"ގެދޮރުވެރިޔާ" ސްކީމަށް ހުށަހަޅާފައިވާ ހުރިހާ ފޯމުތަކެއް އަލުން އިވެލުއޭޓްކޮށް، ވަގުތީ ލިސްޓު އަންނަ މަހުގެ ތެރޭގައި ނެރުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ސްކީމުގެ ދަށުން ފުލެޓު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އެކުލަވައިލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތުކޮށް، އާންމު ފަރާތްތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، އެކަމާ ގުޅޭ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އެކުލަވާލެވުނު "ހައުސިން އެޑްވައިޒަރީ ކޮމިޓީ" އާއި މާލޭ ސިޓީ ކައުންސިލުން އެކުލަވާލި "ހައުސިން ކޮންސަލްޓެޓިވް ކޮމިޓީ" އިން ވެސް ގެދޮރުވެރިޔާ ސްކީމުގެ ދާއިމީ ލިސްޓު އެކުލަވާލާފައިވާ ގޮތް ރަނގަޅުކަމަށް ނުފެންނާތީ، އެ ސްކީމުގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމުތައް ރީ އިވެލުއޭޓްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ މަސައްކަތްތައް ފުރިހަމައަށް ނިންމާލުމަށް އިތުރު ވަގުތު ބޭނުންވާތީ، އަންނަ މަހުގެ ދެވަނަ ހަފުތާގެ ނިޔަލަށް ވަގުތީ ލިސްޓު އާންމުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
މިދިޔަ އޮގަސްޓް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެއްޓެވި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތްކުރަމުން އަންނަ ފުލެޓުތައް މިމަހުގެ ތެރޭގައި ހަވާލުކުރެވޭނެ ކަމަށާއި ސަރުކާރާ ހަވާލުވި އިރު، ހުޅުމާލެ ފޭސް ދޭކުން 4000 ފުލެޓު ހަވާލުކުރުމުގެ މަސައްކަތް އޭސީސީން އޮތީ ހުއްޓުވާފައި ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރީގެ ސަރުކާރުގައި އެކަން އަލުން މުރާޖައާކުރަން ދެ ފަހަރެއްގެމަތިން އޭސީސީން ވަނީ ސިޓީ ފޮނުވާފައި. ނަމަވެސް އެ މަސައްކަތް ހުއްޓައިލުމަށް އޭސީސީން ސިޓީ ފޮނުވީ 16 ނޮވެމްބަރުގައި، އަޅުގަނޑުމެން ވެރިކަމަށް އައިސް އެއްވެސް މަސައްކަތެއް ނުކުރެވި ތިބީ. އެއީ އޭސީސީއަށް 7000 އަށްވުރެ ގިނަ މީހުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ކުރީގެ ސަރުކާރުން ފުލެޓު ލިބުނު ކަމަށް އާންމުކުރި 4،000 މީހުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ޝަރުތު ހަމާނުވާ މީހުންގެ ގޮތުގައި 825 މީހުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު