މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ "މިސް ޔުނިވާސް" މުބާރާތުގައި ރާއްޖެ ތަމްސީލްކުރުމަށް ދިިވެއްސަކު ވަނީ ގޮސްފައެވެ. އުމުރުން 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމެވެ. އޭނާ ވަނީ 2022 ވަނަ އަހަރު ބޭއްވި ޓޮޕް މޮޑެލް މޯލްޑިވްސް ކާމިޔާބުކޮށްފައެވެ. މިދިޔަ އަހަރު މިސްރުގައި ބޭއްވި ޓޮޕް މޮޑެލް އޮފް ދަ ވޯލްޑް މުބާރާތުގައި ވެސް ޝައިނާ ވަނީ ރާއްޖެ ތަމްސީލުކޮށްފައެވެ.
މި މުބާރާތުގައި ރާއްޖޭން ބައިވެރިވެފައިވާކަން އާންމުކޮށް އިންޑިއާގައި ހުންނަ މެކްސިކޯގެ އެމްބަސީން އަންގާރަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި އަހަރުގެ މިސް ޔުނިވާސްގައި ވާދަކުރާ ޝައިނާ އަށް، މެކްސިކޯ އަށް ދިއުމުގެ ވިސާ ހަމަޖައްސައިދީފައިވާ ކަމަށެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ މިއީ ދިވެއްސަކު މި މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރުކަމެވެ. އެކަން އެމްބަސީން ވެސް ވަނީ ފާހަގަކޮށްފައެވެ. އެކަމަށް ޝުކުރު ވެސް އަދާކޮށްފައިވެއެވެ.
މިސް ޔުނިވާސް މުބާރާތުގައި ޝައިނާ ބައިވެރިވީ އިންޓަނޭޝަނަލް ބިއުޓީ ޕެޖެންޓް ފްރެންޗައިޒް "ޓޮޕް މޮޑެލް" ވެސް ރާއްޖެއަށް ތައާރަފުކުރި ރާއްޖޭގެ އިވެންޓް މެނޭޖުމަންޓް ކުންފުނި "ހީ އެންޑް ޝީ މޯލްޑިވްސް" އިން ދިން ދުރުސަތުގައެވެ.
މި އަހަރުގެ މިސް ޔުނިވާސް މުބާރާތް އަންނަ މަހު 14 އިން 16 އަށް މެކްސިކޯގައި ބާއްވާ އިރު، މިކަމުގައި ވަނީ ވަރަށް ބޮޑު ބަހުސެއް ފެށިފައެވެ. އެއް ބަޔަކު ދެކޭ ގޮތުގައި މިއީ ރާއްޖެ ފަދަ އިސްލާމީ ގައުމަކުން ބައިވެރިވެގެންވާނެ މުބާރާތެއް ނޫނެވެ. މިއީ ރާއްޖޭގެ ނަން ހަޑި ކުރުމަށް ކުރި ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ.
"މިއީ މުންކަރާތެއް. އިސްލާމްދީނާ މުޅީން ހިލާފަށް، ދީނުގައި ވެސް ނަހީކޮށްފައި ހުންނަ ކަންކަން މިއީ. މިފަދަ ކަމެއްގައި ރާއްޖޭން ބައިވެރިވުމަކީ ލަދުވެތިކަމެއް،" އެކްސްގައި މިކަމަށް ފާޑުކިޔައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައިވެއެވެ.
ބައެއް މީހުން ފާހަގަ ކުރި ގޮތުގައި ރާއްޖޭން މިފަދަ މުބާރާތެއްގައި ބައިވެރިވުމަކީ ދިވެހީންގެ ސަގާފަތާއި ދީނަށް ވެސް ލިބޭނެ ދެރައެކެވެ. އަދި މިއީ ރާއްޖޭގެ ނަން ހަޑިކޮށް އިސްލާމްދީނުގެ ފޭރާން ވީދާލައި އެއްލާލުން ފަދަ ކަމެކެވެ.
"ރާއްޖޭގެ ނަމާއި ރާއްޖޭގެ ދިދަ ބޭނުންކޮށްގެން މިފަދަ ހަރާމް ކަންކަން ތަމްސީލު ކުރުމަށް ދިވެއްސަކު ބައިވެރިވުމަކީ މުޅި ގައުމުގެ އަގު ވެއްޓި ގައުމުގެ ނަން ހަޑިވެގެންދާނެ ކަމެއް. މިއީ ހުއްޓުވަން ޖެހޭ ކަމެއް،" ފޭސްބުކްގައި މީހަކު ކޮށްފައިވާ ކޮމެންޓެއްގައިވެއެވެ.
ރާއްޖޭން މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވުން އެއްބަޔަކު ފާޑުކީއިރު، މިފަދަ މުބާރާތެއްގައި ބައިވެރިވުމަކީ ފަހުރެއް ކަމަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ. އަދި މިއީ ރާއްޖެފަދަ ގައުމަކަށް ލިބޭނެ ކުރިއެރުމެއް ކަމަށް ވެސް ބައެއް މީހުން ގަބޫލު ކުރެއެވެ.
"ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވާ ގައުމެއް. މިފަދަ ގައުމަކުން މިކަހަލަ މުބާރާތެއްގައި ބައިވެރިވުމަކީ ރާއްޖެ ޕްރޮމޯޓް ކުރުމަށް ވެސް ލިބޭނެ ބާރެއް. އަންހެން ކުއްޖާއަށް ކާމިޔާބީއަށް އެދެން،" ސޯޝަލް މީޑިއާގައި މީހަކު ކޮށްފައިވާ ކޮމެންޓެއްގައިވެއެވެ.
މިކަމަށް އާންމުންގެ އިތުރުން ސިޔާސީ ބައެއް ފަރާތްތަކުން ވެސް ވަނީ މަރުހަބާ ކިޔައިފައެވެ. އަދި ރާއްޖޭގައި މީގެ ކުރީން ވެސް ޕިޖެންޓް މުބާރާތްތައް ބާއްވާފައިވާކަން ފާހަގަކޮށް، މިފަދަ ކަންކަމަށް ހިތްވަރު ދިނުމަށް ވެސް އެފަރާތްތަކުން ވަނީ ސަރުކާރަށް ގޮވާލައިފައެވެ.
"ދުނިޔޭގެ އެންމެ މަޝްހޫރު އެންމެ ބޮޑެތި މުބާރާތްތަކުގައި ދިވެހި އަންހެން ކުއްޖަކު ދިވެހި ލިބާހުގައި ފެނިލުމަކީ ރާއްޖެއަށް ލިބޭނެ ރީތި ނަމެއް. ދުނިޔެއަށް އިތުރަށް އިޝްތިހާރުވެސް ވާނެ ކަމެއް،" އުނގޫފާރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައިވެއެވެ.
ޝައިނާއަށް ލިބެމުންދިޔަ ތަރުހީބާއެކު ސަރުކާރަށް އިނގިލި ދިއްކުރި މީހުން ވެސް ގިނަވެގެންދިޔައެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ މިއީ ސަރުކާރުގެ ބައިވެރިވުމާ އެކު، ސަރުކާރުގެ ތާއީދާ އެކު ކުރާ ކަމެއްގެ ގޮތުގައި ވެސް ސިފަކޮށްފައެވެ. އަދި މިއީ ސަރުކާރުން ދީން ހިމާޔަތް ކުރުމަށް ނުކުޅެދިފައިވާ މިންވަރު ސާބިތުކޮށްދޭ ކަމެއް ކަމަށް ބުނެ އެ ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑު ކިޔައިފައެވެ.
ޝައިނާގެ މި އަމަލުގައި، ސަރުކާރުގެ ބައިވެރިވުމެއް ނެތް ކަމަށް ބުނެ، އެކަމަށް ރައްދުދީ ސަރުކާރުން ވެސް ވަނީ މިކަން ހުއްޓާލުމަށް ގޮވާލައިފައެވެ. ޔޫތު މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިންގެ ދީނާއި އަގީދާ އާއި ސަގާފަތާ ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމާއި އަދި އެކިއެކި ފަރާތްތަކުން ބާއްވާ އެފަދަ މުބާރާތްތަކާއި ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުމަކީ، ދިވެހި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
"އެފަދަ ކަންކަމަކީ، ދިވެހިން ގަބޫލު ކުރާ އާންމު އަހުލާގީ މިންގަނޑުތަކާއި އުސޫލުތަކާވެސް ހިލާފު ކަމަކަށްވާއިރު، ރާއްޖެ ތަމްސީލު ކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތަކަށް ދިއުން ސަރުކާރުން ކުށްވެރިކުރަން، އެ ހަރަކާތުގައި ބައިވެރިވުމަށް މަސައްކަތް ކުރަމުންދާ ފަރާތުން އެކަން ހުއްޓާލުމަށް ގޮވާލަން،" މިނިސްޓްރީން ބުނެފައިވެއެވެ.
ސަރުކާރުން މިކަން ކުށްވެރިކޮށްފައި ބަޔާނެއް ނެރުމާ އެކު، ސޯޝަލް މީޑިއާގައި އޮތް ބަހުސް އިތުރަށް ހޫނު ގަދަވެ، ދެބަސްވުން ބޮޑުވިއެވެ. އެއް ބަޔަކު ދެކޭ ގޮތުގައި މިއީ ސަރުކާރުން ކުށްވެރި ކުރަންޖެހޭ ކަމެއް ނޫނެވެ. އަނެއް ބަޔަކު ސަރުކާރުގެ ބަޔާނަށް މަރުހަބާ ކިޔައި މިކަން ހުއްޓުވުމަށް ދިޔައީ ގޮވަމުންނެވެ.
ސަރުކާރު ބަޔާން ކުށްވެރިކޮށް އާންމުންގެ ބައެއް ފަރާތްތަކުން ބުނި ގޮތުގައި މިއީ އަންހެނުންގެ ކުރިއެރުމާއި އެކި ރޮނގުރޮނގުން އަންހެނުން ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތަށް ސަރުކާރުން ހުރަސް އެޅުމެވެ. އަދި މިއީ މިފަދަ ރޮނގުރޮނގުން ކުރިއަށްދާން ބޭނުންވާ އަންހެން ކުދީންނަށް ސަރުކާރުން ދިން ވަރަށް ބޮޑު ދެރައެކެވެ.
ދަ ޑިމޮކްރެޓްސްގެ ފާތުމަތު ހަމްދާ މުހައްމަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ތާރީހުގައި މިފަދަ ޕޭޖެންޓްތަކުގައި ޕާކިސްތާނާއި ސައުދީއަރަބިއްޔާ ފަދަ މުސްލިމް ގައުމުތައް ބައިވެރިވެ ވަނަ ހޯދާފައިވާ ކަމަށާއި މިފަދަ ޕޭޖެންޓްތަކަކީ ގައުމުތަކުގައިވާ އިޖުތިމާއީ އަދި އިގުތިސޯދީ އެކި މައްސަލަތަކާއި އޭގެ ސަބަބުތަކާއި ހައްލުތަކާ މެދު ބަައިނަލް އަގުވާމީ ޕްލެޓްފޯމުގައި އަޑުއުފުލުމަށް ބައިވެރީންނަށް ލިބޭ ފުރުސަތެއް ކަމަށެވެ.
"ގިނަފަހަރު ބައިވެރިންގެ މިފަދަ ވާހަކަތަކުން ގައުމަށް ލިބޭ އެކްސްޕޯޝާ އިތުރުވެ، އަޑުއުފުލުނު މައްސަލަތައް ހައްލުކުރުމަށް އިންޓަނޭޝަނަލް އިންވެސްޓްމަންޓާއި ފަންޑުވެސް ލިބިފައި އެބަހުރި. ޔޫތު މިނިސްޓްރީ އާއި މުޅި ގައުމުއެކީ ޝައިނާ މިއަށް ތައްޔާރުކުރުމުގެ ބަދަލުގައި އޭނާގެ ބައިވެރިވުން ކުށްވެރިކުރާ ކުރުމަކީ ބައިނަލް އަގުވާމީ ޕްލެޓްފޯމުގައި ހުދު އަމިއްލަ ގައުމުގެ ކުރިއެރުން މައިތިރިތަކުރުން،" ހަމްދާ ބުންޏެވެ.
ހަމްދާގެ އިތުރުން، އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވެސް ވަނީ ސަރުކާރުން ބަޔާން ކުށްވެރިކުރައްވައި ޝައިނާއަށް ތައުރީފު ކުރައްވައި ޕޯސްޓެއް ކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޝައިނާގެ ޑްރީމް ފުރިހަމަ ކުރުމަށް ހުރަހަކަށް ވެގެން ނުވާނެއެވެ.
"ސައުދީއަރަބިއްޔާއިން ވެސް މިފަހަރު ބައިވެރިވޭ. ބަހުރެއިނާއި ލެބަނަން، އިޖިޕްޓް، މެލޭޝިޔާ އަދި ޕާކިސްތާނުގެ މުސްލިމު އަންހެނުން ވެސް މީގެ ކުރީން ވަނީ ބައިވެރިވެފައި.،" އަމްރު ވިދާޅުވިއެވެ.
ސަރުކާރުގެ ބަޔާނާ އެކު އިތުރު ބަހުސެއް ވެސް ފެށިގެން ދިޔައެވެ. "މިސްޓަ މޯލްޑިވްސް" ބަހުސަށް ދަމައި ވެއްދުމެވެ. ސަބަބު ވަރަށް ވެސް ސާފެވެ. އެއީ ފިރިހެނުން އައުރަ އެއްކޮށް ނިވާ ނުކޮށް، ހަށިގަނޑު "ސޭލް" އަޅުވައިގެން ކުރިއަށް ގެންދާ މުބާރާތަކަށްވުމެވެ.
"ގޯހީ ސަރުކާރުން ވަކި ކަމެއް ގޯސް ކުރީމަ. ރާއްޖޭގެ ޓީވީތަކުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެގެން ބާއްވާ އެއް މުބާރާތް މިސްޓަ މޯލްޑިވްސް އަކީ. އަނެއްކާ ރާއްޖޭން ބޭރުގައި ވެސް މިކަން އެބަ ތަމްސީލް ކުރޭ. ފިރިހެނުން ސީދާ އައުރަ ނިވާ ނުކޮށް އެތިބެނީ. އެކަން ގޯސް ނުވެ މިކަން ގޯސް ކުރުން މައްސަލައަކީ،" ސޯޝަލް މީޑިއާގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައިވެއެވެ.
ބައެއް ފަރާތްތަކުން ބުނި ގޮތުގައި މިއީ އަންހެނުންނާއި ފިރިހެނުން ތަފާތު ކުރުމެވެ. އަންހެނުންނަށް މިފަދަ ފުރުސަތުތައް ބަންދުވާ އިރު، ފިރިހެނުންނަށް މިފަދަ ފުރުސަތުތައް ލިބިގެންދިއުމަކީ އެއްވެސް ގޮތަކަށް އިންސާފުވެރި ގޮތެއް ނޫނެވެ. އަދި މިއީ ހަމަޖެހޭ ގޮތެއް ވެސް ނޫނެވެ.
ފިރިހެނުން އައުރަ ނިވާ ނުކޮށް، ޖަނގިޔަލުގައި މިސްޓަ މޯލްޑިވްސް މުބާރާތްތަކުގައި ފެނިގެން ދިއުމަކީ ގޯސް ކަމެކެވެ. ހަމަ އެހެންމެ. އަންހެނުން އައުރަ ނިވާ ނުކޮށް ފެޝަން ޝޯފަދަ މުބާރާތްތަކުގައި ބައިވެރިވުމަކީ ވެސް ގޯހެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ފާހަގަ ކުރެއްވީ އެކަމެވެ.
"ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތްﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ގައުމަށް ލިބޭނެ ހަގީގީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް!،" ރައީސް، އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
ގިނަ އިލްމުވެރިންގެ އިތުރުން އާންމުން ވެސް ވަނީ މި ދެކަމަކީ ވެސް ސަރުކާރުން ހުއްޓުވަން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައެވެ. އަދި ޖިންސުގެ ގޮތުން ވަކި ބަޔަކަށް "ފޭވާ" ނުކޮށް، ގޯސް ދެކަންތައް ވެސް ކުށްވެރިކޮށް ހުއްޓުވަން ޖެހޭ ކަންކަން ކުރުމަށް ވަނީ ގޮވާލައިފައެވެ.
މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ "މިސް ޔުނިވާސް" ގައި ރާއްޖެ ތަމްސީލު ކުރަން ޝައިނާ ދިއުން ވެގެން ގޮސްފައި މިވަނީ ވަރަށް ބޮޑު ބަހުސެއް އުފެދުނު ކަމަކަށެވެ. މިއީ ރާއްޖެއަށް ފައިދާ ހުރި ރަނގަޅު ކަމެއްތޯ ނޫނީ މިއީ ރާއްޖޭގެ ނަން ހަޑިވެގެންދާނެ ކަމެއްތޯ އޮތީ ސުވާލެއްގެ ތެރޭގައެވެ. މި ބަހުސް ވެސް އަދި އޮތީ ހަމަ ކުރިއަށެވެ. މިކަމާ ގުޅޭ ގޮތުން ޝައިނާ އެއްވެސް އެއްޗެއް ނުވެސް ބުނެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް