މިއަހަރުގެ ބަޖެޓުގެ ހޭދަތަކަށް ސަރުކާރު ޖަވާބުދާރީކުރަން ޖެހޭ ކަމަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓަކީ އެހެން ހަރަދުތަކަކަށް ޖަހާ "ރޮކެޓް"އެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށްޓަކައި މިއަހަރުގެ ކުރިއަށްއޮތް ތަނަށް ސަރުކާރުން އިއްޔެ ވަނީ މަޖިލީހަށް 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައިފައެވެ. ބަޖެޓުގެ އިބްތިދާއީ ބަހުސް ނިންމައި ދިރާސާކުރުމަށް މިހާރު ވަނީ ކޮމިޓީއަށް ފޮނުވައިފައެވެ.
ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭގޮތުން، ޕީއެންއެފްގެ ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހޭ އެއްވެސް އަސާސެއް ސަރުކާރަށް ނެތް ކަމަށާއި ސަބަބަކީ ބަޖެޓުގެ ގޮތުގައި މިއަހަރަށް ފާސްކޮށްދިން 49 ބިލިއަން ރުފިޔާ އެއްކޮށް ހޭދަކުރެވިފައި ނުވާތީ ކަމަށެވެ.
"ގާނޫނީ އިމުން ބޭރުން މިހާރު އެ ހަރަދުކުރީ، އެހެންވީމާ ގާނޫނީ އިމަށް ވައްދާކަށް ނޫން މި އުޅެނީ. ޕީއެސްއައިޕީއަށް ނުވަ ބިލިއަން އޮތް އެއްޗަކަށް މިހާރު ހޭދަނުކޮށްފައި، މިހާރު ހަތަރު ބިލިއަން ޕީއެސްއައިޕީއަށޭ ބުނީމަ މަޖިލިސް މެންބަރުން ދީގެނެއް ނުވާނެ. ސަރުކާރު ފުރަތަމަ ޖަވާބުދާރީކުރުވަންވީ،" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީގެ ގޮތުގައި ނުވަ ބިލިއަން ރުފިޔާ ފާސްކޮށްފައިވާ އިރު، އޭގެ ތެރެއިން ހަރަދުކުރެވުނީ އެންމެ ދެ ބިލިއަން ރުފިޔާ ކަމަށާއި ނަމަަވެސް އަނެއް ހަތް ބިލިއަން ހުސްކުރި ގޮތެއް ނޭނގޭ ކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓުގެ ފަސް ބިލިއަންގެ ތެރެއިން ޕީއެސްއައިޕީއަށް ހަތަރު ބިލިއަން ރުފިޔާ ޖަހާފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.
"ޕީއެސްއައިޕީގެ ބަޖެޓަކުން އެ ލާރިއެއް ރިކަރަންޓް ހަރަދަކަށް ނޫނީ އެހެން ކަމަކަށް ނުނެގޭނެ. އެއީ ގާނޫނުއަސާސީއާ ހިލާފު، ބަޖެޓު އުސޫލުތަކާ ހިލާފު. މަޖިލީހުން ފާސްކޮށްފައި އޮތް އެއްޗެއް، މިކަހަލަ ހަރަދެއް ބަދަލެއް ނުކުރެވޭނެ. އެއީ ގާނޫނުއަސާސީއާ ހިލާފު. ޕީއެސްއައިޕީ ބަޖެޓަށް ނުވަ ބިލިއަން ރުފިޔާ ދީގެން، ދެ ބިލިއަން ހޭދަކޮށްފައި، ދެން އަނެއްކާ މި އުޅެނީ ޕީއެސްއައިޕީއަށޭ ފަސް ބިލިއަން ހޯދަން ބުނާ އިރު، އަހަރުގެ ބާކީ އޮތީ ދެ މަސް ދުވަސް. ދެ މަސް ދުވަހުގެ ތެރޭގައި ލާހިކެއް ނޫން ޕީއެސްއައިޕީ ރާއްޖޭގެ އެއްވެސް ދިމާއެއްގައި ހަތަރު ބިލިއަން ހޭދަކުރާކަށް. ދެން އޮތް އަނެއް ބިލިއަން މިއީ ހަމަ ޖަހާ ރޮކެޓެއް،" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ސަޕްލިމެންޓަރި ބަޖެޓުން 440 މިލިއަން ދަނީ ކުންފުނިތަކޭ ބުނެ، އެއީ ވެސް ސިޔާސީ މީހުންނަށް މުސާރަ ދޭން ޖަހާ ރޮކެޓެއް ކަމަށާއި އެކަމަށް މަޖިލީހުން ހުއްދަދީގެން ނުވާނެ ކަމަށެވެ. އަދި އެ ބަޖެޓުގައި 600 މިލިއަނަކީ ކޮންޓިންޖެންސީއަށް ކަމަށް ބުނެފައިވާ އިރު، މި ހިނގާ ބަޖެޓުގައި އޮތް ކޮންޓިންޖަންސީއަށް ވީ ގޮތް ވެސް ނޭނގޭ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު