ފުރާޅުގައި ސޯލާ ޕެނަލް ޖެހުމަށް ސަރުކާރުން ފެށި މަޝްރޫއު، "މަގޭ ސޯލާ" ބައިވެރިވުމުގެ ފުރުސަތު އެންވަޔަރަމަންޓް މިނިސްޓްރީން ހުޅުވާލައިފިއެވެ.
"މަގޭ ސޯލާ" ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 14 ހަފުތާގެ މެނިފެސްޓޯގެ ތެރޭ ހިމެނޭ ޕްރޮގްރާމެކެވެ. އެ ޕްރޮޖެކްޓުގެ ބޭނުމަކީ ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށާއި ރާއްޖޭގައި ލިބެން ހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުންކުރުން އިތުރުކުރުމަށާއި އަދި ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓް އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސީލުވުމެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން 17 އަތޮޅަކަށް ލިބޭ ޖުމުލަ ސިސްޓަމްތައް އެ އަތޮޅެއްގެ ކޮންސިއުމަރުންގެ އަދަދުން ބެހިފައިވާ ގޮތް އާންމުކޮށްފައެވެ.
އެ ހުރިހާ އަތޮޅެއް ހިމެނޭހެން ޖުމުލަ 748 ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދޭއިރު މިނިސްޓްރީން ބުނީ އެ ސިސްޓަމްތަކަށް އަގު ނެގުމަށް ހަމަޖެހިފައިވަނީ އެއްފަހަރާ ދައްކާގޮތަށް ނުވަތަ ފަސް އަހަރަށް ބަހާލައިގެން އިންސްޓޯލްމަންޓް ޕްލޭނެއްގެ ދަށުން ކަމަށެވެ. އިންސްޓޯލްމަންޓަށް ނަގާ ނަމަ ކޮންމެ މަހެއްގެ ކަރަންޓު ބިލުގައި، އެ ސިސްޓަމަށް އެ މަހަކު ދައްކަންޖެހޭ އަދަދު ހިމަނާނެ ކަމަށްވެސް ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި މަގޭ ސޯލާ ޕްރޮގްރާމްގެ ދަށުން ދޫކުރެވޭނީ 3 އަދި 5 ކިލޯވޮޓުގެ ސިންގަލް ފޭސް އަދި ތްރީ ފޭސް ސިސްޓަމްތަކެކެވެ. ތިން ކިލޯވޮޓްގެ ސިސްޓަމެއްގެ އަގަކީ 45،000 ރުފިޔާއެވެ. ފަސް ކިލޯވޮޓުގެ ސިސްޓަމެއްގެ އަގަކީ 75،000 ރުފިޔާއެވެ.
- މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދޭނީ ހަމައެކަނި ގޭބިސީތަކަށް
- ގޭބިސީތައް ކަނޑައަޅާނީ އާންމުކޮށް ހުޅުވާލުމުން އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުން
- އެ ޕްރޮގްރާމަށް އެދި ހުށަހަޅާނީ ފެނަކަ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް
- ސޯލާ ޕީވީ ސިސްޓަމް ހަރުކުރެވޭނެ ގެތަކާއި ގެތަކަށް ދޫކުރެވޭ ސޯލާ ޕީވީ ސިސްޓަމްގެ ސައިޒު ކަނޑައަޅާނީ ނެޓް މީޓަރިން އުސޫލުގެ ދަށުން، އަދި ގޭބިސީތައް ސާވޭކުރުމަށް ފަހު
- މި ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދޭ ސޯލާ ޕީވީ ސިސްޓަމަކަށް އެޑްވާންސް ޕޭމަންޓެއް ނުނަގާނެ. ނަމަވެސް، ހަރުކުރުމުގެ ފީގެ ގޮތުގައި ސިސްޓަމުގެ އަގުގެ 10 ޕަސެންޓް ނަގާނެ. އެ 10 ޕަސެންޓަށް ވާ ރުފިޔާ ކޮންޓްރެކްޓުގައި ސޮއިކުރާއިރު ދައްކަން ޖެހޭނެ
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މަގޭ ސޯލާ ޕްރޮޖެކްޓް ނިމުމުން ޖުމުލަ ހަތަރު މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ ކަމަށާއި އެ ޕްރޮގްރާމުގެ ދަށުން ހަރުކުރާ ސޯލާ ޕީވީ ސިސްޓަމްތައް މަރާމާތުކޮށް ބަލަހައްޓަން ޖެހޭނީ އެ ސިސްޓަމެއްގެ ވެރިފަރާތުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު