ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހދ. ނޮޅިވަރަންފަރުގައި އިމާރާތްކުރި 100 ހައުސިން ޔުނިޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު ބާތިލުކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އަންގައިފިއެވެ.

އެޗްއާރުސީއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ފުލެޓުތައް ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލުގައި ރައްޔިތުން ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަމަށްބުނެ، ނޮޅިވަރަންފަރުގެ 279 ރައްޔިތަކު ސޮއިކޮށްފައިވާ ޕެޓިޝަނެއް އެ ކޮމިޝަނަށް ލިބިފައިވާތީ، އެ ޕެޓިޝަނުގައި ރައްޔިތުން ފާހަގަކޮށްފައިވާ ކަންބޮޑުވުންތައް ގާނޫނުގެ ދަށުން ކޮމިޝަނުން ތަހުގީގުކޮށްފައިވާ ކަމަށެވެ.

އެ އުސޫލު މިހާރު އެކުލަވާލާފައި އޮތް ގޮތުގެ ސަބަބުން، އުސޫލުގެ ދަށުން ހައުސިން ޔުނިޓުތައް ދިނުމަށް ކަނޑައަޅައިފި ނަމަ، ހައުސިން ޔުނިޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ހައްގުތައް ގެއްލިގެން ދިއުމުގެ ފުރުސަތު އޮތަތީ، އެކަމަކީ ކޮމިޝަނުގެ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް ހުރި ކަމެއް ކަމަށެވެ. އަދި އުސޫލު އިސްލާހުކޮށް މިހާރު ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމު އަލުން ރީ އިވެލުއޭޓްކުރުމަކީ ވެސް އެންމެ އިންމެ އިންސާފުވެރި ގޮތް ކަމަށް ނުބެލެވޭ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.

"".. ހދ. ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓު ދިނުމަށް މިހާރު އިއުލާންކޮށްފައިވާ ވަގުތީ ލިސްޓު ބާތިލުކުރުމަށާއި، މި ހައުސިން ޔުނިޓުތައް ދޫކުރުމުގެ އުސޫލުގައި ހުރި މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ލިބެންދާނެ ގޮތަށް އުސޫލު އިސްލާހުކޮށް، އަލުން އިއުލާންކުރުމަށާއި އަދި އުސޫލު އިސްލާހުކޮށް އަލުން އިއުލާންކުރާ އިރު، ގާނޫނުއަސާސީ އާއި ކަމާ ގުޅުންހުރި ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ހައްގުތައް ހަނިނުވާނޭ ގޮތަށް އުސޫލު އެކުލަވާލުމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގެ ދަށުން ތިލަދުންމަތީ ދެކުނުބުރި ނޮޅިވަރަންފަރު ކައުންސިލުގެ އިދާރާއަށް ވާނީ އަންގައިފައެވެ..،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.

އެޗްއާރުސީއެމުން ބުނީ އެ ކޮމިޝަނުގެ އެންގުމާ އެއްގޮތަށް އަމަލުކޮށްފައިނުވާ ނަމަ، ގާނޫނުގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެ ވާހަކަ ދަންނަވައި، އެ 100 ހައުސިން ޔުނިޓާ ގުޅޭގޮތުން ތަހުގީގުކޮށްފައިވާ މައްސަލަ ކޮމިޝަނުން ބަލައި ނިންމައި، މައްސަލައާ ގުޅިގެން ނިންމާފައިވާ ގޮތް ނޮޅިވަރަންފަރު ކައުންސިލާއި ހައުސިން މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަދި މައްސަލަ ހުށަހެޅި ފަރާތާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

ނޮޅިވަރަންފަރުގައި 100 ހައުސިން ޔުނިޓު ތަރައްގީކުރުމުގެ މަޝްރޫއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން، 2011 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. އެކި ފަރާތްތަކާ އެ މަޝްރޫއު ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ނަމަވެސް، އެ މަސައްކަތް ހުއްޓުމަކަށް ދިޔައެވެ. މަސައްކަތް ހުއްޓިފައި އޮންނަތާ އަށް އަހަރު ފަހުން އެ މަސައްކަތް އަލުން ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ. އަދި އެ މަސައްކަތް އެއްކޮށް ނިންމިފައިވަނީ 2022 ވަނަ އަހަރުއެވެ.