އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް އިސްލާހު ހުށަހެޅީ މުއްސަސާތަކުން އެދިގެން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރު އަދި އީސީގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އެ އިސްލާހު ހުށަހެޅުމާއެކު، އިދިކޮޅު ފަރާތްތަކުން ވަނީ ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. އެގޮތުން އެއީ މިނިވަން މުއައްސަސާތަކުގެ މިނިވަން ގެއްލޭނެ އިސްލާހެއް ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެއެވެ.
ހަބީބު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އިސްލާހަކީ އޭސީސީ އާއި އީސީ އާއި އެޗްއާރުސީއެމް އަދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުން ހުށަހެޅި ކަރުދާހެއްގައި ހުށަހަޅާފައިވާ ގޮތް ކަމަށާއި އެއީ ދުނިޔޭގެ ކުރިއަރާފައިވާ އެމެރިކާ ފަދަ ގައުމުތަކުންވެސް އެކަން ކުރަމުން އަންނަ ގޮތް ކަމަށެވެ.
"އީސީ، އޭސީސީގެ ރައީސާއި ނާއިބު ރައީސް، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ގޮތަށް މިހާރު މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާހަކީ މިނިވަން މުއައްސަސާތަކުން 2023 ގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށާއި، އެޓާނީ ޖެނެރަލްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް، އޭސީސީ، އީސީ، އެޗްއާރުސީއެމް އަދި ސީއެސްސީގެ މެންބަރުން ހުށަހެޅި ޕޭޕަރުގައި ހިމެނިފައިވާ ކަމެއް،" އޭނާ ވިދާޅުވިއެވެ.
އެ އިސްލާހާ ގުޅޭގޮތުން އެކްސްގައި ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ އެއްވެސް ބާރެއްގެ ނުވަތަ މިނިވަން މުއައްސަސާއެއްގެ ނުވަތަ އިންތިހާބުކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އެ މަނިކުފާނު މިއަދާ ހަމައަށްވެސް ކުރެއްވި ކަމެއް ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.
"އޭގެ ބަދަލުގައި، އެފަދަ ފަރާތްތަކުން އަދުލުވެރިކަމާއި އިންސާފާއި ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުންދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ގާނޫނާއި ގަވާއިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާހެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ ވާހަކަ ދަންނަވަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި ބިލާއި، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް އީސީގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި އެ ދެ ބިލުގައި ބަޔާންކޮށްފައިވަނީ، މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުުން ހަރުދަނާކޮށް، ކޮމިޝަންތަކަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން އެ ކޮމިޝަންތަކުގެ ރައީސާއި ނާއިބު ރައީސްގެ މަގާމަށް މެންބަރުން އައްޔަންކުރުުމުގައި، އަމަލުކުރަމުން އަންނަ އުސޫލު އެއްހަމަކުރުން ކަމަށެވެ.
ގާނޫނުުގެ ހަތްވަނަ މާއްދާގައި މިހާރު އޮންނަނީ، އެ ދެ ކޮމިޝަނަށްވެސް ރައީސަކާއި ނާއިބު ރައީސަކު އައްޔަންކުރާނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން، އެ ކޮމިޝަންގެ މެންބަރުން ކަމަށެވެ. އަދި އެ މަގާމަށް އައްޔަންކުރާތާ 48 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް، އެކަން ކޮމިޝަނުން އަންގަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ގާނޫނުގެ 15 ވަނަ މާއްދާގެ (ށ)ގައި ބުނަނީ ކޮމިޝަންގެ ރައީސް، މަގާމުން އިސްތިއުފާދިނުމަށްޓަކައި އެކަން ބަޔާންކޮށް ސިޓީއަކުން ކޮމިޝަނަށް ހުށަހެޅުމުން އެމީހަކު މަގާމުން ވަކިވީ ކަމަށެވެ. ނަމަވެސް ނާއިބު ރައީސްކަމުން އިސްތިއުފާދޭން ހުށަހަޅަންޖެހޭނީ ކޮމިޝަންގެ ރައީސަށް ކަމަށްވެސް ބުނެފައިވެއެވެ.
ގާނޫނުގެ ހަތްވަނަ މާއްދާއަށް މި ބިލުން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، ކޮމިޝަންގެ މެންބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސާއި ނާއިބުރައީސެއް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަންވާނެ ކަމަށެވެ.
ކޮމިޝަންގެ ރައީސް ނުވަތަ ނާއިބުރައީސަކު އައްޔަން ކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަނަށް މެންބަރުންގެ ތެރެއިން މީހެއް، ނުވަތަ މީހުންގެ ނަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ ނަންތަކުގެ ތެރެއިން މަޖިލީހުން ފާސްކުރާ މީހަކު، ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ނުވަތަ، ނާއިބުރައީސް ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، ކޮމިޝަންގެ ރައީސް ނުވަތަ ނާއިބުރައީސް އެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން ކޮމިޝަންގެ ރައީސްކަމުގެ މަގާމުން، ނުވަތަ ނާއިބު ރައީސްކަމުގެ މަގާމުން އެމީހަކު ވަކިވީ ކަމަށެވެ.
އޭސީސީގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ނ)ގައި ބުނަނީ ކޮމިޝަންގެ ރައީސާއި ނާއިބު ރައީސް މަސްއޫލިއްޔަތު އަދާކުރަމުން ނުދާކަމަށް ކޮމިޝަންގެ އަގުލަބިއްޔަތުން ފާސްކޮށްފިނަމަ އެބޭފުޅުން މަގާމުން އިސްތިއުފާދޭންވާނެ ކަމަށެވެ. އަދި (ރ)ގައި ބުނަނީ އެގޮތަށް އިސްތިއުފާދިން ނަމަވެސް ކޮމިޝަންގެ މެންބަރުކަމުން ވަކިނުވާނެ ކަމަށެވެ.
ގާނޫނުގެ 11 ވަނަ މާއްދާގެ (ރ) ގައި ބުނަނީ ކޮމިޝަންގެ ރައީސްކަމުގެ މަގާމު ނުވަތަ ނާއިބު ރައީސްގެ މަގާމު ހުސްވެއްޖެނަމަ ގިނަވެގެން 72 ގަޑިއިރުގެ ތެރޭގައި ގާނޫނުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ހުސްވި މަގާމަށް މީހަކު ކޮމިޝަނުން އައްޔަންކުރަންވާނެ ކަަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް 10 ވަނަ މާއްދާގެ (ނ) (ރ) އާއި 11 ވަނަ މާއްދާގެ (ރ) އުނިކުރަން ބިލުގައި ވަނީ ހިމަނައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު