ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ)ގެ ކުންފުންޏެއް ކަމަށްވާ ހެވީ ލޯޑު މޯލްޑިވްސް ކުންފުނިން ލ. އަތޮޅުގައި ތަރައްގީކޮށްފައިވާ ރަހާ ރިސޯޓެއް ވިއްކާލުމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއުލާނުކޮށްފިއެވެ.
ރަހާ ރިސޯޓަކީ ލ. އަތޮޅު، ފަރެސް، ކުޑަފަރެސް އަދި ބޮޑުހުރާގައި ތަރައްގީކޮށްފައިވާ ރިސޯޓެކެވެ.
ބީއެމްއެލުން މިއަދުކުރި އިއުލާނެއްގައި ބުނީ ލޯނަށް ފައިސާ ނުދެއްކުމުގެ ސަބަބުން ލޯނު ޑީފޯލްޓުވެފައިވާތީ އެ ތިން ރަށް ވިއްކާލުމަށް ނިންމައިފައިވާ ކަމަށެވެ.
އެ ރަށްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ތިން ގޮތަކަށް ބިޑު ކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އެއީ ފަރެސް އަދި ކުޑަ ފަރެސްއަށް ވަކިން، ބޮޑުހުރާއަށް ވަކިން އަދި ތިން ރަށް އެކުގައި ކަމަށް ބީއެމްއެލުން ބުންޏެވެ. ބިޑް ފެށޭނެ އެންމެ ކުޑަ އަގަކީ 23.2 މިލިއަން ޑޮލަރު ކަމަށް ބީއެމްއެލުން ބުންޏެވެ.
އެ ރަށްރަށުގެ ހެޑް ލީޒް ހަމަވަނީ 2064 ވަނަ އަހަރުއެވެ.
ބީއެމްއެލުން ބުނީ އެ ރަށްތައް ގަތުުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަންނަ މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 12ގެ ކުރިން ބަންދުކުރެވިފައިވާ ސިޓީ އުރައިގައި ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އެންމެ މަތިން ބިޑު ހުށަހަޅާފައިވާ ފަރާތުން 100،000 ޑޮލަރުގެ ފީއެއް ފަސް ދުވަސް ތެރޭ ދައްކަން ޖެހޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު