މެދުއިރުމަތި މިހާރު އޮތީ ގޮވަން ތައްޔާރުވެފައިވާ ބޮމެއްގެ މިސާލުގައެވެ. ދެން ކަންތައް ކުރަންވީގޮތް ނިންމުން މިހާރުއޮތީ އީރާނުގެ އަތްމަތީގައެވެ. އިޒްރޭލުން ވައިގެ ނުރައްކާތެރި ހަމަލަތަކެއް އީރާނަށް ދީފިއެވެ. އާދަވެގެން ކަންކުރާ އުސޫލަށްވުރެ ފާޅުކަންބޮޑު ގޮތަކަށެވެ. މުޅިދުނިޔެއަށް އިޝްތިހާރުވެސްވާ ގޮތަށެވެ. ހަނގުރާމަމަތީ ޖެޓްތަކެއް ބޭނުންކޮށްގެންނެވެ. މި ހަމަލައިގެ ގޮތާއި ބާވަތަށް ބަލާއިރު މިއީ އެއާ އެއްވަރުގެ ނުވަތަ އެއަށްވުރެވެސް ވަރުގަދަ ރައްދެއް ދިނުން ލާޒިމުކުރާ ކަހަލަ އުދުވާނެކެވެ. އީރާނުގެ ރައްދަކަށްވާނީ އަނެއްކާވެސް އިޒްރޭލަށް މިސައިލްތަކެއް އޮއްސައިލުން ބާވައެވެ. މިއަހަރުގެ ތެރޭގައި އެބީދައިން ދެފަހަރަކު ވަނީ އަމަލުކޮށްފައެވެ. އަސްކަރީގޮތުން އިޒްރޭލަށް ރައްދުދިނުމަކީ އީރާނުގެ ކިބައިގައި ބާރު އެބަހުރިކަން އީރާނުގެ ރައްޔިތުންނަށް އަންގަން ސަރުކާރަށް ލިބޭނެ ފުރުސަތަކެވެ. ހަމައެކަނި އީރާނުގެ ރައްޔިތުންނަކަށް ނޫނެވެ. ލުބުނާނުގެ ހިޒްބު ﷲ އާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ޔަމަނުގެ ހޫސީންނަށްވެސް ހިތްވަރަކަށް ވާނެއެވެ.

އެކަމަކު އީރާނުން އިޚުތިޔާރުކުރާނީ ކުރިން މިދެންނެވި މަގުކަމަށް ބުނަން އަދި އަވަހެވެ. މިވަގުތު ބުނަންޖެހެނީ މިއީވެސް ވެދާނެގޮތެއް ކަމުގައެވެ. ހުރިހާ ކަންކަމަށް ބަލައި ވިސްނާއިރު މިދަނޑިވަޅުގައި އިޒްރޭލަށް ރައްދު ދިނުމަށްވުރެ އީރާނަށް ފައިދާބޮޑު ގޮތަކަށްވާނީ ނުދިނުން ކަމަށް ފެނެއެވެ. އަދި އީރާނުގެ ސަރުކާރުން ނިންމާނީވެސް އެގޮތަށް ކަމަށް ލަފާކުރެވެއެވެ. ތަޖުރިބާކާރުން ބޮޑަށް ބުރަވަނީވެސް އެގޮތަށެވެ. ސަބަބުތަކެއް ހުރެގެންނެވެ. އީރާނުން ރައްދުދޭއިރަށް އަނެއްކާވެސް އިޒްރޭލުން ހަމަލާތަކެއް ދޭނެއެވެ. އެގޮތަށް ހަމަލަދޭ ކޮންމެފަހަރަކު އީރާނުގެ ބަލިފައިވެސް ދާނީ އިތުރަށް ހާމަވަމުންނެވެ. އިޒްރޭލުން މިފަހަރު ދިން ހަމަލައިން މާބޮޑު ގެއްލުންތަކެއް ނުލިބޭކަމަށް އީރާނުން ބުންޏަސް ހަނގުރާމަމަތީ ޖެޓުތަކެއް އީރާނުގެ މައްޗަށް އަރައި ވެރިރަށް ތެހެރާނާއި އެނޫންވެސް ބައެއް ތަންތަނަށް ތިން ރާޅެއްގެ ހަމަލާތަކެއް ފޮނުވައިލުމަކީ އާދައިގެ ކަމެއް ނޫނެވެ. އިޒްރޭލުގެ ޖެޓުތަކަށް އީރާނުގެ ވައިގެ ދިފާއު ފޫއަޅުވައިލެވުމަކީ ކުޑަކަމެއް ނޫނެވެ.

ވަކިން ޚާއްސަގޮތެއްގައި ދީނީގޮތުން އީރާނުގެ އެންމެ މުގައްދަސް ސަހަރުކަމަށްވާ ގުމްއަށް ހަމަލަދިނުމަކީ އާދައިގެ ކަމެއް ނޫނެވެ. އީރާނުގެ އަސްކަރީ ހާޑްވެއަރއަށް މާބޮޑު ގެއްލުންތަކެއް ނުލިބުނަސް އީރާނުގެ ސިފައިންގެ ތެރެއިން ހަތަރު މީހަކު މަރުވުމަކީ ކުޑަކަމެއްކަމަށް ނުނިންމޭނެއެވެ. މިކަން މިހެންއޮތަސް މިވަގުތު އީރާނުގެ ބަސްމަގު ހުރިގޮތުން ދޭހަވަނީ މިއީ ސީރިއަސް ނުރައްކާތެރި ހަމަލާތަކެއް ކަމަށް އީރާން ނުދެކޭ ކަމުގައެވެ. މިވަގުތު އިޒްރޭލަށް ސީދާގޮތެއްގައި ރައްދުދިނުމަށްވުރެ ނުދިނުން އީރާނަށް މުހިންމުވަނީ ހަމައެކަނި އަސްކަރީ ސަބަބުތަކަށްޓަކައެއް ނޫނެވެ. އިގްތިސާދީ ސަބަބުތައްވެސް އެބަހުއްޓެވެ. ސިޔާސީ ސަބަބުތައްވެސް އެބަހުއްޓެވެ. ކުރިއަށް އޮތް ދެހަފުތާއެއްހައި ދުވަހުގެ ތެރޭގައި އެމެރިކާގައި އާ ރައީސަކު ހޮވާނެއެވެ. އެމެރިކާގެ ވިސްނުން ބަދަލުވެ އީރާނާ ދެކޮޅަށް އައު ކަންތައްތަކެއް ފެށުމަށް މަގުފަހިވާގޮތަށް ކަންކަން ނުކުރުމަކީ މިވަގުތު އީރާނަށް ވަރަށް މުހިންމުވާނެ ކަމެއްކަމުގައި ފެނެއެވެ.

އީރާނުގެ ރައީސް މަސްއޫދު ޕަޒިޝްކިޔާނު ވިދާޅުވަމުން އެގެންދަވަނީ އީރާނުގެ ނިއުކުލިއަރ މަޝްރޫއުގެ މައްސަލަ ކޮޅެއްގައި ޖެެއްސުމަށް އެމެރިކާއާއެކު މަޝްވަރާކުރަން އީރާން ތައްޔާރަށް އޮތްކަމުގެ ވާހަކައެވެ. އިޒްރޭލުގެ ހަމަލައަށްފަހު އީރާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނުގައިވެސް ބަދަލުހިފުމުގެ ވާހަކަޔާއި ހަރުކަށިކަން އިތުރުކުރުމުގެ ވާހަކައެއް ނެތެވެ. އަސްކަރިއްޔާއިން ބުނެފައިވަނީ އިޒްރޭލުގެ ހަމަލަޔަކީ މާވަރުގަދަ މާނުރައްކާތެރި ހަމަލައެއް ނޫންކަމަށާއި އިޒްރޭލަށް ރައްދުދިނުމަށްވުރެ ގާޒާޔާއި ލުބުނާނުގައި އިޒްރޭލުން ކުރަމުންދާ ހަގުރާމައަށް ނިމުން ގެނެސް ސުލްހަ ގާއިމްކުރެވޭތޯ މަސައްކަތްކުރުން މާބޮޑަށްވެސް މުހިންމު ކަމުގައެވެ. އީރާނުން ކޮންމެ ގޮތަކަށް ނިންމިޔަސް އެ ނިންމުމެއް ނިންމަވާނީ އެގައުމުގެ ރޫހީ ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއީއެވެ. އިޒްރޭލުގެ ހަމަލަޔަށްފަހު ޚާމަނާއީ ވިދާޅުވެފައިވަނީ ކީކޭކަން ބަލާލުންވެސް ވަރަށް މުހިންމެވެ.

މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު އީރާނުގެ ރަސްމީ ފަރާތްތަކާ ވާހަކަފުޅު ދެއްކެވިއިރު ޚާމަނާއީ ގެންގުޅުއްވީ ވަރަށް މައިތިރި ބަސްމަގެކެވެ. ޚާމަނާއީ ވިދާޅުވިއެވެ. އިޒްރޭލުގެ ހަމަލައިގެ ކަންތައް މިންވަރަށްވުރެ ބޮޑުކުރުމެއް ނެތެވެ. އަދި މިންވަރަށްވުރެ ކުޑަކުރުމެއްވެސް ނެތެވެ. ނުވާ ގެއްލުމެއްގެ ވާހަކަ ދެއްކުމެއް ނެތެވެ. އަދި ލިބުނު ގެެއްލުމެއް ވަންހަނާކޮށް ފޮރުވުމެއްވެސް ނެތެވެ. ޚާމަނާއީގެ ވާހަކަފުޅުގައި ބަދަލުހިފުމުގެ ވާހަކައެއް އަދި އިޒްރޭލަށް ރައްދުދިނުން އަވަސްކުރުމުގެ ވާހަކައެއް ވިދާޅެއް ނުވެއެވެ. ބަދަލު ހިފުމުގެ ވާހަކައަކަށް މާނަކުރެވޭ ގޮތަށް އީރާނުން ބުނެފައިވާ ވާހަކައަކީ އިޒްރޭލަށް އަސްކަރީގޮތުން ރައްދުދިނުމުގެ ހައްގު އީރާނަށް ލިބިގެންވާކަމަށާއި އިޒްރޭލަށް ހަމަލަދޭން ފެނިއްޖެނަމަ އެކަން ކުރާނޭ ކަމުގައެވެ. މިއީ މީގެކުރިން ސީދާގޮތެއްގައި އީރާނާ ދެކޮޅަށް އިޒްރޭލުން ހިންގި އުދުވާންތަކަށްފަހު އީރާނުގެ ބަސްމަގުހުރިގޮތާ ވަރަށް ތަފާތު ބަސްމަގެކެވެ.

އީރާނާއި އިޒްރޭލުން އެއްބަޔަކު އަނެއް ބަޔަކަށް ވައިގެ ހަމަލަދޭ ކޮންމެފަހަރަކު އެއްކަމެއް ހާމަވެގެންދެއެވެ. ވައިގެ ދިފާއީ ނިޒާމުގައި ހުންނަ ފޫނުބެދުންތަކެވެ. އޮކްޓޫބަރު އެކެއްގައި އީރާނުން އިޒްރޭލަށް މިސައިލްތަކެއް ފޮނުވައިލިއިރު އޭގެތެރެއިން ގިނަ މިސައިލްތައް އަމާޒަށް ވާސިލްވިއެވެ. އީރާނުގެ މަގުސަދުވެސް ފުރިހަމަވިއެވެ. އީރާނުގެ ބޭނުމަކަށްވީ އީރާން ބޭނުންވެއްޖެނަމަ ބޭނުން ވަގުތަކު ބޭނުންތާކަށް ހަމަލަދެވިދާނެކަން ދެއްކުމެވެ. ހަމައެބީދައިން އިޒްރޭލުން މިފަހަރު ދިން ހަމަލައިގައި އީރާނުގެ ވައިގެ ދިފާއީ ނިޒާމުގައިހުރި ފޫނުބެދުންތައްވެސް ހާމަވެގެން ހިނގައްޖެއެވެ. އީރާނުގެ ވައިގެ ސަރަހައްދުގެ ތެރޭގައި އުދުހުނީ މިސައިލްތަކެއްވެސް ނޫނެވެ. ހަނގުރާމަމަތީ ޖެޓުތަކެވެ. ތިންހަތަރު ގަޑިއިރުވަންދެން އީރާނުގެ ތެރޭގައި އުދުހިއްޖެއެވެ. މިކަމުން އިޒްރޭލަށް އައު ތަޖުރިބާތަކެއްވެސް ކުރެވިއްޖެއެވެ. ދެންފަހަރަކު ކަންކަން ކުރާނޭގޮތުގެ ތަމްރީނުވެސް ލިބިއްޖެއެވެ. އެހެންވީމާ އަވަސް އަރުވާލައިގެން ރައްދުދިނުން ވާނީ ކަތިފިޔަވަޅެއް ކަމުގައެވެ.