ދެމެހެއްޓެނިވި ގޮތެއްގައި ސަރުކާރުގެ ހައި ސްޕީޑް ފެރީ ހިދުމަތް، އާރުޓީއެލް ހިދުމަތް ދިނުމަށްޓަކައި ފެރީ ޓިކެޓުގެ އަގު ބޮޑުކުރަންޖެހޭ ކަމަސް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ޑްރައިވާސް އެސޯސިއޭޝަނުން ހުށަހެޅި މައްސަލައަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުުގެ އިގުތިސާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފެރީގެ ހިދުމަތް އަގުހެޔޮކޮށް ދިނުމަށް ސަރުކާރުން ދޭން ޖެހޭ ސަބްސިޑީ ވަރަށް ބޮޑު ކަމަށެވެ. އެގޮތަށް އެ ހިދުމަތް ދިގު މުއްދަތަށް ނުދެވޭނެ ކަަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އާރުޓީއެލް ފެރީގެ ހިދުމަތަކީ ރައްޔިތުން ބަލައިގަންނަ ރަނގަޅު ހިދުމަތެއް ކަމަށާއި އެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.
އާރުޓީއެލްގެ ހިދުމަތް ފެށި ފުރަތަމަ އަހަރު ސަބްސިޑީގެ ގޮތުގައި ސަރުކާރުން 48 މިލިއަން ރުފިޔާ ހޭދަކުރި ކަމަށާއި، މިދިޔަ އަހަރު 130 މިލިއަން ރުފިޔާ ހޭދަކުރި ކަމަށެވެ. އަދި މި އަހަރު ނިމޭއިރު އެ އަދަދު 280 މިލިއަން ރުފިޔާ އިން މައްޗަށް އަރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންކަމުން މިހާރު އޮތް މޮޑެލްގައި އެކަން ކުރުމަކީ ދައުލަތަށް ކެެތްވާނެ ގޮތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"އެއީ 20 ޕަސެންޓް ރިކަވަރީ، 80 ޕަސެންޓް ސަބްސިޑައިޒް ކުރަން ޖެހޭ، އޭގެ މާނައަކީ އެއް ބިލިއަން ރުފިޔާ ދާނެއޭ ސަބްސިޑީ އަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެހެންކަމުން ސަބްސިޑީ ލެވެލް 55 ޕަސެންޓަށް ކުޑަކޮށް، 40 ޕަސެންޓަށް ރިކަވަރީ ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.
އަމީން ވިދާޅުވީ އާރުޓީއެލް ހިދުމަތުގެ އަގުތައް ކަނޑައެޅުމަށް އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށެވެ. މީގެ ކުރިން އެމްޑީޕީގެ ސަރުކާރުގައި ވެސް އަގުތައް ކަނޑައެޅީ އިކޮނޮމިކް ކައުންސިލުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު