ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށްޓަކައި މިއަހަރުގެ ކުރިއަށްއޮތް ތަނަށް ސަރުކާރުން ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓުގެ އިބްތިދާއީ ބަހުސް ނިންމައި ދިރާސާކުރުމަށް ބަޖެޓް ކޮމިޓީއަށް ފޮނުވައިފިއެވެ.
މިއަދު ހެނދުނު 11:00 ގައި ފެށި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު މޫޒާ ޒަމީރު ބަޖެޓް ހުށަހެޅުއްވުމާއެކު، ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމުން ދެން ކަން ކުރާނެ ގޮތެއް މަޖިލީހުގެ މިފަހަރުގެ ގަވާއިދުގައި ނެތުމުން އެކަމަށް ކަނޑައަޅާނެ ގޮތެއް ހުށަހެޅުމަށް މަޖިލިސް ރައީސް، މެންބަރުންނަށް ފުރުސަތު ހުޅުވައިލެއްވިއެވެ.
ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވީ މިއަދު މެންދުރު 1:30 ގައި ބަޖެޓް ބަހުސް މަޖިލީހުގައި ފެށުމަށެވެ. އަދި އިބުތިދާއީ ބަހުސްގައި ކޮންމެ މެންބަރަކަށް ފަސް މިނެޓުގެ ފުރުސަތެއް ދެއްވުމަށްފަހު، ބަހުސް ނިމުމާއެކު ބަޖެޓް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމަށެވެ.
އަދި އެއް ދުވަހުގެ ތެރޭގައި ކޮމިޓީން ބަޖެޓް ދިރާސާކޮށް މަޖިލިސް ތަޅުމަށް ފޮނުވުމުން، ބަޖެޓް ރިޕޯޓަށް ވާހަކަދެއްކުމަށް ކޮންމެ މެންބަރަކަށް ދެ މިނެޓުގެ ފުރުސަތެއް ދިނުމަށްފަހު މަޖިލީހުން ބަޖެޓް ފާސްކުރުމަށްވެސް ފަލާހު ހުށަހެޅުއްވިއެވެ.
ފަލާހުގެ އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ، ބާރަށު ދާއިރާގެ ޕީއެންސީ މަޖިލިސް މެންބަރު އިބްރާހިމް ޝުޖާއު އާއި މައިނޯރިޓީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލްއެވެ.
އެގޮތަށް ފާސްކުރުމުން މިއަދުގެ މެންދުރާއި މެންދުރުފަހާއި ހަވީރާއެކު ބަޖެޓް ބަހުސް ކުރިއަށްގެންގޮސް ނިންމަވައިލެއްވިއެވެ.
އެހެންކަމުން ބަޖެޓް ދިޜާސާކުރުމަށް ބަޖެޓް ކޮމިޓީއަށް ފޮނުއްވިކަން މަޖިލީހުގެ ރައީސް އިއުލާންކުރެއްވުމަށްފަހު ޖަލްސާ ނިންމަވައިލެއްވިއެވެ.
ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ. ބަޖެޓާ މެދު މަޖިލިސް ތަޅުމުން ގޮތެއް ނިންމާނީ، މަޖިލީހުން ފާސްކޮށްފައިވާ އެއްދުވަހުގެ މުއްދަތުގެ ތެރޭގައި ކޮމިޓީން ބަޖެޓް ދިރާސާކޮށް، ކޮމިޓީ ރިޕޯޓް މަޖިލިސް ތަޅުމަށް ހުށަހެޅުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު