރިމަގުގައި ޢިރާޤުގައި ތެޔޮ ހުރިތޯ ބަލައި، ހުރިއްޔާ ހުރި ތެލެއް ނެގުމަށް ބިނާ ކުރެވޭ ސިނާޢަތުގެ މައްޗަށް ބާރު ފޯރުވުމަށް އެމީހުން ރާވައިފައި އޮތް ރޭވުންތަކުގެ ވާހަކައެވެ. ދެވަނަ ކަމަކީ، އިނގިރޭސީންގެ ވެރިކަމުގެ ދަށުގައި އޮތް އިންޑިއާ އާއި ޔޫރަޕާ ދެމެދު ކުރެވޭ މުޢާމަލާތްތަކަށް ބޭނުން ކުރެވޭ "ބޮޑުމަގެއްގެ" ގޮތުގައި ބަޞަރާއިން ފެށިގެން މެސޮޕޮޓޭމިއާގެ ސަރަޙައްދުން ގޮސް ފަލަސްޠީނާ ހަމަޔަށް އެމީހުންގެ ބާރު ފޯރާ ކޮރިޑޯއެއް ބޭއްވުމަށް ރާވައިފައި ވާ ރޭވުންތަކުގެ ވާހަކައެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައެއް މެކްމާހަންގެ ސިޓީފުޅުތަކުގައި އެއްވެސް ގޮތަކަށް ބަޔާން ކުރައްވައިފައެއް ނުވެއެވެ.

ޝާމުކަރައިގެ ޙަލަބާއި ހާމާ އާއި ޙިމްޞާއި ދިމިޝްޤުގެ ހުޅަނގަށް އޮންނަ ބިންތަކާ މެދު ކަން ކުރާނޭ ގޮތެއް އިނގިރޭސީން ސާފުކޮށް ނުބުނެއެވެ. އެ ސަރަޙައްދުތަކާ ބެހޭގޮތުން މެކްމާހަންގެ ސިޓީފުޅުތަކުގައި ވިދާޅުވެފައި ވާ ވާހަކައަކީ، އެ ބިންތަކަކީ އެހެން ނަސްލުތަކުގެ މީހުން ވެސް ދިރިއުޅޭ އެހެންކަމުން ޢަރަބި ބިންތަކެކޭ ނުބުނެވޭނޭ ބިންތަކެކޭ، އަދި އެ ބިންތަކާ ގުޅޭގޮތުން ނިންމުމެއް ނިންމޭނީ "ފަރަންސޭސީން ފަދަ އަހަރެމެންގެ އެކުވެރި ޙަލީފުންނާ" ވެސް މަޝްވަރާ ކުރުމަށް ފަހުގައޭ، މިއެވެ. މި ނުކުތާތަކަށް ވެސް މެމްމާހަން އެއްވެސް ތަފްޞީލެއް ދެއްވައިފައެއް ނުވެއެވެ. ޙިމްސާއި ހާމާ އާއި ޙަލަބާއި ދިމިޝްޤުގެ "ހުޅަނގަށް ހުރި ބިންތަކޭ" އެ ވިދާޅުވަނީ ކޮން ތަންތަނަކަށް ކަން އެއްވެސް ވަރަކަށް ތަފްޞީލު ކޮށްދެއްވައިފައެއް ވެސް ނުވެއެވެ. ޝަރީފް ޙުސައިނާއި އޭނާގެ އެކުވެރީން ހީފުޅު ކުރައްވައިގެން ތިއްބެވީ އެ ވިދާޅުވަނީ ސުންނީ އަދި ޝީޢީ މުސްލިމުންނާ އެކު ނަޞާރާ މެރޮނައިޓުންގެ ގިނަ ބަޔަކު ވެސް ދިރިއުޅެމުން ގެންދިޔަ، މިހާރު ލުބުނާނަށް ވާ ސަރަޙައްދާއި ލުބުނާނުގެ އުތުރުން މިހާރު ސީރިއާގެ މެޑިޓަރޭނިއަން އައްސޭރިއަށް އޮންނަ ސަރަޙައްދުގެ ވާހަކަ ކަމުގައެވެ. ސީރިއާގެ ޗާޓަށް ބައްލަވައިލައްވައި، އެންމެ އުތުރުން ޙަލަބު، ޙަލަބުގެ ތިރީން ހާމާ، ހާމާގެ ތިރީން ޙިމްޞް، އަދި ޙިމްޞުގެ ތިރީން ދިމިޝްޤާ ހަމަޔަށް އޮންނަ ސަރަޙައްދުގެ ހުޅަނގަކީ ޙަޤީޤަތުގައި ވެސް ސީރިއާގެ މެޑިޓަރޭނިއަން އައްސޭރި ސަރަޙައްދާއި ލުބުނާނުކަން ފެންނާނެއެވެ. ނަމަވެސް މި ކަމުގައި މެކްމާހަންގެ ސިޓީފުޅުގައި އޮތް ޢިބާރާތަކީ ކަނޑައެޅިގެން ބޮޑު އޮޅުވައިލުމެކެވެ. އެހެނީ، ޙަޤީޤަތުގައި އޭނާ "ޙަލަބާއި ހާމާ އާއި ޙިމްޞާއި ދިމިޝްޤުގެ ހުޅަނގަށް އޮންނަ ބިންތަކޭ" ވިދާޅުވީ، އެ ބިންތަކުގެ ދެކުނުގައި އޮންނަ ފަލަސްޠީނުގެ ސަރަޙައްދު ވެސް ހިމެނޭ ގޮތަށެވެ. އިނގިރޭސީން ފަރަންސޭސީންނާ އެކު ސިއްރުން ރާވައި ނިންމައިގެން ތިބީ ޙަލަބާއި ހާމާ އާއި ޙިމްސާއި ދިމިޝްޤުގެ ހުޅަނގަށް އޮންނަ ސަރަޙައްދު، މެރޮނައިޓް ކްރިސްޓިއަން ދައުލަތެއް އުފެއްދުމަށް ޓަކައި ހަނގުރާމަ ނިމުމުން ފަރަންސޭސީންނާ ޙަވާލު ކުރުމަށެވެ. މެކްމާހަންގެ ސިޓީފުޅުގައި އެ ބިންތަކާ މެދު ގޮތެއް ނިންމޭނީ "ފަރަންސޭސީން ފަދަ އަހަރެމެންގެ އެކުވެރި ޙަލީފުންނާ" ވެސް މަޝްވަރާ ކުރުމަށް ފަހުގައޭ ވިދާޅުވި ބަސްފުޅުގެ ފަހަތުގައި ފޮރުވިފައި އޮތް ސަބަބަކީ މިއީއެވެ. ހަމަ އެހެންމެ، އިނގިރޭސީން ތިބީ ޒައިނިސްޓް ޔަހޫދީ ދައުލަތެއް އުފެއްދުމަށް ޓަކައި ޒައިނިސްޓުންނަށް ފަލަސްޠީނުގެ ސަރަޙައްދު ދޭން ވެސް ރާވައި ނިންމައިގެންނެވެ. މި ރޭވުންތައް އެމީހުން ޝަރީފް ޙުސައިނަށް ސިއްރު ކުޅައީއެވެ. އެމީހުންގެ އާދައިގެ މަތީން މަކަރާއި ޙީލަތުގެ ގޮތުންނެވެ.

އިސްކަންދަރޫނާ އާއި މަރްސީނަށް ކުރައްވަމުން ގެންދެވި ދަޢުވާ ދޫކޮށްލައްވާނޭ ވާހަކަ އާއި، ބަޣްދާދާއި ބަޞަރާއާ މެދު އިނގިރޭސީން އެދޭ ގޮތަށް ދޫ ދެވިދާނޭ ވާހަކަ ޙުސައިންގެ ފަހުގެ ސިޓީފުޅުތަކުގައި ލިޔުއްވިއެވެ. ނަމަވެސް ޝާމުކަރައިގެ ހުޅަނގުގެ ބިންތަކާ – ޙުސައިން ހިތްޕުޅުން މިހާރު ލުބުނާނަށް އެ އޮންނަ ސަރަޙައްދު – މެދު ދޫ ދެވޭން ނެތް ކަމަށާއި، ޝާމުކަރައިން ކުޑަކުޑަ ތަންކޮޅެއް ވެސް ފަރަންސޭސީންނަށް ދޫކޮށްލާން އެއްބަސް ވެވަޑައިނުގަންނަވާނޭ ވާހަކަ އޭނާ ޖަރަހަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބިންތައް ހިމެނޭން ވާނީ އޭނާގެ ޢަރަބި ދައުލަތުގައެވެ. މެކްމާހަންގެ ފަހު ޖަވާބުގައި މިކަމާ މެދު އިތުރަށް އެއްވެސް އެއްޗެއް – އާނއެކޭ ވެސް އަދި ނޫނެކޭ ވެސް – ބުނެފައެއް ނުވެއެވެ. އޭގެ ބަދަލުގައި، ޢަރަބި ދައުލަތުގެ ސަރަޙައްދާ މެދު ޖުމުލަކޮށް އެއްބަސްވުމަކަށް އައުދެވުނުކަން ދޭހަ ވާ ޣާމިޒު (ambiguous) ޢިބާރާތްތަކަކުން ބުނެފައި ވަނީ، ޢަރަބި ދައުލަތުގެ ސަރަޙައްދުގެ ސިޔާދަތާއި އިސްތިޤްލާލާއި މިނިވަންކަން ބަލައިގަނެ، ޢަރަބި ދައުލަތުގެ ސިޔާދަތީ ޙައްޤުތަކަށް އިނގިރޭސީން ފުރިހަމަޔަށް އިޙުތިރާމު ކުރާނޭ ވާހަކައެވެ. ޢަރަބި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު ރައްކައުތެރި ކުރުމަށް މަދަދުވެރި ވާނޭ ވާހަކަ އާއި، މުސްލިމުންގެ މުޤައްދަސް ތަންތަނަށް އަމާޒު ކުރެވިގެން ޢަރަބި ދައުލަތާ ދެކޮޅަށް ބޭރުން އަތުވެއްޖެ ކޮންމެ ޙަމަލާއަކުން އެ ދައުލަތް ރައްކައުތެރި ކޮށްދިނުމުގައި އިނގިރޭސީން ދެމިތިބޭނެ ވާހަކައެވެ.

ބަޣާވާތުގެ ތެރެއިން ވުޖޫދަށް ގެނެވޭ ޢަރަބި ދައުލަތުގެ ސަރަޙައްދާ މެދު ދެކެވުނު ވާހަކަތަކުގެ އިތުރުން، އެ ދައުލަތުގެ ޙުކޫމަތުގެ ކަންކަން ބައްޓަން ކޮށް އިންތިޒާމު ކުރާނޭ ގޮތާ މެދުގައި ވެސް މެކްމާހަން-ޙުސައިން މުރާސަލާގެ ސިޓީތަކުގައި ކޮންމެވެސް ވަރަކަށް މަޝްވަރާ ކުރެވިފައި ވެއެވެ. މަޝްވަރާއޭ ދެންނެވިޔަސް، އޭގައި ހުރީ އެކަންކަމުގައި އިނގިރޭސީން އަދާ ކުރާނޭ ދައުރުތަކެއް ކަނޑައަޅައިފައެވެ. އެގޮތުން، ޙުސައިންގެ "ޢަރަބި އިސްލާމީ ޚިލާފަތުގެ" ޙުކޫމަތުގެ ނިޒާމު ބައްޓަން ކުރާނޭ ގޮތަކާ މެދު އިނގިރޭސީންނަށް ފެންނަ ލަފަޔަކާއި އެހީތެރިކަން ދޭނެ ވާހަކަ ބުނެ، ދެން އޮންނަނީ އިނގިރޭސީން ކަނޑައަޅާ ޝަރުޠުތަކެކެވެ. އެއް ޝަރުޠަކީ ޢަރަބި އިސްލާމީ ޚިލާފަތު ޤާއިމު ކުރުމުގެ ކަންކަމުގައި އިނގިރޭސީން ފިޔަވައި ބޭރުގެ އެހެން އެއްވެސް ފަރާތަކުން ޙުސައިން ލަފައެއް މަޝްވަރާއެއް އެހީތެރިކަމެއް ނުހޯއްދެވުމެވެ. އަނެއް ޝަރުޠަކީ، ޙުސައިންގެ ދައުލަތުގެ ދުސްތޫރީ ކަންކަމާއި ޙުކޫމަތުގެ ކަންކަން ހިންގުމުގައި ޔޫރަޕުން ހޯދާ ކޮންމެ އެޑްވައިޒަރެއް އަދި އޮފިޝަލެއް ވާން ޖެހޭނީ އިނގިރޭސިއަކަށް ކަމުގެ ޝަރުޠެވެ. މި ޝަރުޠުތަކަށް ވެސް ޙުސައިންގެ ޖަވާބުތަކުގައި އެއްބަސް ވެވަޑައިގަތެވެ.

މެކްމާހަން-ޙުސައިން މުރާސަލާ ނިމި، ދެ ފަރާތުގެ ދެމެދުގައި އެ ވީ އެއްބަސްވުންތަކެއް ވެ، "ޢަރަބި އިސްލާމީ ޚިލާފަތެއް" އިނގިރޭސީންގެ ގޮނޑިކޮއްކޮ ދައުލަތެއްގެ ގޮތުގައި އުފެއްދުމަށް ދެބައިމީހުން އެއް ލަވައެއް ކިޔައިގެން، ޙަޤީޤީ އިސްލާމީ ޚިލާފަތާ ދެކޮޅަށް ޢަރަބީންގެ ބަޣާވާތް އިޢުލާން ކުރީ 1916 ވަނަ އަހަރުގެ ޖޫން މަހުގައެވެ. ބަޣާވާތް އިޢުލާން ކުރެއްވުމުގެ ރަމްޒީ ޙަރަކާތެއްގެ ގޮތުގައި އެ މަހުގެ 10 ވަނަ ދުވަހު ޝަރީފް ޙުސައިން އޭނާގެ ގަނޑުވަރުގެ ކުޑަދޮރުކޮޅަކުން ބޭރަށް ބަޑީގެ އުންޑައެއް ޖައްސަވައި، ބޭރަށް އެއް ވެފައި ތިބި މީހުންނާ މުޚާޠަބު ކުރެއްވިއެވެ. މި ގޮތުން ފެއްޓެވި ޚިޔާނާތްތެރި އަދި ޣަދަރުވެރި ބަޣާވާތާ އެކު ޙުސައިން އިޢުލާން ކުރެއްވި ދައުލަތުގެ ނަމަކީ "އަލްމަމްލަކަތުލް ޙިޖާޒިއްޔަތުލް ހާޝިމިއްޔާ" އެވެ.

ބަޣާވާތުގެ ކަންކަމުގައި އިސްތިރާޖީ ލަފާ ދިނުމަށާއި، ޢަރަބި ޢަސްކަރީ ޤިޔާދަތަށް ފަންނީ ލަފާ ދީ މަގު ދައްކައިދިނުން ފަދަ ކަންކަން ކުރުމަށް ޓަކައި މިޞުރުގެ އިނގިރޭސި ލީޑަރުން ޢަރަބި ކަރަޔަށް އެމީހުންގެ އޮފިޝަލުންނާއި އޮފިސަރުންގެ ޖަމާޢަތެއް ފޮނުވިއެވެ. އެ ޖަމާޢަތުގައި ހިމެނޭ އެންމެ މަޝްހޫރު މީހަކީ ތޯމަސް އެޑްވަރޑް ލޯވރެންސް، ނުވަތަ ލޯވރެންސް އޮފް އެރޭބިއާއެވެ. މީނާއަކީ މި ބާވަތުގެ ކަންކަމަށް ފިސާރި ޤާބިލު، ލޯ ހުޅުވޭ، ވިސްނުން ތޫނު، އަދި ހެއިލުންތެރި މީހެކެވެ. މީހުންނާ އެކުވެރިކަން އުފައްދައި މީހުންނާ އެކު ގުޅުންތައް ބާއްވާން ވަރަށް ރަނގަޅަށް ދަންނަ، ޑިޕްލޮމެސީގެ ހުނަރުވެރިކަމާއި ޗާލާކުކަން ހުރި މީހެކެވެ. އޭނާ ޢަރަބި ކަރައަށް އައިސް ޝަރީފް ޙުސައިނާއި އޭނާގެ ބެއިފުޅުންނާ އެކު މަސައްކަތް ކުރާން ފެށީ އެ ޢާއިލާގެ "ޢާއިލީ ރަޙްމަތްތެރިއެއް" ފަދައިންނެވެ. އުޅެމުން ގެންދިޔައީ އެ ބެއިފުޅުންނާ އެކު ކައިބޮއި، އެ ބެއިފުޅުންގެ ކޮނޑުފުޅަށް އަތް ވައްޓައިލައިގެން ސިއްރު ބުނެ، އެ ބެއިފުޅުންނާ އެކު ހީނ ސަމާސާ ކޮށް ފޫހި ފިލުވައި، އެ ބެއިފުޅުންނާ އެކީ ޢަރަބި ހެދުން ލައިގެން ސަހަރާތެރޭގައި ޖަމަލު ދުއްވައި، މި ބާވަތަކުންނެވެ.

ލޯވރެންސާއި އޭނާއާ އެކު އައިސް ތިބި އިނގިރޭސި އޮފިޝަލުން އޮފިސަރުންގެ ބެލުމުގެ ދަށުން، ޝަރީފް ޙުސައިންގެ ބޮޑުންނަށާއި ޢާއިލާއަށާއި ލަޝްކަރަށް އިނގިރޭސީންގެ ފަރާތުން މާއްދީ އެހީތެރިކަން ވެސް ލިބެމުން ދިޔައެވެ. ވަކިވަކި ބެއިފުޅުންނަށް "ހަދިޔާބަދިޔާ" އެވެ. ލަޝްކަރުގެ ޚަރަދުތަކަށް ފައިސާއެވެ. ލަޝްކަރަށް ބޭނުން ވާ ހަތިޔާރާއި އެހެނިހެން އާލަތްތައް ވެސްމެއެވެ. ތާރީޚީ ރިކޯޑުތަކުގައި ވާ ގޮތުން، އިނގިރޭސީން ބަޣާވާތުގެ ތެރޭގައި އެއް މިލިއަން އިނގިރޭސި ޕައުންޑު ޙުސައިނާއި އޭނާގެ އެކުވެރީންނާއި ބާޣީ ލަޝްކަރަށް ދީފައި ވެއެވެ. މިއީ އެ ދުވަސްވަރަށް ބަލައި އިންތިހާ ދަރަޖައިގެ ބޮޑު އެހީއެކެވެ. ޢަރަބި ބާޣީ ލަޝްކަރުގެ ސިފައިން ތަމްރީނު ކުރުމާއި، އެމީހުންނަށް ޢުޘްމާނީންގެ ހަރަކާތްތަކާ ބެހޭ ޖާސޫސީ މަޢުލޫމާތު ހޯދައި ފޯރު ކޮށްދިނުމުގައި ވެސް އިނގިރޭސި އޮފިސަރުން ގެންދިޔައީ މަސައްކަތް ކުރަމުންނެވެ. ބާޣީ ލަޝްކަރުގެ ކޮމާންޑަރުންގެ ގޮތުގައި ތިއްބެވީ ޝަރީފް ޙުސައިންގެ ހަތަރު ފިރިހެން ބެއިފުޅުންނެވެ. އަމީރު ޢަލީ ބިން ޙުސައިން، އަމީރު ޢަބްދުﷲ ބިން ޙުސައިން، އަމީރު ފައިޞަލް ބިން ޙުސައިން، އަދި އަމީރު ޒައިދު ބިން ޙުސައިނެވެ.

ޢަރަބި ބަޣާވާތް ކާމިޔާބު ވެ، ޢުޘްމާނީންގެ އަތުން ޙިޖާޒުގެ ބާރުވެރިކަން ގެއްލި، އެންމެ ފަހަށް ޢުޘްމާނީ ބާރުގެ ދަށުގައި އޮތް މަދީނަތުލް މުނައްވަރާ ބާޣީންގެ އަތްދަށަށް ދިޔައީ 1919 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ބަޣާވާތުގެ ފެށުމާއި މަދީނާ އަތުލައިގަތުމާ ދެމެދުގައި، 1917 ވަނަ އަހަރުގެ ފަހުކޮޅު ބާޣީން ވަނީ ޚިލާފަތުގެ ލަޝްކަރުތަކުގެ އަތުން ޤުދުސް ޝަރީފް ފޭރިގަތުމުގައި ވެސް އިނގިރޭސީންނަށް އެހީތެރި ވެ އެވެރީންގެ ސަފުތަކުގައި މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކޮށްފައެވެ. 11 ޑިސެންބަރު 1917 ގައި، އިނގިރޭސި ޖަނަރަލް އެޑްމުންޑް އެލެންބީ ޤުދުސަށް ވަންނަމުން ބުނެފައި ވަނީ "ޞަލީބީ ހަނގުރާމަ އަދި ކިރިޔާ މި ނިމުނީ" މިހެންނެވެ. އޭނާގެ ގާތުގައި "ނަޞްރުގެ އުފާ ފައުޅު ކުރާން" ކުރީ ސަފުގައި ޢަރަބި ބާޣީންގެ އިސް ބައެއް އޮފިޝަލުން ވެސް ތިއްބެވެ. އެ މަންޒަރުން ވެސް ފެނިގެން ދިޔައީ، ޝަރީފް ޙުސައިނާއި އޭނާގެ ޢާއިލާ އާއި އެކުވެރީން ޢުޘްމާނީ އިސްލާމީ ޚިލާފަތާ ދެކޮޅަށް ކުރެއްވި ބަޣާވާތަކީ ޞަލީބީ ހަނގުރާމައިގެ އެޕިސޯޑެއް ކަމެވެ.

ޢަރަބި ބަޣާވާތަކީ އިސްލާމީ އުއްމަތުގެ ތާރީޚުގައި އެހައިތަނަށް ފާއިތު ވި 1300 ވަރަކަށް އަހަރުގެ ޞަފުޙާތަކުގެ ތެރެއިން ކަޅުކަމާއި އަނދިރިކަން ގަދަ ޞަފުޙާއެކެވެ. މި ބަޣާވާތަކީ އިސްލާމީ ޚިލާފަތު ވެއްޓުމުގެ މައިގަނޑު އެއް ސަބަބެވެ. އިނގިރޭސީންނާއި ފަރަންސޭސީންނާއި ރޫސީން ރާވައި "ސައިކްސް-ޕީކޯ 1916" އެއްބަސްވުމުގައި އެކަށައަޅައިފައި އޮތް ފަދައިން، ހުޅަނގު އޭޝިއާގެ އިސްލާމީ ބިންތައް އިސްތިޢުމާރީ ބާރުތަކުގެ މެދުގައި ކޭކެއްގެ ފޮތިތައް ފަދައިން ބަހައިލުމުގެ ފުރުޞަތު ތަނަވަސް ކޮށްދިން މައިގަނޑު އެއް ސަބަބެވެ. އިނގިރޭސީން ސަހުޔޫނީ ޔަހޫދީންނަށް "ބެލްފޯރ ޑެކްލަރޭޝަން 1917" ގެ ޤަރާރުން ވަޢުދު ވެފައި އޮތް ފަދައިން އެމީހުންނަށް ފަލަސްޠީނުގެ ބިމުގައި ދައުލަތެއް ހެދުމަށް މަގުފަހި ކޮށްދިން މައިގަނޑު ސަބަބެވެ. އިސްލާމީ ޚިލާފަތު، ޔޫރަޕުގެ "ނޭޝަން ސްޓޭޓް" ގެ މަފްހޫމާއި ފަލްސަފާއާ އެއްގޮތަށް ނަސްލީ އަދި ތަޢައްޞުބީ ޤައުމިއްޔަތުގެ ޤުރުބާންގާހުގައި ކަތިލުމުގެ ޖަރީމާގެ ބާނީންނަކީ މި ބަޣާވާތުގެ ލީޑަރުންނާއި ބައިވެރީންނެވެ. މި ބަޣާވާތުގެ އާޚިރު ނަތީޖާ އަކީ 1300 އަހަރު ވީ އިސްލާމީ ޚިލާފަތުގެ ހިޔާވަހިކަމުން އުއްމަތް މަޙުރޫމު ވެ، އުއްމަތް ޔަތީމު ވުމެވެ. ޢަޞަބީ ޤައުމިއްޔަތުގެ ވިހައިން ޢަރަބި އިސްލާމީ ދުނިޔެ ތަޣައްޔަރު ވެ، މުސްލިމް އުއްމަތް ހުޅަނގުގެ ފީކުދާންތަކެއް ފަދަ ދައުލަތްތަކަކަށް ބެހި ބައިބައި ވުމެވެ. މި ކަންކަމާ އެކު، ބަޣާވާތުގެ ވާހަކައިގެ ފަހު ބާބުތައް ލިޔެވިފައި ވަނީ އިސްލާމް ދީނަށާއި އިސްލާމީ އުއްމަތަށް ޣަދަރުވެރި ވާ މުސްލިމުންނާ މެދު ކަން ހިނގާ ގޮތުގެ ޢިބުރަތްތެރި މިސާލުތަކަކުންނެވެ. ޝަރީފް ޙުސައިނާއި އޭނާގެ ޢާއިލާއަށާއި އޭނާގެ އެކުވެރީންނަށް އިނގިރޭސީން ދިން ކޮޅުކެއްސެވެ. އިނގިރޭސީން އުފައްދައިދޭން ވަޢުދު ވި "ޢަރަބި އިސްލާމީ ޚިލާފަތު" އުފައްދައިދިނުމަށް އެމީހުން ކުރީ އިންކާރެވެ. މެކްމާހަން-ޙުސައިން މުރާސަލާގައި އިނގިރޭސީން ވީ ވަޢުދުތަކުގެ ޙަޤީޤަތް އާޚިރުގައި ފެނިގެން ދިޔައީ ޙީލަތާއި ހިންތައިގެ ގޮތުގައެވެ. އިރާދަފުޅު ކުރެއްވިއްޔާ، މި ކޮލަމުގައި ދެން ލިޔާ ލިޔުމެއްގައި އެކަން ހިނގައި ދިޔަ ގޮތުގެ މައްޗަށް ބަލައިލާނަމެވެ.

ނިންމައިލުމުގެ ގޮތުން، އެއް ވާހަކައެއް ދަންނަވައިލާނަމެވެ.

މެކްމާހަން-ޙުސައިންގެ މުރާސަލާގެ ކަންކަން ބާއްވައިފައި އޮތީ ޢަރަބި ބާޣީންނާއި އިނގިރޭސީންގެ މެދުގައި ބޮޑު ސިއްރެއްގެ ގޮތުގައެވެ. އެހެންކަމުން، ބަޣާވާތް ފެށި ނިމިގެން ދިޔަ އިރު ވެސް، ޢަރަބީންގެ ޢާއްމު މުސްލިމުންނާއި ޢުޘްމާނީންނާއި ވަށަވަށައިގެން ހުރި ޤައުމުތަކުގެ މުސްލިމް ރައްޔިތުންނާއި ލީޑަރުންނަށް ވެސް، ބަޣާވާތުގެ ކަންކަން ރޭވިގެން ދިޔަ ގޮތެއް ނޭނގެއެވެ. އިންޑިއާ ފަދަ ތަންތަނުގައި ތިއްބެވި މުސްލިމް ތަޙްރީކުގެ ލީޑަރުންނަށް ވެސް ކަންކަން ހިނގަމުން ދިޔަ ގޮތުގެ ޙަޤީޤަތް އެނގިވަޑައެއްނުގަންނަވައެވެ.

މެކްމާހަން-މުރާސަލާގެ ވާހަކަ ފަޅާއަރައި، ސިޓީތައް ޢާއްމު ވީ އެކަން ހިނގިތާ 23 އަހަރު ފަހުންނެވެ. އެ ވާހަކަ އެންމެ ފުރަތަމަ ޢާއްމު ކުރެވުނީ، އިނގިރޭސި ލިޔުންތެރިޔާ ޖޯރޖް އެންޓޯނިއަސް ލިޔުއްވައި، 1938 ވަނަ އަހަރު ހެމިޝް ހެމިލްޓަނުން ޝާއިޢު ކުރި "ދި އެރެބް އެވޭކެނިންގ" ކިޔާ ފޮތުގައެވެ. އެ ފޮތުގައި ޢަރަބި ބަޣާވާތް ރޭވުމަށް ޓަކައި ސަރ މެކްމާހަން އާއި ޝަރީފް ޙުސައިނާ ދެމެދު ހިނގި މުއާސަލާތުތަކުގެ ވާހަކަތައް ކިޔައިދީ، ބައެއް ސިޓީތައް ވެސް ހިމަނައިފައި ވެއެވެ. މި ފޮތް ޝާއިޢު ކުރެވުމާ ގުޅިގެން، އިނގިރޭސީން ޝަރީފް ޙުސައިނާ ކުރި މުޢާމަލާތުތަކުގައި ބޮޑެތި މަކަރުތަކާއި އޮޅުވައިލުންތައް ގެންގުޅުނުކަމުގެ ތުހުމަތުތައް ކުރެވި، އެތެރެއާއި ބޭރުން ގިނަގުނަ ސުވާލުތަކާއި ފާޑުކިޔުންތަކާއި ޕްރެޝަރު އައިސް، ޑިޕްލޮމެޓިކް ހޫނުފެންއެއްޗަކަށް އިނގިރޭސި ދައުލަތް ވެއްޓުނެވެ. މި މައްސަލަގަނޑުގެ ތެރެއިން އަރައިގަތުމަށް ޓަކައި، އިނގިރޭސި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ މެދުގައި މަޝްވަރާ ކޮށް، ނިންމީ މެކްމާހަނާއި ޙުސައިނާ ދެމެދު ބަދަލު ކުރެވުނު ސިޓީތައް ހާމަ ކޮށް، އެކަމާ ބެހޭގޮތުން އިނގިރޭސީން ކަން ކުރި ގޮތް ދިފާޢު ކޮށް ރިޕޯޓެއް ތައްޔާރު ކުރުމަށެވެ. ދެން، ޢަރަބި ބައެއް މަންދޫބުން ވެސް ހިމަނައިގެން އިނގިރޭސި ސަރުކާރުގެ މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވައިލެވުނެވެ. އެ ކޮމިޓީގައި އިނގިރޭސި ލޯރޑް ހައި ޗާންސެލަރ ވެސް ހިމެނިވަޑައިގަތެވެ. މި ކޮމިޓީ ލިޔެ އެކުލަވައިލި ރިޕޯޓުގެ ނަމަކީ "ރިޕޯރޓް އޮފް އަ ކޮމިޓީ ސެޓް އަޕް ޓު ކޮންސިޑަރ ސާރޓްން ކޮރެސްޕޮންޑެ