އިޒްރޭލުން އިރާނަށް ހަމަލާދޭން ފަށައިފިއެވެ.

މީގެ މަހެއް ކުރިން އިރާނުން އިޒްރޭލުން 200 އަށްވުރެ ގިނަ މިސައިލް ފޮނުވައި ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން، އިޒްރޭލުން ވަނީ ރޭގެ ވަގުތެއްގައި އިރާނަށް ހަމަލާ ދީފައެވެ.

އިޒްރޭލުން ވަނީ ވައިގެ މަގުން އިރާނަށް ހަމަލާދީފައިވާ ކަމަށް ބުނެފައެވެ. އަދި ހަމަލާތައް ދީފައިވަނީ އިރާނުގެ މިލިޓަރީ ސަރަހައްދުތަކަށް ކަމަށްވެސް އިޒްރޭލުން ބުނެއެވެ.

އިރާނުގެ ނޫސްތަކުން ވަނީ އެގައުމުގެ އިރު ދެކުނުގެ މިލިޓަރީ ބޭސްތަކަށް ހަމަލާ އަރާފައިވާ ކަމަށް ބުނެފައެވެ. އިޒްރޭލުން ދިން ހަމަލާތަކުގައި މާބޮޑު ގެއްލުންތަކެއް ލިބިފައި ނުވާކަމަށް އިރާނުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.

ހަމަލާ އަށްފަހު އިޒްރޭލުން ވަނީ އިރާނުގެ ޓާގެޓްތަކަށް ހަމަލާ ދީފައިވާ ކަމަށާއި އެގައުމުން ފޮނުވި ޖެޓުތައް ވެސް ސަލާމަތުން އެނބުރި އަތުވެއްޖެ ކަމަށް ބުނެފައެވެ.

އިޒްރޭލުން ހަމަލާ ދޭން ފެށުމާއެކު މެދުއިރުމަތީގެ ބައެއް ގައުމުތަކުން ވަނީ އެގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކޮށްފައެވެ.

އިޒްރޭލަށް ވާގިވެރިވާ އެމެރިކާއިން ވަނީ އިރާނަށް ދިން ހަމަލާގެ މައުލޫމާތު ހަމަލާދިނުމުގެ ކުރިން ލިބިފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެހަމަލާގައި އެއްވެސް ވަރަކަށް ބައިވެރިވެފައި ނުވާނެ ކަމަށް އެމެރިކާއިން ބުނެފައިވެއެވެ.