ޖޫން މަހުގެ ބަދަލުގައި ޖުލައި މަހުން ފެށިގެން 17 ޕަސެންޓަށް ޖީއެސްޓީ ބޮޑުކުރަން ނިންމައި، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ކޮމިޓީން ފާސްކޮށްފިއެވެ.
ސަރުކާރުން ބިލް ހުށަހަޅާފައި ވަނީ، އަންނަ ޖޫން މަހުގެ އެކަކުން ފެށިގެން ޖީއެސްޓީ ބޮޑު ކުރުމަށެވެ.
ނަމަވެސް ބިލް ދިރާސާކުރުމަށް މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީ އާއި އިގުތިސޯދީ ކޮމިޓީގެ ބައްދަލުވުމުގައި، ތާރީހު ބަދަލު ކުރަން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވީ، ޖޫން މަހުން ފެށިގެން އެގޮތަށް ޓެކްސް ނަގަންޖެހޭނަމަ، އެއް ކުއާޓާގައި ދެގޮތަށް ޓެކްސް ހުށަހަޅަން ޖެހޭތީ، ކަންބޮޑުވުން ފާޅުކޮށް، އެ ތާރީހު އެޕްރީލް މަހަށް ނުވަތަ ޖުލައި މަހަށް ބަދަލުކުރަން އެދުމާ ގުޅިގެންނެވެ.
ސައުދުﷲގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.
ރިސޯޓްތަކުގައި ހިމެނޭ ޓެކްސްނެގުން އިސްތިސްނާ ތަންތަނުގެ ގޮތުގައި، މުވައްޒަފުންގެ ކެންޓީން ހިމެނުމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެއީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ ހުށަހެޅުއްވުމެކެވެ.
ޖީއެސްޓީ ބޮޑުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއެވެ. އެ ބިލުގައިވާ ގޮތުން މިހާރު ނަގަމުން އަންނަ 16 ޕަސެންޓުގެ ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑުކުރަން ވަނީ ނިންމައިފައެވެ.
މި އިސްލާހާ އެކު ދައުލަތަށް އިތުރަށް 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު