ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ހުސެއިން ޝަމީމު ހުންނެވި އިރު ނިންމާފައިވާ ނިންމުންތަކަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 539 ޝަކުވާއެއް އެކި ފަރާތްތަކުން ހުށަހަޅައިފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ ޝަފީއު އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ ޕީޖީ އޮފީހުން މިހާރު ކުރަމުންދަނީ އެ މައްސަލަތައް ދިރާސާ ކުރުމުގެ މަސައްކަތް ކަމަށެވެ.
"539 މައްސަލައެއް ވަނީ ހުށަހަޅައިފައި. މިހާރު މިދަނީ އެ މައްސަލަތައް ބަލައި ދިރާސާކުރަމުން" ޝަފީއު ވިދާޅުވިއެވެ.
ޕީޖީގެ މަގާމުން ޝަމީމު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް މިދިޔަ މަހުގެ 18 ގައި ވަނީ ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓަރީ އެފެއާޒްގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފު އައްޔަން ކުރައްވައިފައެވެ.
ޕީޖީ އޮފީހުން މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފު ވިދާޅުވެފައިވަނީ އެ އޮފީހުގައި ހުރި އެކިއެކި މައްސަލަތަކާ ބެހޭގޮތުން ރަސްމީކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އައްބާސް ވިދާޅުވެފައިވަނީ އެ މަގާމާ ހަވާލުވެވަޑައިގަތުމުން، އެކި ގޮތްގޮތަށް ވަރަށް ގިނަ ފަރާތްތަކުން ޝަކުވާތައް ހުށަހަޅަމުން ގެންދާ ކަމަށެވެ. އެގޮތުން ސިޓީންނާއި އީމެއިލުންނާއި އެސްއެމްއެސްގެ އިތުރުން ފޯނު ކޯލުތަކުން، މައްސަލަތަކާ ބެހޭ ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވާ ކަމަށް އައްބާސް ވިދާޅުވެފައިވެއެވެ.
އެހެންކަމުން އެ ޝަކުވާތަކާއި އެކި ފަރާތްތަކުން ފާހަގަކުރަން ބޭނުންވާ އެހެނިހެން ޝަކުވާތައް ޕީޖީ އޮފީހަށް ރަސްމީކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލެއްވީ ކަމަށް އައްބާސް ވިދާޅުވެފައިވެއެވެ.
"މި ނިންމީ އެ ހުރިހާ ޝަކުވާއަކާއި އަދި އެނޫންވެސް ހުރި ޝަކުވާތައް ފޯމަލައިޒްކޮށްފައި މި އޮފީހުގެ ސިސްޓަމްގެ ތެރެއިން ރަސްމީކޮށް ޝަކުވާ ހުށަހެޅުމަށް މިއަދުން (މިމަހުގެ އެކަކުން) ފެށިގެން 20 ދުވަހުގެ މުއްދަތަށް ހުޅުވާލަން، މިހާރު ސިސްޓަމްގެ ތެރެއިން ޝަކުވާ ހުށަހެޅޭނެ ގޮތް ހުންނާނީ ހަމަޖެހިފަ، އެހެންވީމަ ވެބްސައިޓް ތެރެއިން ވެސް ޝަކުވާ ހުށަހެޅޭނެ، އޭގެ އިތުރަށް ޕީޖީ އޮފީހުގެ ކޮންމެ ގޮތްޕަކަށް ވަޑައިގެންނެވިޔަސް، މި އޮފީހަށް ވަޑައިގެންނެވިޔަސް ރަސްމީކޮށް ޝަކުވާ ހުށަހެޅޭނެ،" އައްބާސް ވިދާޅުވެފައިވެއެވެ.
އައްބާސް ވިދާޅުވެފައިވަނީ އެ ޝަކުވާތަކުގައި އެ އޮފީހަށް ހުށަހަޅާ މައްސަލަތައް ވަކިވަކިން ބެލުމަށްޓަކައި ޕީޖީ ހިމެނޭގޮތުން ހާއްސަ ކޮމިޓީއެއް އެކުލަވާލައްވާނެ ކަމަށެވެ.
މީގެ އިތުރުން އައްބާސް ވިދާޅުވެފައިވަނީ ކޯޓަށް ހުށަހަޅައި ހިނގަމުންދާ ދައުވާތަކާއި އިސްތިއުނާފަކާ ބެހޭ ޝަކުވާއަކާ ގުޅިގެން ޝަރީއަތް ފަސްކޮށްދޭން އެދޭނީ ހުކުމާ ހަމައަށް ގޮސްފައިވާ މައްސަލަތަކުގައި އެކަނި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު