"ދޭދަރު ރުއިން" ފިލްމަކީ ޕްރޮޑިއުސާ އިލިޔާސް ވަހީދު (އިއްލެ)އާއި އާސިމް އަލީ (ސިމްބެ) ޕްރޮޑިއުސް ކޮށްފައިވާ ގޭންގު ކުށްތަކެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. ވާހަކަ ލިޔެ ޑައިރެކްޓުކޮށްފައި ވަނީ އަލީ އައްޒާމް އެވެ.
"ވަން" އަށް މައުލޫމާތު ދެމުން އިއްލެ ބުނީ، އެ ފިލްމުގައި ދައްކުވައިދޭނީ އެންމެ ދުވަހަކުން ހިނގާ އެކިއެކި ކުށުގެ ހާދިސާތަކެއް ކަމެވެ. ހާއްސަކޮށް ރާއްޖެއިން ބޭރު އަންހެން ކުއްޖަކަށް ދިމާވާ ގޭންގު ކުށްތަކެކެވެ.
"ފިލްމު ޑައިރެކްޓު ކުރަނީ އާ ޑައިރެކްޓަރެއް. ފިލްމުގެ ސްޓޯރީލައިނަކީ އަދި މިހާތަނަށް ރާއްޖޭގައި ނުގެންނަ ކަހަލަ ސްޓޯރީ ލައިނެއް. އެއް ރެއެއްގެ މަތިން ހިނގާ ކްރައިމެއް. ވަރަށް ބޮޑު އެކްސްޕެރިމެންޓަލް މޫވީއެއް. އެންމެ ދުވަހެއްގެތެރޭ ދިމާވާ ކަންކަން މުޅި މޫވީން ފެންނާނީ" އިއްލެ ބުންޏެވެ.
ކުރު ގޮތަކަށް ބުނަނީ ނަމަ އެއީ ރާއްޖޭގައި ދިރިއުޅޭ ނޭޕާލް ކުއްޖަކަށް ދިމާވާ ނުކުންނަން ދަތި ހާދިސާ ތަކެކެވެ. އޭނާގެ ކަންބޮޑުވުން ތަކުގެތެރޭ ކުރެވޭ ކަންކަމާ ގުޅިގެން އާންމުންގެ މީހަކު އެކަމުގައި ބެދި ތާށިވާ ގޮތެވެ.
"އެންމެ ރެއެއްގެ ކްރައިމްތަކެއް. ގޭންގެންގެ ވައިލެންސާއި އެރޭ ހިނގާ ކަންތައްތަކާ އާންމު މީހަކު އޭގެ ތެރޭގައި ބެދިގެންދާ ގޮތް ފިލްމުން ފެނިގެންދާނެ" އިއްލެ ބުންޏެެވެ.
މި ފިލްމުގެ ހާއްސަ އެއްކަމަކީ މި ފިލްމަކީ ބޮޑަށް ޒަމާނީ ވާހަކަދެއްކުން ދައްކުވައިދޭ ޖުމުލަ ހަތަރު ބަހުރުވައިން ވާހަކަދައްކާ ފިލްމެއް ކަމެވެ. އެއީ ނޭޕާލް ބަސް، އިނގިރޭސި ބަސް، ހިންދީ އަދި ދިވެހި ބަހެވެ.
ފިލްމު ބެލުމުގައި ހޭދަވާނެ ވަގުތަކީ އެއްގަޑިއިރާ 20 މިނެޓު ކަމަށް އިއްލެ ބުންޏެވެ. އަދި ޖުމުލަ 20 ޝޯ ދެއްކުމަށް ހަމަޖައްސާފައިވާ އިރު ފިލްމު އަޅުވާނީ އަންނަ ނޮވެމްބަރު 20 ގައި އޮލިމްޕަހުގައެވެ. ޓިކެޓެއްގެ އަގަކީ 150 ރުފިޔާއެވެ.
މި ފިލްމަކީ މާޝަލް އާޓްސް ޓީމުގެ އަސްލު ހުނަރުވެސް ފެނިގެންދާނެ ފިލްމެއްކަން އިއްލެ ވަނީ ޔަގީންކޮށްދީފައެވެ.
"ފައިޓް ސީންތަކުގައި އުޅޭ އެކްޓަރުންނަށް ތިން މަހުގެ މާޝަލް އާޓްސް ޓްރޭނިން ދިނިން. މި ފިލްމުގައި އާ ތަރިން ބޭނުންކޮށްފައި ހުންނާނެ. ބޭނުންކޮށްފަ ހުންނާނީ މާޝަލް އާޓްސް އެނގޭ ކުދިން." އިއްލެ ބުންޏެވެ.
މި ފިލްމުގެ ލީޑިން އެކްޓަރަކީ ޝަރަފު އަބްދުﷲ އެވެ. އެކްޓްރެސްއަކީ މައިހާ ޒާހިރުއެވެ. ވިލަންގެ ރޯލުން ފެނިގެންދާނީ ހާޒިފު މުހައްމަދު އެވެ. ހަމަ އެއާއެކު މުޅީން އަލަށް ނޭޕާލު ކުއްޖަކު ލީޑު ރޯލަކުން މި ފިލްމުން ފެނިގެންދާނެ ކަމަށްވެސް އިއްލެ ބުންޏެވެ.
"އަލަށް ތައާރަފުވާ ނޭޕާލް ކުއްޖެއް. ޝުޝްމާ. އެއް ކެރެކްޓާ އަކީ ބޭރު ކުއްޖަކަށް ދިމާވާކަމެއް. ރާއްޖޭގައި އުޅޭ ބޭރު މީހަކަށް ދިމާވާ ހާދިސާއެއް. އެކުއްޖާ ފްރަސްޓްރޭޓްވާ ގަޑީގައި ނޭޕާލު ބަހުންވެސް ޑައިލޮގު އަންނާނެ. ހިންދީންވެސް ބޭނުންކުރާނެ ދިވެހިންވެސް އަންނާނެ. މިކްސްޑް ލެންގުއޭޖު. ހަތަރު ވަރަކަށް ބަހުން އަންނާނެ." އިއްލެ ބުންޏެވެ.
މުޅި ފިލްމުގައި 28 ކާސްޓުން ބައިވެރިވެއެވެ. ފިލްމު ކުޅުމަށް 45 ދުވަސް ހަމަޖެއްސި ނަމަވެސް އެކި ކުދީންގެ ދުވަހުގެ ތާވަލުތަކާ ޝޫޓިންގް ވަގުތުތައް ދިމާވުމުގައި ދަތިތަކެއް ހުރުމުން 6 މަސް ފިލްމުގެ ޝޫޓިންއަށް ހޭދަވި ކަމަށް އިއްލެ ބުންޏެވެ.
"މިއީ ގިނަ ގޮތްގޮތުން ތަފާތު ސްޓޯރީއެއް ވީމަ ކަމުދާނެ ކަމަށް މިބަލަނީ" އިއްލެ ބުންޏެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް