ރިޔާސީ އަހަރު ފަށާ ދުވަހަކީ ނޮވެމްބަރު 11 ކަމަށް ކަނޑައަޅަން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވަނީ ސަރުކާރުގެ ފަރާތުން ގާނޫނަށް ގެންނަން ބޭނުންވާ ބައެއް އިސްލާހުތައް ހާމަކުރައްވައިފައެވެ.

"އަޅުގަނޑުމެން ހުށަހަޅަން ގަސްދުކުރާ އިސްލާހެއް އެއީ ރިޔާސީ ދައުރު ފެށޭ ދުވަހަކީ މި ނޮވެމްބަރު 11 ކަމަށް ކަނޑައެޅުމަށްޓަކާ ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅަން. މި ދެންނެވި އިސްލާހަކީ އެ އިސްލާހު ގެނައުމަށްޓަކާ ޕަބްލިކް ރިޕެރެންޑަމްއަކަށް ދާންޖެހޭ ކަހަލަ އިސްލާހެއް ކަމަށްވާތީ މި ކަހަލަ އިސްލާހުތައް އަޅުގަނޑުމެންނަށް ކުޑަކުޑަ ވަގުތުކޮޅެއް ނަގައިގެން އެކަން ކޮށްލެވޭނީ،" އުޝާމް ވިދާޅުވިއެވެ.

ރާއްޖޭގެ ޖުމްހޫރީ ދުވަހަކީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލުކުރުމުން އެ އަހަރުގެ ނޮވެމްބަރު 11 އަށް އާ ރައީސަކު އިންތިހާބު ނުކުރެވުމުގެ ސަބަބުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުވާކުރެއްވީ އެ އަހަރުގެ ނޮވެމްބަރު 17 ގައެވެ. އެ ފަހުން ވެރިކަމުގެ ދައުރު ގުނަމުން އަންނަނީ ނޮވެމްބަރު 17 އިން ފެށިގެންނެވެ.

އުޝާމް މިއަދު ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅާ އިތުރު ބިލުތަކުގެ ތެރޭގައި އެސެޓް ރިކަވަރީ ބިލަކާއި ރާއްޖޭގެ ސަރަހައްދު ކަނޑައަޅައި، އެ ސަރަހައްދެއް ބަދަލެއް އަންނަމަ އަމަލުކުރާނެ ގޮތުގެ ބިލަކާއި މަޖިލިސް މެންބަރުންގެ ރީކޯލް ވޯޓާބެހޭ އިސްލާހެއްގެ އިތުރުން ވެރިކަމުގެ ނިޒާމާ ގުޅޭ އިސްލާހުތަކެއް ހުށަހަޅުއްވާނެ ކަމަށެވެ.

އެ އިސްލާހުތައް ހުށަހެޅުމަށް ފުރަތަމަ ނިންމީ އެއްފަހަރާ ކަމަށްވިޔަސް ތިން ފިޔަވައްސަކަށް ބަހާލައިގެން އެކަން ކުރަން މިހާރު ނިންމާފައިވާ ކަމަށާއި އެގޮތަށް ނިންމީ ބައެއް ބިލުތަކަކީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އިތުރުން ވަރަށް ގިނަ މަރުހަލާތަކެއް ފުރިހަމަ ކުރަންޖެހޭ އިސްލާހުތަކެއް ކަމަށްވުމުން ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.