މާލެ އާއި ރަސްމާލޭގެ ކަނޑުއަޑީގެ ޓަނަލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުޅިން އާދަޔާހިލާފު ވިޝަންއެއް ކަމަށާއި އެކަމަށް ވަގުތު ނަގާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ފެންނަ ޓަނަލަކުން މާލެ އާއި ރަސްމާލެ ގުޅައިލާނެ ކަމަށް ރައީސް ވިދާޅުވެފައިވަނީ، މާލޭގެ މޭޔަރުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި އާދަމް އާޒިމް ހުވާކުރެއްވުމަށް މިދިޔަ މާޗް މަހު ބޭއްވި ރަސްމިއްޔާތުގައެވެ.

ރައީސް ވިދާޅުވެފައިވަނީ، ރަސްމާލެއާއި މާލެއާ ގުޅުވާލުމަށް ފަންނީ، އިނޮވޭޓިވް މަސައްކަތެއް ސަރުކާރުން ފަށާފައިވާ ކަމަށާއި އެގޮތުން މާލެއާއި ރަސްމާލެއާ ދެމެދު ކަނޑުއަޑީގެ ޓަނަލެއް އެޅުމުގެ މަސައްކަތާ ބެހޭގޮތުން އެކަމުގެ ގާބިލުކަން ހުރި ކުންފުނިތަކާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކަމާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ރައީސް އެ ވިދާޅުވަނީ އެ މަނިކުފާނުގެ ވިޝަނެއްގެ ވާހަކަފުޅު ކަމަށާއި ރަސްމާލެއަށް ގުޅިފައި އޮންނާނީ ޓަނަލެއްގެ ތެރެއިން ކަމަށް އެ މަނިކުފާނު އެންވިޝަން ކުރައްވާ ކަމަށެވެ.

"އެކަމަކީ ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖެ އޮންނަން ބޭނުންވާ ގޮތުގެ ތަސައްވަރުކުރައްވައި ވިދާޅުވި ވާހަކައެއް، އެއީ އެ މަނިކުފާނުގެ ވަރަށް ބޯލްޑް ވިޝަންއެއް. އެހެންނަމަވެސް އެއީ ޓައިމްލައިނެއް ދީގެން ކުރެވޭނެ ކަމެއް ނޫން. އެއަށްވުރެ މާބޮޑު، އާދަޔާހިލާފު ކަމެއް އެއީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ ރައީސް އެކަމަށް އެންވިޝަން ކުރެއްވުމުން ދެން އޮންނާނީ އެކަމަށް މަސައްކަތްކުރުން ކަމަށާއި އެއީ މިވަގުތު ދުނިޔޭގެ އެއްވެސް ތަނެއްގައި، ކަނޑުއަޑީގައި ހަދާފައި އޮތް ކަހަލަ އިންފްރާސްޓްރަކްޗާއެއް ނޫން ކަމަށެވެ. އަދި އެއީ މިވަގުތު ދުނިޔޭގައި ފެންނަން ހުރި ޓެކްނޮލޮޖީއެއް ނޫންކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެމެރިކާ އިން ހަނދަށް ދާން ވެސް ޖޯން އެފް ކެނެޑީ އެންވިޝަން ކުރެއްވީ އެއްވެސް މީހަކު ހަނދަށް ގޮސްގެންނެއް ނޫން. އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑުމެން އެމެރިކާ ލެވެލަށް ތަރައްގީވެފައިވާ ވާހަކައެއް ނޫން. އެހެންނަމަވެސް ލީޑަރެއްގެ ހުންނަ، ވަރަށް ހާއްސަ ސިފައެއް އެއީ ވިޝަން، އެންވިޝަން ކުރައްވަން އެނގިވަޑައިގަންނެވުން. އެކަން ކުރައްވަން ކެރިވަޑައިގަތުން،" މިނިސްޓަރު ވިދާޅުވިއެވެ.

އެކަމަކީ ދިވެހި ގައުމަށް ތަރައްގީ ބޭނުންވާތީ، ރައީސް ވަރަށް ބޮޑަށް ބޭނުންފުޅުވެގެން ދެއްކެވި އާދަޔާހިލާފު ވާހަކަފުޅެއް ކަމަށާއި އެކަމާ ގުޅޭގޮތުން ޓެކްނިކަލް ބައެއް މަސައްކަތްތައް މިނިސްޓްރީން ކޮށްފައިވާނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.

"އެހެންނަމަވެސް މި ދެންނެވީ މުޅިން އާ ކަމަކަށްވާތީ، އެއަށް ވަގުތު ވެސް ނަގާނެ. އެކަންތައް ކުރުމަށް ފައިނޭންޝަލީ އަދި ޓެކްނިކަލީ ފީސިބަލިޓީ، މި ހުރިހާ ކަމަކަށް ވެސް ބަލަން ޖެހޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.