ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުގެ ލީޑަރަކަށް ހުންނެވިއިރު އެ ކޯލިޝަނުން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕެއިން ހަރަކާތާ ގުޅިގެން ވަކިވަކި ގައުމުތަކާމެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުމަށް، ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަމުރު ކުރައްވައި އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު ބާތިލުކުރަން ޔާމީންގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބާތިލުކޮށްފިއެވެ.

ޔާމީން ސިވިލް ކޯޓަށް އެ މައްސަލަ ހުށަހަޅުއްވާފައިވަނީ 2022 ސެޕްޓެމްބަރު 20 ގަ އެވެ. އެ މައްސަލައިގައި ޔާމީން ވިދާޅުވެފައި ވަނީ "އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާމެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން ނަމުގައި 2022 އެޕްރީލް 21 ގައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ގަރާރަކީ" ގާނޫނުއަސާސީ ހިލާފު އަދި ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންވާ ބާރުތަކާއި މަސްއޫލިއްޔަތުގެ އިމުގެ ބޭރުން ނެރެފައިވާ ގަރާރެއް ކަމަށެވެ.

ޔާމީން ވިދާޅުވެފައިވަނީ އެ ގަރާރަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތައް ހަނިކުރުމަށް ނެރެފައިވާ ޣައިރު ގާނޫނީ ގަރާރެއް ކަމަށެވެ. ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެސް ހައްގެއް އެއްވެސް މިންވަރަކަށް ހިފެހެއްޓުމަށް ނުވަތަ ހައްގެއްގެ ދަށުންކުރާ މަސައްކަތެއް ހުއްޓުވުމަށާއި މަނާ ނުކުރޭނެ ކަމަށް ޔާމީން ވިދާޅުވެފައިވެއެވެ. އެހެންވެ ޔާމީން ވަނީ އެއީ އެއްވެސް ގާނޫނީ ބާރެއް ލިބިގެންނުވާ ގަރާރެއް ކަމަށް ކަނޑައަޅައިދީ އެ ގަރާރު ބާތިލުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ސިވިލް ކޯޓުން އިއްޔެ ވަނީ ޔާމީން ހުށަހެޅުއްވި އެ މައްސަލައާ ގުޅޭގޮތުން ގޮތެއް ނިންމައިފައެވެ.

ސިވިލް ކޯޓުގައި އެ މައްސަލައާ ގުޅިގެން ގޮތެއް ނިންމެވި ގާޒީ އަބްދުއްނާސިރު ޝަފީގު ވިދާޅުވީ މި މައްސަލައާ ގުޅިގެން ޔާމީންގެ ފަރާތްޕުޅުން ކޯޓަށް ހާޒިރުވުމަށް އައްޔަންކޮށްފައިވާ ވަކީލަށް، ކޯޓަށް ހާޒިރުވުމަށް އަންގައި މިދިޔަ އާދިއްތަ ދުވަހު ޗިޓް ފޮނުވައިފައިވާނެ ކަމަށެވެ. އެ ޗިޓް ވަކީލަށް ރައްދުވެފައިވީ ނަމަވެސް އަމުރާ އެއްގޮތަށް ވަކީލު ކޯޓަށް ހާޒިރުވެފައިނުވާ ކަަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ ކޯޓަށް ހުށަހަޅައިފައިވާ މައްސަލައަކާ ގުޅިގެން، އަމިއްލަ ބާރު ނުފޯރާ، ކޯޓަށް ބަލައިގަނެވޭނެ ސަބަބެއް މެދުވެރިވެގެން ނޫން ގޮތަކަށް އަމުރުގައިވާ ވަގުތަށް ދައުވާކުރާ ފަރާތުން ކޯޓަށް ހާޒިރުނުވެއްޖެނަމަ ދައުވާ ފޯމު ބާތިލުކުރުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވާ ކަމަށެވެ.

ސިވިލް ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އަމުރުގައިވާ ތާރީހާއި ގަޑިއަށް ދައުވާކުރާ ފަރާތުން ކޯޓަށް ހާޒިރުވެފައި ނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

"މި މައްސަލައާ ގުޅިގެން، 29 އޮކްޓޫބަރު 2024 ގެ 13:00 އަށް ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުވުމަށް ދައުވާކުރާ މއ. ކާމިނީހުޅަގުގެ/ މާލެ އަބްދުﷲ ޔާމީން އަބްދުއްގައްޔޫމްގެ ފަރާތުން މި މައްސަލައިގައި ކޯޓަށް ހާޒިރުވުމަށް އައްޔަންކޮށްފައިވާ ވަކީލަށް ފޮނުވުނު އަމުރު އެ ފަރާތަށް ރައްދުވެ، މަގުބޫލު އުޒުރެއްނެތި އެ ފަރާތުން ކޯޓަށް ހާޒިރުވެފައި ނުވާތީ، ސިވިލް ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 20 ވަނަ މާއްދާއަށް ރިއާޔަތްކޮށް މި މައްސަލައިގެ ދައުވާފޯމު ބާތިލުކޮށް މި ގަޒިއްޔާ ނިންމަންޖެހެއެވެ." ގާޒީ ވިދާޅުވިއެވެ.

އެހެންވެ ގާޒީ ނިންމެވީ އިއްޔެގެ އަޑުއެހުމަށް ޔާމީންގެ ފަރާތުން ހަމަޖެއްސެވި ވަކީލު ހާޒިރުވެފައި ނުވާތީ އެ މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށް ގަޒިއްޔާ ނިންމުމަށެވެ.